ފޯނާ ނުގުޅައި ހުސް ޗާޖަރެއް އޮންކޮށްފައި ބެހެއްޓުމަކީ ގެއްލުމެއް ނެތް އާދައިގެ ކަމެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. މި ގޮތަށް ކަންތައް ކޮށްފި ނަމަ ފުރާނައަށް ނުރައްކާ ވާވަރުގެ ގެއްލުންތައް ވެސް ކުރިމަތިވެދާނެއެވެ.
އެ ގޮތުން މި ބަލައިލަނީ ފޯނަށް ނުޖަހައި ޗާޖަރު އޮންކޮށްފައިވާ ނުބަހައްޓަންވީ ތިން ސަބަބަށެވެ:
- އޯވަރ ހީޓުވުމަކީ ނުރައްކާތެރި ކަމެކެވެ. ފޯނަށް ނުޖެހި ނަމަވެސް ކަރަންޓާ ގުޅައިފައިވާ ޗާޖަރަކަށް ކުޑަ މިންވަރަކަށް ނަމަވެސް ކަރަންޓު ދަމައެވެ. މިހެންވުމުން ޗާޖަރަށް ހޫނު އަރާނެއެވެ. ހާއްސަކޮށް ކުރީގެ ނުވަތަ ކޮލިޓީ ދެރަ ޗާޖަރުތަކުގައެވެ. މިހެންވުމުން، ވަގުތު ދާ ވަރަކަށް، ޗާޖަރުގެ އެތެރޭގައިވާ އާލާތްތަކަށް ގެއްލުންވެއެވެ. އަދި ޗާޖަރުގައި އަލިފާން ހިފުމަކީ އެކަށީގެންވާ ކަމެކެވެ.
- ކުއްލިއަކަށް ނުވަތަ އެހެން ވެސް ގޮތަކަށް ޕަވާ ސާޖެއް ނުވަތަ ކަރަންޓުގެ މަތީ ވޯޓޭޖެއް އަތުވެއްޖެ ނަމަ ޗާޖަރު ހަލާކުވެދާނެއެވެ. ނުވަތަ ޗާޖަރުގައި އަލިފާން ރޯވެދާނެއެވެ. ފޯނަށް ޖަހައިފައި އޮތް ނަމަ ޗާޖަރަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިދާނެއެވެ. ނަމަވެސް ފޯނަށް ނުޖަހައި އޮންނަ ޗާޖަރު ނުރައްކަލަށް ހުށަހެޅޭނެއެވެ.
- ޓެކްނިކަލް މައްސަލަތައް ހުރި ނުވަތަ ގެއްލުމެއް ލިބިފައިވާ ޗާޖަރަކީ ޝޯޓު ވެދާނެ އެއްޗެކެވެ. މިހެން ވެއްޖެ ނަމަ ހޫނު ގަދަވެ އަދި އަލިފާން ރޯވުމެއް ދިމާވާނެއެވެ.

ފޯނަށް ނުޖަހައި ޗާޖަރު އޮން ކުރުމުން ލިބޭ އެހެން ތިން ގެއްލުމެއް ވެސް ވެއެވެ. އެއީ؛
ހ. ފޯނަށް ނުޖަހައި ޗާޖަރު އޮން ކޮށްފައި ބޭއްވުމުން ޗާޖަރަށް އެ ދަމާ ކުޑަ މިންވަރެއްގެ ކަރަންޓު ނުވަތަ "ފެންޓަމް ލޯޑް" ނުވަތަ "ވެމްޕަޔާ ޕަވާ"ގެ ސަބަބުން، ވަގުތު ދާ ވަރަކަށް، ކަރަންޓު ނަގާ މިންވަރު އިތުރުވެ، އަދި މީގެ އިތުރުން ގޭތެރޭގައި ހުންނަ ކަރަންޓަށް ގުޅާ އެހެން އާލާތްތަކަށް އިތުރު ކަރަންޓު ފެތުރި، ގޭގައި ބޭނުންކުރާ ހަކަތަ ބޭކާރުވެ، ކަރަންޓު ބިލު ވެސް ކޮންމެވެސް ވަރަކަށް ބޮޑުވާނެއެވެ.
ށ. ޗާޖަރު އަބަދު ކަރަންޓާ ގުޅައިފައި ބޭއްވުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ ފޯނު ޗާޖު ކުރަމުން ނުދިޔަސް ކަރަންޓަށް އެ އަންނަ ކުދިކުދި ބަދަލުތަކަށް ޗާޖަރުގެ އެތެރޭގެ އާލަތްތައް ހުށަހެޅެއެވެ. މީގެ ސަބަބުން މަޑުމަޑުން ޗާޖަރުގެ އެތެރޭގެ އާލާތްތައް ހަލާކުވަމުންދާނެއެވެ. ޗާޖަރު ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސް އެޅޭނެ އެވެ. އަދި އޭގެ އުމުރު ކުރުވެދާނެއެވެ.
ނ. ޖުމްލަ ގޮތެއްގައި ބަލާއިރު އެތައް ބިލިއަން ބަޔަކު ފޯނު ބޭނުންކުރާއިރު ފޯނު ޗާޖު ނުކުރާ ވަގުތުގައި ޗާޖަރުތައް ކަރަންޓާ ގުޅައިފައި ބޭއްވުމުން އެ ބޭކާރު ވެގެންދާ ހަކަތަ އުފައްދައި ދިނުމަށް އިންޖީނު ގެތަކަށް ޖެހެނީ އިތުރަށް ކަރަންޓު އުފައްދާށެވެ. މި ކަމުގެ ސަބަބުން ކާބަން ފަދަ ވިހަ ގޭސް އަންދައި، ޖައްވަށް ދޫކުރުމުގެ ސަބަބުން މުޅި ދުނިޔޭގެ ތިމާވެށްޓަށް ގެއްލުން ލިބެއެވެ.
އެހެންކަމުން، މި ބަލައިލެވުނު ސަބަބުތަކަށްޓަކައި، ކަމަކާ ނުލައި ހުސް ޗާޖަރު ކަރަންޓާ ގުޅައިފައި ބޭއްވުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. މި ކަހަލަ ކުޑަކުޑަ އާދައަކުން ވެސް އަހަރެމެން ގެންގުޅޭ ކަރަންޓު ސާމާނުގެ އިތުރުން ފުރާނަ ވެސް ސަލާމަތްކުރެވޭނެއެވެ.
- ތަރުޖަމާއެއް
