Support Us

ކޮލަމް ގަލަން: ސިޔާސީ ލީޑަރެއްގެ ސިފަތައް- 22

މީހުންގެ ޢައިބުތައް ބޭޒާރުނުކުރުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ މީހުންގެ ޢައިބުތައް ބޭޒާރުނުކުރުމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ކުރު ވާހަކައެއް

ބުނެވެއެވެ. ހަމަ ކަށަވަރުން عقبة بن عامر (رضي الله عنه) ގެ ކާތިބަކު ހުއްޓެވެ. އަދި އެ ކާތިބުގެ އަވަށްޓެރިއަކު ބަނގުރާ ބޮއެ އުޅުނެވެ. ފަހެ އެއް ދުވަހަކު އެ ކާތިބުމީހާ މާތް الله ރުއްސުންލެއްވި عقبة ގެފާނަށް ދެންނެވިއެވެ. ހަމަ ކަށަވަރުން ތިމަންގެ އަވަށްޓެރިއަކު ރާބޮއެ އެބަ އުޅެއެވެ. އަދި އެ މީހާގެ ވާހަކަ ސިފައިންނަށް އަންގަން ތިމަންނަ އެބަ ގަސްތުކުރަމެވެ. އެ ހިނދު މާތް الله ރުއްސުންލެއްވި عقبة ގެފާނު ވިދާޅުވިއެވެ. ތިގޮތަށް ނަހަދާށެވެ. ނަމަވެސް އޭނާއަށް ނަސޭހަތް ދޭށެވެ. އެ ހިނދު އެ ކާތިބުމީހާ ދެންނެވިއެވެ. ތިމަންނަ އޭނާއަށް ނަސޭހަތްތެރި ވީމެވެ. ނަމަވެސް އޭނާ އެ ކަމަކުން ދުރުހެލިއެއް ނުވިއެވެ. އެހެންވިމާ އޭނާ ސިފައިންނާ ހަވާލުކުރުން ނޫން އެހެން ގޮތެއްނެތެވެ.

އެ ހިނދު عقبةގެފާނު ވިދާޅުވިއެވެ. ތިބާއަށް މާތްالله ހެޔޮގޮތް މެދުވެރިކުރައްވާށިއެވެ. ތިބާ އެއްގޮތަކަށް ވެސް ތިޔަގޮތަށް ކަންތައް ނުކުރައްވާށެވެ. ފަހެ ހަމަ ކަށަވަރުން ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު ހަދީސުކުރެއްވިއެވެ. «مَنْ رَأَى عَوْرَةً فَسَتَرَهَا كَانَ كَمَنْ أَحْيَا مَوْءُودَةً» [1]، މާނައީ:- މީހެއްގެ عيبއެއް ފެނުމުން އެކަން ސިއްރުކޮށްފި މީހާ ވާހުށީ މަރުވެފައިވާ މީހެއް ދިރުއްވި ފަދައިންނެވެ.

ދަންނައެވެ. މީހަކު އެފަދަ ކުށެއް ނުހުއްޓައި ތަކުރާރުކުރާ ނަމަ އަދި އެ ކަމުގެ ސަބަބުން މުޖުތަމަޢުގެ އެހެން އަފުރާދުން ހަލާކުވުމަށް މަގުފަހިވާ ނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭނެއެވެ.

ކުރު ވާހަކައެއް

ބުނެވެއެވެ. އެއް ފަހަރަކު މާތްالله ރުއްސުންލެއްވި عمرގެފާނު އިންނެވި މަޖިލިސެއްގައި ތިބި މީހުންގެ ތެރެއިން މީހަކު ވައިބޭރުކުރިއެވެ. އަދި އެ މީހާ ބޭރަށް ނެރެ وضوءކުރުވުމަށް عمرފާނު ގަސްތުކުރެއްވިއެވެ. އަދި އެގޮތަށް އެ ކަން ތަންފީޒު ނުވަނީސް جريرނަމަކަށް ކިޔުނު ބޭކަލަކު عمرގެފާނަށް ދެންނެވިއެވެ. އޭ عمرގެފާނެވެ. މި މަޖިލިސްގައި ތިބި އެންމެން وضوء ކޮށްގެން އަނބުރާ މަޖިލިސަށް ވަނުން ކިހިނެއްތޯއެވެ؟ އެ ހިނދު އެ ލިބިވަޑައިގަތް ރައުޔުގެ މައްޗަށް އުފާފުޅުކުރެއްވިއެވެ. އަދި އެ ފަރާތަށް ޝުކުރުވެރިވަމުން ވިދާޅުވިއެވެ. މާތްالله ތިބާއަށް رحمة ލައްވާނެވެ. ތިބާއަކީ ޖާހިލީ ޒަމާނުގައި ވެސް ހެޔޮލަފާ ބޭކަލެކެވެ. އަދި އިސްލާންވެވަޑައިގެންނެވުމަށް ފަހު ވެސް އެ ފަދަ ހެޔޮލަފާ ބޭކަލެކެވެ.

އައިބުތައް ފޮރުވުމަކީ ކޮބައި؟

އެއީ މީސްތަކުންގެ އުނި ސިފަތަކާއި އެ މީހުންގެعيبތައް ބޭޒާރުނުކޮށް ސިއްރު ކުރުމެވެ.

މީސްތަކުންގެ عيبތައް ފޮރުވުމަކީ اللهُ سُبْحَانَهُ وَتَعَالى ރުއްސަވާވޮޑިގަންނަވާ ސިފައެކެވެ. އެ إلهގެ އަޅުތަކުންގެ عيبތައް ދުނިޔެމަތީގައްޔާއި آخرة ދުވަހުން ފޮރުއްވުމަށް އެ ކަލާނގެ މިންވަރު ކުރައްވައެވެ.

ކީރިތި ރަސޫލާ ﷺ ހަދީސްކުރެއްވިއެވެ. وَعَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «يُدْنَى الْمُؤْمِنُ يَوْمَ الْقِيَامَةِ مِنُ رَبِّهِ حتَّى يَضَعَ كَنَفَهُ عَلَيهِ، فَيُقَرِّرَهُ بِذُنُوبِهِ، فَيَقُولُ: أَتَعْرِفُ ذَنْبَ كَذَا؟ أَتَعْرِفُ ذَنْبَ كَذَا؟ فَيَقُولُ: رَبِّ أَعْرِفُ، قَالَ: فَإِنِّي قَدْ سَتَرْتُهَا عَلَيْكَ فِي الدُّنيَا، وَأَنَا أَغْفِرُهَا لَكَ الْيَومَ، فَيُعْطَى صَحِيفَةَ حسَنَاتِهِ»[2]، މާތް الله އެބަފައިކަލުންނަށް ރުއްސުން ލެއްވި عبد اللَّه بن عمرގެ ކިބައިން ރިވާކުރެއްވެވިއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު ހަދީސުކުރެއްވެވިއެވެ. ގިޔާމަތް ދުވަހު اللهُ سُبْحَانَهُ وَتَعَالى މުއުމިނުން ކާރިކުރައްވައިވޮޑިގަންނަވައި އެ ކަލާނގެ رحمة އަށް އެބައިމީހުން ކުއްތަން ކުރައްވާނެތެވެ. އަދި محشرގެ އެއްވެސް ބަޔަކަށް ނޭނގޭ ގޮތަށް އެ މީހުން ލައްވާ އެ މީހުން ކޮށްފައިވާ ފާފަތަކަށް އެއްބަސްކުރުއްވާ ނެތެވެ. އަދި ވަޙީކުރައްވާނެތެވެ. ތިބާ އެވެނި ފާފައެއް ކުރިކަން ހަނދާން އެބަހުރި ހެއްޔެވެ؟ ތިބާ މިވެނި ފާފައެއް ކުރިކަން ހަނދާން އެބަހުރި ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ހަނދާން އެބަހުއްޓެވެ. ވަޙީކުރައްވާނެތެވެ. ފަހެ ހަމަ ކަށަވަރުން ތިމަން ރަސްކަލާނގެ ވޮޑިގެންވީ ތިބާގެ ފާފަތައް ދުނިޔެއިން ފޮރުއްވައިގެންނެވެ. އަދި މިއަދު ތިމަން ރަސްކަލާނގެ ތިބާއަށް އެ ފާފަތައް ފުއްސަވައިވޮޑިގެންފީމުއެވެ. ދެން އެ އަށްފަހު އެ މީހަކަށް ހެޔޮކަމުގެ ފަތްކޮޅު ދެއްވައިފާނެތެވެ.

މީހުންގެ عيبތައް ފޮރުވުމުގައި ސިޔަސީ ލީޑަރުންގެ ސިޔާސަތު

މީހެއްގެ އައިބެއް ފޮރުވުމުގައި ސިޔާސީ ލީޑަރުން ރިއާޔަތްކުރަން ޖެހޭ ތިން ކަމެއްވެއެވެ. އެއީ އެ ކަމެއްގައި މީހެއްގެ ހައްގެއް ވޭތޯއާއި އެ ކަމަކުން މަސްލަހަތެއް ގެއްލިދާނެތޯ އާއި އެ ކަމެއްގައި ޝަރުޢީ ހެކިބަހެއް ވޭތޯއެވެ.

1- މީހެއްގެ ހައްގެއް ގެއްލިގެން ހިނގައިދާނެ ކަމަކަށް ނުވުން.

މީހުން ކުރާ ފާފަތަކުގެ ސަބަބުން އެހެން މީހެއްގެ حقއެއް ގެއްލިގެން ހިނގައިދާ ނަމަ އެ ކަމެއް ސިއްރުކުރާކަށް ނުޖެހޭނެއެވެ. އެފަދަ ކަންތައްތައް ކަމާބެހޭ ފަރާތަށް އެންގުން مستحب ވެގެންވެއެވެ. އެ ފަދަ ކަންތައް ކަމާބެހޭ ފަރާތަށް ނުއަންގާ ސިއްރުކުރުމަކީ ދީނީގޮތުން މަނާކަމެކެވެ. އަދި ގާނޫނީގޮތުން ވެސް ކުށެކެވެ.

2- މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމަކަށް ނުވުން.

މީހަކު ކުރި ފާފައެއް ސިއްރުކުރުމުގެ ސަބަބުން އެ މީހަކަށް އެ ފާފައެއް މަތީ ދެމިހުރުމަށް މަގުފަހިވާ ގޮތް މެދުވެރިވުމެވެ. އަދި އެ ކަމުގެ ސަބަބުން مجتمعގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާ ގޮތް މެދުވެރިވުމެވެ. އެ ފަދަ ވަގުތު އެ އައިބެއް ސިއްރުނުކޮށް ފާޅުކުރުމަކީ އެ ކަމުގައިވާ އިންސާފުވެރިގޮތެވެ.

3- ހެކިބަސް އަދާކުރަން މެދުވެރިނުވުން.

މީހަކު ކުރި ފާފައަކާ ގުޅިގެން އެ ކަމުގެ މައްޗަށް ހެކިބަސް އަދާކުރަން މެދުވެރިވާ ވަގުތުގައި އެ އައިބެއް ސިއްރުނުކޮށް ބަރާބަރަށް ހެކިބަސް އަދާކުރަންޖެހެއެވެ. މާތްالله ވަޙީކުރެއްވިއެވެ. وَإِن كُنتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا كَاتِبًا فَرِهَانٌ مَّقْبُوضَةٌ ۖ فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ الَّذِي اؤْتُمِنَ أَمَانَتَهُ وَلْيَتَّقِ اللَّهَ رَبَّهُ ۗ وَلَا تَكْتُمُوا الشَّهَادَةَ ۚ وَمَن يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ ۗ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ [3] މާނައީ:- ތިޔަބައިމީހުން (ދަރަނީގެ މުއާމަލާތެއް ކުރާ ހިނދު) ދަތުރެއްގެ މަތީގައިވެފައި ލިޔާނެ މީހަކު ތިޔަބައިމީހުންނަށް ނުލިބުނު ނަމަ، ފަހެ، އަތުގައި ބާއްވާ ރަހުނެއް ދޭހުށިކަމެވެ! ފަހެ، ތިޔަބައިމީހުންކުރެ އެކަކު އަނެކަކާ އަމާނާތެއް ހަވާލުކޮށްފި ނަމަ، ފަހެ، އެ އަމާނާތާ ހަވާލުވި މީހާ، އޭނާގެ އަމާނާތް ރައްދުކުރާ ހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّهއަށް، އޭނާ تقوىވެރިވާހުށިކަމެވެ! އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. اللَّهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މީހުންގެ عيبތައް ފޮރުވުމުގެ މާތްކަން

وَعَنِ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْـمُسْلِمُ أَخُو الْمُسْلِمِ، لَا يَخُونُهُ، وَلَا يَكْذِبُهُ، وَلَا يَخْذُلُهُ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ؛ عِرْضُهُ وَمَإله وَدَمُهُ، التَّقْوَى هَاهُنا، بِحَسْبِ امْرِىءٍ مِنَ الشَّرِّ أَنْ يَحْتَقِرَ أَخَاهُ الْمُسْلِمِ»[4]، މާތްالله ރުއްސުންލެއްވި أَبو هريرةގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވެވިއެވެ. މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚަކެވެ. އޭނާ އޭނާގެ އަޚަކަށް ޚިޔާނާތްތެރިއެއް ނުވާނެއެވެ. އަދި އޭނާ އޭނާގެ އަޚަކަށް ދޮގެއް ނަހަދާނެއެވެ. އަދި އޭނާ އޭނާގެ އަޚަކަށް އެހީއަކަށް ބޭނުންވާ ވަގުތެއްގައި އެހީނުވެއެއް ނުހުންނާނެއެވެ. އެއް މުސްލިމަކަށް އަނެއް މުސްލިމެއްގެ މައްޗަށްވަނީ އޭނާގެ އަބުރާއި އަދި އޭނާގެ މުދަލާއި އަދި އޭނާގެ ލޭ ހަރާންވެގެންނެވެ. تقوى ވެރިކަން ވަނީ މިތާނގައެވެ. (އެބަހީ: ހިތުގައެވެ.) ތިމާގެ އަޚަކަށް ނިކަމެތިކޮށް ހިތާ މީހާ ނުބައި މީހަކަށް ވުމަށް ފުދެއެވެ.

وَعَنْهُ قَالَ: قَالَ رَسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّمَ: «لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إِخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَحْقِرُهُ، التَّقْوَى هَاهُنَا»، وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ، «بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ، دَمُهُ وَعِرْضُهُ» [5]، އަދި އެ صحابي (އެބަހީ މާތް الله ރުއްސުންލެއްވި أَبو هريرة)ގެ ކިބައިން ރިވާވެގެން ވެއެވެ.

ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވެވިއެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ހަސަދަވެރިނުވާށެވެ. އަދި ތިޔަބައިމީހުން އެ މުދާ ގަތުމުގެ މަގުސަދަކާ ނުލައި (ތަކެތި ނީލަންކިޔާ ހިނދު) މުދަލުގެ އަގު މައްޗަށް އެރުވުމަށް ޓަކައި އޭގެ އަގުމައްޗަށް ކިޔަމުން ނުދާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެތިނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުން އެކަކުގެ ވިޔަފާރީގެ މައްޗަށް އަނެކަކުގެ ވިޔަފާރި އިސްނުކުރާށެވެ. އޭ اللهގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللهގެއަޅުން ކަމުގައި ވާހާލު އަޚުންތަކެއް ކަމުގައިވާށެވެ. މުސްލިމަކީ އަނެއް މުސްލިމުގެ އަޚެކެވެ. އޭނާ އޭނާގެ އަޚަކަށް އަނިޔާއެއް ނުކުރާނެއެވެ. އަދި އޭނާ އޭނާގެ އަޚަކަށް އެހީތެރިކަމެއް ބޭނުންވާ ވަގުތު އެހީނުވެއެއް ނުހުންނާނެއެވެ. އަދި އޭނާ އޭނާގެ އަޚަކަށް ނިކަމެތިކަމުގެ ލޮލުން ނުއެއްދެކޭނެއެވެ. تقوىވެރިކަން ވަނީ މި ތާނގައޭ ވިދާޅުވެ އެ ކަލޭގެފާނުގެ އަމިއްލަ މޭފުޅަށް ތިން ފަހަރު އިޝާރާތް ކުރެއްވިއެވެ. ތިމާގެ އަނެއް މުސްލިމު އަޚަކަށް ނިކަމެތިކަމުގެ ލޮލުން ބަލައިފި މީހާ ނުބައިމީހަކަށް ވުމަށް ފުދެއެވެ. އެއް މުސްލިމު އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ ލެޔާއި އޭނާގެ މުދަލާއި އޭނާގެ އަބުރު ވަނީ ހަރާންވެގެންނެވެ.

 

[1] رواه أبو داود، كتاب الأدب، باب في الستر على المسلم، (4891)، وضعفه الألباني في ضعيف الجامع الصغير وزيادته، (5590).

[2] رواه البخاري، كتاب المظالم والغصب، باب قول الله تعالى: )أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ(، (2441)، ومسلم، كتاب الرقائق، باب قبول توبة القاتل وإن كثر قتله، (2768).

[3] سورة البقرة: 283.

[4] رواه الترمذي، أبواب البر والصلة، باب ما جاء في شفقة المسلم على المسلم، (1927)، وصححه الألباني في مشكاة المصابيح، (4959).

[5] رواه مسلم، كتاب البر والصلة والآداب، باب تحريم ظلم المسلم، وخذله، واحتقاره ودمه، وعرضه، وماله، (2564).