Support Us

ނިއުކްލިއަ ޕްރޮގްރާމް ހިންގާ އިރާންގެ ފުރުދޫ މަރުކަޒު

އިރާންގެ ފުރުދޫ ނިއުކްލިއަ މަރުކަޒަށް ހަމަލާދޭން އިސްރާއީލުން ތައްޔާރުވަނީ

އިރާންގައި ނިއުކްލިއަ ޕްރޮގްރާމް ހިންގާ ތިން މަރުކަޒަށް މި ދިޔަ މަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކުގައި މާ ބޮޑު ކާމިޔާބެއް ނުލިބުމުން، ފުރުދޫއަށް އަލުން ހަމަލާ ދޭން އިސްރާއީލުން ތައްޔާރުވާން ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފުރުދޫގެ ބިންގަރާސްތަކުގައި ރައްކާކޮށްފައިވާ ތަކެއްޗަށް އިސްރާއީލުން ހަމަލާ ދިނުން އެކަށީގެންވަނީ އެމެރިކާގެ އެހީއާއެކު ކަމަށް ވެސް ބެލެވޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.

ބަންކަރުތައް ހަލާކުކޮށްލެވޭނެ ބޮމާއި ވައިގެ މަގުން ވެސް ހަމަލާ ދިނުން އެކަށީގެންވާ ކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

"އިސްރާއީލުގެ ދައުލަތް ދެމިއޮތުމަށް ހުރި ހުރިހާ ނުރައްކާތަކެއް ނައްތައިލައިނަން،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.

ނިއުކްލިއަ ޕްރޮގްރާމް ހިންގާ އިރާންގެ ނާތާންޒު މަރުކަޒު

މި ދިޔަ މަހު ދިން ހަމަލާތަކުގައި ވަނީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ އިންފްރާސްޓްރަކްޗަރަށް ގެއްލުން ދީ، އިސް ކޮމާންޑަރުންތަކެއް ވެސް ޝަހީދުކޮށްލައިފައެވެ. މި ކަމާ ގުޅިގެން އިރާނުން ވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ) އަށް އެއްބާރުލުން ދިނުން ހުއްޓައިލައިފައެވެ. އޮސްޓްރިއާގައި ގާއިމުކޮށްފައިވާ މި އިދާރާއަކީ ބައިނަލްއަގުވާމީ މިނިވަން މުސްތަގިއްލު ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގުސަދަކީ ނިއުކްލިއަ ހަކަތަ ސުލްހަވެރި ބޭނުންތަކަށް ޕްރޮމޯޓް ކުރުމާއި ދުނިޔޭގައި ނިއުކްލިއަ ހަތިޔާރު އިތުރަށް ފެތުރުނަ ނުދިނުމެވެ.

އިރާނަށް ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުން މިހާރު ވަނީ އޮންލައިންކޮށް ހަނގުރާމަ ކުރުމުގެ ފިޔަވަޅުތައް ފުޅާކުރަން ނިންމައިފައެވެ. އެ ގޮތުން ހުޅަނގުގެ އިންފްރާސްޓްރަކްޗަރާ ދެކޮޅަށް ޑިޖިޓަލް ހަނގުރާމައެއް ކުރަން އެ ގައުމުގެ ބައިވެރިންނާއެކު މިހާރު ވަނީ މަސައްކަތް ފަށައިފައެވެ.

ޔޫރަޕް އިއްތިހާދުން މަސައްކަތް ކުރަމުން އަންނަނީ އިރާން މަސްރަހަށް ޑިޕްލޮމެޓިކް ހައްލެއް ގެނެވޭތޯއެވެ. އިރާނުން ބުނެފައިވަނީ އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ ވާހަކަތައް އަލުން ފެށުމުގެ ކުރިން ގައުމުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

އައި.އޭ.އީ.އޭއާ ހުރިހާ ގުޅުމެއް ކަނޑައިލަން އިރާންގެ ޕާލަމަންޓުން ނިންމުމާ ގުޅިގެން، އިރާންގެ ސަލާމަތާ ބެހޭ އެންމެ އިސް ކައުންސިލުން ހުއްދަ ނުދެނީސް، އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތައް ބަލަން ބައިނަލްއަގުވާމީ ފަރާތްތަކަށް ފުރުސަތު ނުދޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ނިއުކްލިއަ ޕްރޮގްރާމް ހިންގާ އިރާންގެ އިސްފަހާން މަރުކަޒު

އިސްރާއީލުން ވަނީ އެމެރިކާއާ ގުޅިގެން އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ ނާތާންޒު އަދި އިސްފަހާންއަށް ވެސް ހަމަލާތައް ދީފައެވެ.

ހަމަލާތަކާ ގުޅިގެން އިރާނުން ވަނީ، އެމެރިކާ އާއި އިސްރާއީލަށް ޖާސޫސް ކުރި ކަމަށް ޝައްކު ކުރެވޭ 700 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އަދި ގައުމުގެ ސަލާމަތަށް ނުރައްކާވާނެ ގޮތަށް އަމަލު ކުރި ގިނަ ބަޔަކަށް މަރުގެ ހުކުމް ވެސް ވަނީ ތަންފީޒުކޮށްފައެވެ. މީގެ އިތުރުން މީހުން ސާވޭލަންސް ކުރުމުގެ ބާރުތައް ވެސް ވަނީ ފުޅާކޮށްފައެވެ.

އިރާނުން އަދިވެސް ބުރަވަމުން އަންނަނީ ހޮރުމުޒު ކަނޑުއޮޅި ބަންދުކޮށްލައި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުން އަރުވައިލައިށެވެ. އެމެރިކާއިން އިރާނާ "ކުޅުމަށް" ބިރުގަންނަވާލުމުގެ ގޮތުންނެވެ. ޑިޕްލޮމެޓިކް ގޮތުން އިރާން އެކަހެރިކޮށްލުމާއި އެ ގައުމަށް ކުރިމަތިކޮށްފައިވާ އިގުތިސާދީ ދަތިކުރުމާއި އަދި ދާހިލީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް މުހިންމު ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އިރާނުން ވަނީ ބުނެފައެވެ.

ޑިޕްލޮމެޓިކް ގޮތުން އިރާން މަސްރަހު ހައްލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ޔޫރަޕްގެ އިއްތިހާދުން ބުނީ މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމައަކަށް އިރާން މަސްރަހު ބަދަލުވެގެން ނުދިއުމަށް އެދޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *