ވަރަށް ލޯބިން ކައިވެނި ކޮށްގެން އުޅެނިކޮށް ވެސް ޒަވާޖީ ހަޔާތަށް ތޫފާނެއް އަތުވެދާނެއެވެ. މި ބަލައިލަނީ ކައިވެނި ދެމެހެއްޓުމަށްޓަކައި މި ފަދަ ގޮންޖެހުންތަކުން ދުރުވެ ހުރެވޭނެ 60 ގޮތެކެވެ.
- ކޮންމެ ނަމެއް ކިޔައިގެން އުޅުނަސް އެހެން އަންހެނުންނާ ގާތް ނުވާށެވެ. އެއީ ހުސްހަށިބައި ނުވަތަ ކައިވެނި ކޮށްގެން އުޅޭ އަންހެނެއް ނަމަވެސްމެއެވެ. ތިބާގެ އޮފީހުގެ ސެކްރެޓެރީ، ވަޒީފާގެ މާހައުލުގައި އުޅޭ އަންހެނުން، އަވަށްޓެރިން، ގޭގައި ގެންގުޅޭ މެއިޑުން އަދި ރަހްމަތްތެރިންގެ އަނބިންނާ ވެސް ގާތްކަން ނުބާއްވާށެވެ.
- ތިބާގެ ހަލާލު އަނބިމީހާ ފިޔަވައި އިތުރު އަންހެނަކާ ޖަޒުބާތީ ގޮތުން ގާތް ނުވާށެވެ.
- ސޯޝަލް މީޑިއާގައި ވެސް ތިބާ ފާހަގަކުރަން ވާނީ ތިބާގެ އަނބިމީހާ އާއި މަންމަ އާއި އަންހެން ދަރިންގެ ކަންތައްތަކެވެ. އެހެން އަންހެނުންނަށް ނުބައި ސިގްނަލެއް ނުދޭށެވެ.
- ތިބާއަށް ނަފުސު ހުށަހަޅާ ހިލޭ އަންހެނަކު އެހެން ފިރިހެނުންނާ ގާތް ވާން ވެސް ޖެހިލުން ނުވާނެކަން ދަންނާށެވެ.
- ތިބާއަށް އިތުބާރު ކުރާ މަގާމެއްގައި ހުންނަ އަންހެނެއްގެ ނާޖާއިޒު ފައިދާ ނުނަގާށެވެ. ނަތީޖާއަކަށް ވާނީ ތިބާގެ ހަޔާތް ހަލާކުގެ ތެރެއަށް ވެއްޓުމެވެ.
- ތިބާގެ އަނބިމީހާގެ ހުއްދަ އާއި އެއްބާރުލުމާއެކު މެނުއީ ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ އަންހެނަކަށް، ނޫނީ އަވަށްޓެރި އަންހެނަކަށް، ނޫނީ އަދި އެހެން ވެސް ހިލޭ އަންހެނަކަށް ފައިސާގެ އެހީއެއް ނުދޭށެވެ.
- އެކަހެރި ތަންތަނާއި ޕާކްކޮށްފައި އޮންނަ ކަރާއި މަގުތަކާއި ގޯޅިތަކުގެ ކަންމަތީގައި އަންހެނުންނާ ބައްދަލު ނުކުރާށެވެ.
- ހިލޭ އަންހެނަކަށް ހިތް ނުކިޔާށެވެ. ތިބާގެ އަނބިމީހާ ފަރާތުން ނުލިބޭނެ ކަމެއް އޭނާގެ ވަކި ނުހުންނާނެއެވެ. އަދި އެހެން ގޮތަކުން ބަލާ ނަމަ ތިބާގެ އަނބިމީހާގެ ފަރާތުން ހުރިހާ ކަމެއް ވެސް ލިބޭނީ ރައްކާތެރިކަމަކާއެކީއެވެ.
- އެއްވެސް ސަބަބަކާ ހުރެ ވެސް ހިލޭ އަންހެނަކު ކައްކާފައި ދޭ އެއްޗެއް ތިބާ ނުކާށެވެ. ހަނދާން ކުރާށެވެ؛ ކާބޯތަކެތިން ފިރިހެނެއްގެ ހިތް އަތުލައިގަނެވޭނެއެވެ.
- ކައިވެނީގެ އަނގޮޓި އަބަދުވެސް އަޅައިގެން އުޅޭށެވެ.
- އަހުލާގީ ގޮތުން ދަށް ފެންވަރު ހުންނަ ގޮތަށް ހެދުން އެޅުމާ ދެކޮޅުހަދާށެވެ. ޝަހުވާނީ ގޮތްގޮތަށް ތިބާގެ ގާތުގައި ހެދުން އަޅާ އަންހެނުން ގާތް ނުކުރާށެވެ. ތިބާއަށް އެ ކަހަލަ ހެދުން ކަމުދާ ކަމަށް އެ މީހުންނަށް ފެންނަ ނަމަ ތިބާއާ ގާތްވާން މަސައްކަތް ކުރާނެއެވެ.
- ޝަހުވާނީ ގުޅުން ހިންގުމަށް ތިބާއަށް ހިތްވަރު ދޭ ކަހަލަ ނިޝާންތަކެއް ފާޅުކުރާ ނަމަ އެ އަންހެނަކަށް ސީދާކޮށް "ނޫނެކޭ" ބުނާށެވެ.
- ޝަހުވާނީ ވާހަކަ ހިލޭ އަންހެނުންނާ ނުދައްކާށެވެ. އެ ކަމުގެ ސަބަބުން ތިބާއަށް ދެވޭނީ ކޮން ހިސާބަކަށް ކަމެއް ނޭނގޭނެއެވެ. ރައްކާތެރިވެ ހުންނާށެވެ. ތިބާގެ ޝަރަފާއި އިއްޒަތް ރައްކާތެރި ކުރާށެވެ.
- ތިބާގެ އަނބިމީހާއަށް އެއްވެސް ކަމެއް ސިއްރު ނުކުރާށެވެ.
- ތިބާގެ އަނބިމީހާއަކީ ތިބާގެ އެންމެ ގާތް ރަހްމަތްތެރިޔާގެ ގޮތުގައި ބަހައްޓާށެވެ. ދެއްކުންތެރިކަމަށް ވެސް އަނބިމީހާގެ ބޭނުން ހިފާށެވެ. ތިބާގެ ފޯނާއި ލެޕްޓޮޕް ކޮމްޕިއުޓަރާއި ޓެބްލެޓްގެ ސްކްރީން ސޭވާއަށް އަނބިމީހާގެ ފޮޓޯ ލާށެވެ.
- ސޯޝަލް މީޑިއާ އާއި އެހެން ތަންތާނގައި ވެސް ތިބާގެ އަނބިމީހާގެ އުފަންދުވަހާއި ތިޔަ ދެމަފިރިންގެ ކައިވެނީގެ އެނިވާސަރީ ގަދައަށް ފާހަގަ ކުރާށެވެ. މިހެން ހެދުމުން ހިލޭ އަންހެނުންނަށް ލިބޭނެ މެސެޖަކީ ތިބާ ތިބާގެ އަންހެނުން ދެކެ ލޯބިވާ ކަމާއި ތިބާއަކީ އެހެން އަންހެނުންނަށް ނުލިބޭނެ މީހެއް ކަމެވެ.
- ތިބާގެ "މެރިޓަލް ސްޓޭޓަސް" ނުވަތަ ކައިވެނި ކޮށްގެން އުޅޭކަން ސިއްރު ނުކުރާށެވެ. ތިބާ ކައިވެނި ކޮށްގެން އުޅޭކަން އެންމެނަށް އަންގައިގެން އުޅޭށެވެ.
- ތިބާގެ އަނބިމީހާ އާއި އަންހެން ދަރިންނާ ދިމާއަށް ފިޔަވާ ތިބާ ލޯބިވާ ވާހަކަ އެހެން އެއްވެސް އަންހެނަކާ ދިމާއަށް ނުބުނާށެވެ. ސަބަބަކީ "ލޯބިވެޔޭ" ބުނެފި ނަމަ ނުބައި މާނައެއް ނަގާފާނެތީއެވެ.
- އަބަދުމެ ތިބާގެ އަންހެނުންގެ ވާހަކަ ދައްކާށެވެ. މިހެން ހެދުމުން ތިބާއަށް ހިތްކިޔައިގެން އުޅޭ ހިލޭ އަންހެނުން ތިބާއާ ދުރުވާނެއެވެ.
- ތިބާގެ އަންހެނުންނާ ބެހޭ ގޮތުން އަބަދުވެސް ދައްކަން ވާނީ ރަނގަޅު ވާހަކައެވެ. އޭނާއާ ބެހޭ ގޮތުން ނުބައި ވާހަކައެއް ނުދައްކާށެވެ. އަދި އެހެންމެ އެހެން އަންހެނަކާމެދު ވެސް ބަދުބަހެއް ނުބުނާށެވެ.
- ތިބާގެ ކައިވެންޏާމެދު ހިތްހަމަނުޖެހުމެއް އޮތް ނަމަ އެ ވާހަކަ ހިލޭ އަންހެނަކާ ނުދައްކާށެވެ. އެ ވާހަކަ މަޝްވަރާކުރަން އެންމެ ލާއިގުކަން ބޮޑީ ކައުންސެލިން ދޭ މީހަކާއެވެ.
- ކުރީގެ ހުރިހާ ލޯބިވެރިންނާއި ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގައިފައިވާ ހުރިހާ އަންހެނުންނާ ގުޅުން ކަނޑާލާށެވެ. އެހެން ނޫން ނަމަ އަނެއްކާވެސް އެ މީހުންނާ ގުޅުން ގާއިމު ކުރެވޭ ގޮތް ވެދާނެއެވެ. މިހެންވުމުން ތިބާގެ ޒަވާޖީ ދިރިއުޅުން ހަލާކުވެގެންދާނެއެވެ. އަދި ޚުދު ކުރީގެ ލޯބިވެރިން މިހާރު އުޅެމުން އަންނަ ޒަވާޖީ ދިރިއުޅުން ވެސް ތިބާގެ ސަބަބުން ހަލާކުވެދާނެއެވެ.
- ކޮންމެ ތަނެއްގައިމެ ތިބާގެ އަނބިމީހާއަށް ލޯބި އޮތްކަން ފާޅުކުރާށެވެ.
- ތިބާއާ ގާތް ވާން ހިލޭ އަންހެނަކު އުޅޭ ނަމަ އެ އަންހެންމީހާގެ ނަމާއި ފޯން ނަންބަރާއި އެހެނިހެން ތަފުސީލު ތިބާގެ އަނބިމީހާއާ އިހުތިރާމާއެކު ހިއްސާ ކުރާށެވެ.
- އެކުގައި މަސައްކަތްކުރާ އަންހެނުންނާއި އަވަށްޓެރި އަންހެނުންނާ ދޭތެރޭ ހިތްހެޔޮކަމާއެކު އަމަލުކުރާށެވެ. ނަމަވެސް އެއިން އަންހެނަކު ތިބާއާ ނަހަމަ ގުޅުމެއް ބާއްވަން އުޅޭ ކަމުގެ ނިޝާނެއް ފެނިއްޖެ ނަމަ އެ ކަމާ ދުރުހެލިވާށެވެ.
- ސައިންސުން އެނގިފައިވާ ގޮތުގައި ޖިންސީ ކުންނަކީ އަށް ސިކުންތުގެ އުފާވެރިކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ނަމަވެސް އޭގެ ސަބަބުން ތިބާގެ ޒަވާޖީ ދިރިއުޅުމަށް ދާއިމީ ގެއްލުމެއް ލިބިދާނެއެވެ. ހަމައެކަނި ކުޑަ ހިނދުކޮޅެއްގެ އުފާވެރިކަމަށް މުޅި ހަޔާތް ރަހުނު ނުކުރާށެވެ.
- ތިބާގެ އަނބިމީހާއަށް ވަފާތެރިވާން ބޭނުންވާ ނަމަ ރޭގަނޑު ބާއްވާ ޕާޓީތަކަށް ނުދާށެވެ. އެ ފަދަ ޕާޓީތަކަކީ ކައިވެނިން ބޭރުގައި ޝަހުވަތްތެރިކަން ކުރިއަރުވަން ހިތްވަރު ދޭ އެއްވުންތަކެވެ.
- ބަނގުރާ ނުބޯށެވެ. އެ ކަމުގެ ސަބަބުން ހިލޭ އަންހެނުންނާ ދެމެދުގައި ބާއްވާ އަހުލާގީ އިންތަކާއި "ރަތް ރޮނގު"ތައް ހުރަސްކުރެވޭ ގޮތް ވާނެއެވެ.
- ޖިންސީ ބަލިތައް ނުވަތަ "ސެކްޝުއަލީ ޓްރާންސްމިޓެޑް ޑިޒީޒަސް" (އެސް.ޓީ.ޑީ) ތިބާގެ ހަށިގަނޑަށް ވާސިލުވާނީ އެހެން އަންހެނުންނާއެކު ޖިންސީ ގުޅުން ހިންގުމުންނެވެ. ހަމައެކަނި ތިބާގެ އަނބިމީހާއާއެކު ޖިންސީ ގުޅުން ހިންގުމުން މި ފަދަ ބަލިތަކެއް ތިބާގެ ހަށިގަނޑަކަށް ނާރާނެއެވެ. އެހެންކަމުން ވަގުތީ އުފަލަކަށް ތިބާގެ ހަޔާތް ނުރައްކަލަށް ހުށަނާޅާށެވެ.
- ކޮންޑޮމް ނުވަތަ ހުރަހަކީ ހަލާކުވެދާނެ އެއްޗެކެވެ. އެހެންކަމުން އެއީ ތިބާގެ ރީތި ނަން ހަރާބުވުމުންނާއި ތިބާގެ އަންހެނުން ތިބާއަށްކުރާ އިތުބާރު ގެއްލުމާއި މާތް ﷲ ގެ ނުރުއްސެވުމުން ތިބާ ރައްކާތެރި ކޮށްދޭނެ އެއްޗެއް ނޫނެވެ. ތިބާއަށް ބޭނުންވާނީ ރަނގަޅު އަހުލާގެވެ. ކޮންޑޮމެއް ނޫނެވެ.
- ކައިވެނީގެ ވައުދު އަބަދުވެސް ހަނދާން ކުރާށެވެ. ކައިވެނިވި ދުވަހު ތިބާ ތިބާގެ އަނބިމީހާއަށް ވައުދުވީ ހަމައެކަނި އޭނާއަށްޓަކައި ތިބާގެ ހަޔާތް ވޭތުކުރުމަކަށް ނޫން ހެއްޔެވެ.
- ނައިޓް ކްލަބްތަކަށް ނުދާށެވެ. އެއީ ކައިވެނީގެ އަހުދުވެފައިވާ ފިރިހެނުންނަށް އަމާޒުކޮށްފައިވާ ތަންތަނެއް ނޫނެވެ.
- އަނބިމީހާ ފިޔަވާ އެހެން އެއްވެސް އަންހެނަކާ "ފްލާޓް" ނުވަތަ ޖިންސީ ސަމާސާ ނުކުރާށެވެ.
- ބައްދާލާނީ ނުވަތަ "ހަގް" ކުރާނީ ހަމައެކަނި ތިބާގެ އަންހެނުންގެ ގައިގައެވެ. އެހެން އަންހެނުންނާ ކުރާނީ އަތާއިއަތްޖޯޑުކޮށް ސަލާމެވެ.
- އެހެން އަންހެނުންނާ ވާހަކަ ދައްކާއިރު އެ މީހުންގެ ކޮނޑުގައި އަތްނުލާށެވެ. ކޮނޑަކީ އުރަމައްޗާ ކައިރީގައިވާ ގުނަވަނެކެވެ. ކޮނޑުގައި އަތްލުމަކީ ލޯބިވާކަން ދެއްކުމުގެ ވެސް އިޝާރާތެކެވެ. އެހެންކަމުން އަނބިމީހާ ފިޔަވާ އެހެން އަންހެނެއްގެ ކޮނޑުގައި އަތްލައިގެން ނުވާނެއެވެ.
- ތިބާގެ އަނބިމީހާ އާއެކު ފިޔަވާ ހިލޭ އަންހެނުންނާއެކު އެކަހެރި ކެއުންތަކަށް ނުދާށެވެ. އެކުގައި ކެއުމަކީ ލޯތްބާއި ޖަޒުބާތު އަށަގަންނުވާ ކަމެކެވެ.
- ގްރޫޕެއްގެ ގޮތަށް ފިޔަވާ އެކަހެރިކޮށް ހިލޭ އަންހެނަކު ތިބާގެ ކާރުގައި ނުގެންދާށެވެ. ޓްރެފިކްގައި އެތައް ވަގުތެއް ހޭދަކުރަން ޖެހުމަކީ ދެ މީހުންގެ ދެމެދުގައި ލޯތްބެއް އުފެދޭނެ ކަމެކެވެ.
- ހިލޭ އަންހެނުންނާ ސިއްރުން ވާހަކަ ނުދައްކާށެވެ. އަދި "ޗެޓު" ވެސް ނުކުރާށެވެ.
- ތިބާގެ އަނބިމީހާއަށް އަންގަން ބޭނުންނުވާ ހިލޭ އަންހެނަކާ އެކަހެރިކޮށް ބައްދަލު ނުކުރާށެވެ.
- ބަރަހަނާ ފޮޓޯ އާއި ފިލްމް ނުބަލާށެވެ. އެއަކުން ވާނެ ފައިދާއެއް ނެތެވެ. އެއާ ހިލާފަށް އެ އަށް ދެވިހިފައިފި ނަމަ ހިލޭ އަންހެނުންގެ ފަރާތުން ހުށަހަޅައި ޖިންސީ ހުށަހެޅުންތަކާ ދެކޮޅުހަދަން ތިބާއަށް އުނދަގޫވާނެއެވެ.
- ތިބާގެ ފޯނަށް ކޯޑެއް ނުލާށެވެ. ލައިފި ނަމަ އެ ކޯޑަކީ ކޮބައިކަން އަނބިމީހާއަށް އަންގާށެވެ. ތިޔައީ ވަފާތެރި ފިރިއެއް ނަމަ ކަންތައް ކުރަންވާނީ އެހެންނެވެ.
- އަނބިމީހާ ދެކެ ލޯބިވުމުގައި ހަމައެކަނި ފާހިޝް ހިޔާލުތައް ނުގެންގުޅޭށެވެ. އަދި ލޯބިވުމުގައި ވެސް ހައްދެއް ގެންގުޅޭށެވެ.
- އުރަމަތި ބަލާހިތްވާ ނަމަ ތިބާގެ އަނބިމީހާގެ އުރަމައްޗަށް ބަލާށެވެ. މުޅި ދުނިޔޭގައި ވެސް ތިބާއަށް އެންމެ ރީތި އުރަމައްޗެއް ވާނީ ތިބާގެ އަނބިމީހާގެއެވެ.
- އަންހެނުންގެ ފޫކޮޅު ބަލާހިތްވާ ނަމަވެސް ތިބާ ބަލަންވާނީ ހަމައެކަނި އަނބިމީހާގެ ފޫކޮޅަށެވެ.
- ޖިންސީ އެދުންވެރިކަން އަންނަ ނަމަ އެ ކަން ކިޔައިދޭނެ ފަރާތަކަށް ތިބާގެ އަނބިމީހާ ފުދެއެވެ.
- އަނބިމީހާގެ ރަހްމަތްތެރިންނާމެދު ހުށިޔާރުވާށެވެ. އޭގެ ތެރެއިން ބައެއް އަންހެނުން ތިބާއަށް ހިތްކިޔާނެއެވެ. އެހެންކަމުން ތިބާގެ އަނބިމީހާގެ ރަހްމަތްތެރިންނާ މާ ގާތް ނުވާށެވެ.
- ތިބާގެ އަނބިމީހާ ގޭގައި ގެންގުޅޭ މެއިޑް ނުވަތަ ނޯކަރާމެދު ހުށިޔާރުވާށެވެ. އެ އަންހެންމީހާއާ ޖިންސީ ގުޅުން ނުހިންގާށެވެ. އެ މެއިޑް ޖިންސީ ސިގްނަލްތައް ދޭ ކަހަލަ ހެދުން ލައިގެން ނޫޅުމަށް އަމުރު ކުރާށެވެ. އޭނާ ސިޓިން ރޫމްގައި ނިދިޔަ ނުދޭށެވެ. އޭނާގެ ފަރާތުން ތިބާއަށް ޖިންސީ އެދުންވެރިކަން ހުރިކަމުގެ އިޝާރާތެއް ފެންނަ ނަމަ ގެއިން ފޮނުވާލާށެވެ. ނޭނގޭ ކަމަށް ހެދުމުގެ ބަދަލުގައި ސީދާ ތެދަށް އެ މެއިޑްގެ ކަންތައް ހުންނަ ގޮތް ތިބާގެ އަނބިމީހާއަށް ކިޔައިދޭށެވެ.
- ތިބާގެ އަނބިމީހާ ނުދަންނަ އަންހެނެއްގެ ނަންބަރު ތިބާގެ ފޯންގައި އިނދެގެން ނުވާނެއެވެ.
- ނަފުސާނީ ދަތިކަމެއް އުޅޭ އަންހެނުންނަށް އެ މީހުންގެ ޒަވާޖީ ދިރިއުޅުމާއި ޖިންސީ ކަންތައްތަކާ ބެހޭ ގޮތުން ކައުންސެލިން ނުވަތަ މަޝްވަރާ ނުދޭށެވެ. ތިބާއަކީ ތެރަޕިސްޓެއް ނުވަތަ ކައުންސެލަރެއް ނޫނެވެ. ތިބާ ތަމްރީން ވެފައިވަނީ އެ ދާއިރާއަކުން ނޫނެވެ. މި ކަހަލަ ދާއިރާތަކުން އިރުޝާދު ދޭން އުޅޭ ނަމަ ތިބާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިދާނެއެވެ.
- ޖިންސީ އެދުން ފުއްދަން ބޭނުން ނަމަ ގެއަށް އެނބުރި ދާށެވެ. އަދި އަނބިމީހާގެ ފަރާތުން އެ ކަން ލިބިގަންނާށެވެ.
- އަނބިމީހާގެ ގައިގައި ބައްދާލުމުން ހިތްހަމަޖެހުން ހޯދާށެވެ. އޭނާގެ އަތުގައި ހިފާލައިގެން އުޅޭށެވެ. އޭނާއާއެކު ކުޅޭށެވެ. ތިބާގެ ވިސްނުން އެހެން އަންހެނުންގެ ހިޔާލުތަކަށް ދިޔަ ނުދިނުމަށްޓަކައި އަނބިމީހާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާށެވެ.
- "ސީކްރެޓް ޑިސްޕްލޭ އޮފް އެފެކްޝަން" (އެސް.ޑީ.އޭ) ނުވަތަ ދެމަފިރިން އެކުގައި ތިބޭއިރު އެ ލިބޭ ސިއްރިޔާތުގެ ކޮންމެ ފުރުސަތެއްގައި ތިބާގެ އަނބިމީހާއާ ލޯބީގެ ގުޅުންތައް ބަހައްޓާށެވެ.
- "ފެމިލީ ޑިސްޕްލޭ އެފެކްޝަން" (އެފް.ޑީ.އޭ) އިތުރު ކުރާށެވެ. މާނައަކީ ތިބާގެ ދަރިންނާއި މެއިޑުންނާއި ގޭގައި ދިރިއުޅޭ އެހެން މީހުންގެ ކުރިމަތީގައި ތިބާގެ އަނބިމީހާ ދެކެ ވާ ލޯބި ދައްކާށެވެ. މި ކަމުގެ ސަބަބުން ތިބާގެ ޒަވާޖީ ގުޅުން ވަރުގަދަ ވާނެއެވެ.
- "ޕަބްލިކް ޑިސްޕްލޭ އޮފް އެފެކްޝަން" (ޕީ.ޑީ.އޭ) ނުވަތަ އާއްމު ތަންތާނގައި ހުންނަ އިރު ވެސް އަނބިމީހާ ދެކެ ލޯބިވާކަން ހާމަ ކުރާށެވެ. އަނބިމީހާއަކީ ތިބާ ލަދުގަންނަން ޖެހޭ މީހެއް ނޫނެވެ.
- އަނބިމީހާއާއެކު ގަވައިދުން "ޑޭޓް"ތަކަށް ދާށެވެ. އެ ގޮތުން އޭނާއާއެކު ބޭރަށް ދާން ވަގުތު ހޯދާށެވެ. ދެ މީހުން އުމުރު އެކުގައި ހޭދަކުރުމަށްޓަކައެވެ.
- ނުގުޑާނެ ފަދަ ވަރުގަދަ ގުޅުމެއް އަނބިމީހާއެކު ގާއިމުކުރާށެވެ.
- ހަމައެކަނި ފިރިއަކަށް ވުމަކުން އަދި ނުފުދެއެވެ. ލޯބިވެރިއެއްގެ ގޮތުގައި ވެސް ދެމިހުންނާށެވެ.
- ބޭވަފާތެރިކަމުގެ އަގަކީ ކޮބައިކަން ދަންނާށެވެ. ވަރަށް ގިނަ ފިރިހެނުން ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގަނީ އޭގެ ނަތީޖާތަކަށް ނުބަލައެވެ. އެ ގޮތުން ޖިންސީ ގޮތުން ހަށިގަނޑަށް އަރާ ބަލިތައް ނުވަތަ "ސެކްޝުއަލީ ޓްރާންސްމިޓެޑް ޑިޒީޒަސް" (އެސް.ޓީ.ޑީ) އާއި މުޖުތަމައު ތެރޭގައި އޭނާގެ އަގު ވެއްޓުމާއި ބޭނުން ނުވާ ދަރިން ލިބުމާއި މާތް ﷲ ގެ ރުހިވޮޑިނުގަތުން ލިބުމާމެދު ވިސްނާނުލައެވެ. އެ ލިބޭ އަށް ސިކުންތުގެ އުފަލަށް ވުރެ ދައްކަން ޖެހޭ އަގު މާބޮޑުކަން ހަނދާން ކުރާށެވެ.
- ތިބާގެ ސެކްރެޓެރީ އާއި ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ އެހެން އަންހެނުންނާ މާ ގާތް ނުވާށެވެ. އެ އަންހެނުންނަކީ ތިބާގެ އަނބިމީހާއަށްވުރެ ރަނގަޅު ބައެއް ނޫނެވެ. އެހެންކަމުން ތިބާގެ ޒަވާޖީ ދިރިއުޅުން ބަރުބާދު ނުކުރާށެވެ.
- ތިބާ ބޭނުންވަނީ މާ ރަނގަޅު ނިދާ ކޮޓަރިއެއް ހެއްޔެވެ؟ މާ ރަނގަޅަށް ޖިންސީ އެދުން ފުއްދުމަށް ހެއްޔެވެ؟ ތިބާގެ ޒަވާޖީ ދިރިއުޅުމުން މި ކަންކަން ލިބޭނެއެވެ.
މި ފާހަގަކޮށްލި 60 ނުކުތާއަކީ ވަރަށް ލޯބިން ކައިވެނި ކޮށްގެން އުޅެނިކޮށް ވެސް ޒަވާޖީ ހަޔާތަށް ތޫފާނެއް އަތުވެދާނެ ފަދަ ކަންތައްތަކެވެ. މި ކަންތައްތަކަށް ސަމާލުކަން ދީގެން ދިރިއުޅުން ކުރިއަށް ގެންދިއުމުން ކައިވެނި ދެމެހެއްޓުމަށްޓަކައި މި ފަދަ ގޮންޖެހުންތަކުން ދުރުވެ ހުރެވޭނެއެވެ.
- ތަރުޖަމާއެއް
