1. އިންސާނުންގެ ހެޔޮލަފާ ކަމުގެ މައްޗަށް ބަލައި މީސްތަކުން ދެ ބައަކަށް ބަހާލެވިދާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ ތިމާމެންނީ ފާފަވެރިންނޭ ހީކުރާ ނަމަވެސް ހަގީގަތުގައި އެ މީހުންނީ ހެޔޮ ލަފާ މީހުންނެވެ. އޭގެ ތެރެއިން ދެ ވަނަ ބަޔަކީ ތިމާމެންނީ ހެޔޮލަފާ މީހުންނޭ ހީކުރާ ނަމަވެސް ހަގީގަތުގައިފާފަވެރިންނެވެ.
މުއުމިނުންގެ ގޮތަކީ މީގެ ތެރެއިން ފުރަތަމަ ބައިގެ މީހުންގެ ތެރޭގައި ހިމެނޭތޯ މަސައްކަތްކުރުމުގައި ދެމިހުރުމެވެ.
2. ހަޔާތުގެ ދަތުރަކީ އޮމާން އަމާން ދަތުރެއް ކަމުގައި އިސްލާމް ދީނުގެ ތައުލީމާތުތަކަށް ތަބާވުން ހަދައެއް ނުދެއެވެ. ނަމަވެސް، އެ ދަތުރުގެ ނިމުން މިސްކީ ހެޔޮ ނިމުމެއްކަމުގައި ވައުދުވެއެވެ. أ حسب الناس أن يتركوا أن يقولوا آمنا وهم لا يفتنون، މިއާޔަތުން އިޝާރަތްކުރާ ފަދައިންނެވެ.
3. ހެޔޮ މަގަށް އެނބުރު އައުމަށް ކޮންމެ ސާއަތަކީ ވެސް ހެޔޮ ސާއަތެކެވެ.
4. އިންސާނުންގެ ތެރޭގައި ފާފަތަކުގެ ތެރެއަށް ގެނބި މަރުވެފައިވާ މީހުން އުޅޭ ފަދައިން، ފާފަތައް އެ މީހުންގެ ކުރިމަތީގައި މަރުވެ، ނެތިގޮސްފައިވާ ރަނގަޅު މީހުން ވެސް އުޅެއެވެ.
5. ނަމާދުކުރުމުގެ ވަގުތު ޖެހުމުން، ނަމާދުކުރެވޭ ކަމަކީ މާތްﷲ އެ މީހަކުދެކެ ލޯބިވޮޑިގެންވެ، އެ މީހެއްގެ މައްޗަށް އިލާހީ ރަހުމަތުގެ ހިޔާ އެޅިފައިވާ ކަމުގެ ހެއްކެކެވެ.
6. މުހިއްމީ ދުއާކުރުމެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި ދުއާ ކުރުން މުހިއްމެވެ. ނަމަވެސް، އެއަށް ވުރެ ވެސް މުހިއްމީ ދުއާކޮށް މާތްﷲއާ ކަލާމުކޮށްލުމަށްޓަކައި ދެއަށް އުފުލާލުމުގެ ހެޔޮ ތައުފީގު ލިބިފައިވުމުގެ އިހުސާސުވުމެވެ.
7. މީސްތަކުންގެ ތެރެއިން ދެ ބާވަތެއްގެ މީހުންގެ ހަގީގަތް ސާފުވެދާނެއެވެ. ރަނގަޅު ބައެއްގެ ތެރޭގައި އުޅޭ ނުރަނގަޅު މީހާއާއި ނުބައި ބައެއްގެ ތެރޭގައި އުޅޭ ރަނގަޅު މީހާއެވެ. އެ ދެ މީހުންގެ ގޮތް އެ އޮތީ ފެންނާށެވެ. މީގެ އިތުރުން އެ މީހުންގެ ހަގީގަތް އަދި މުޅިން ސާފު ނުވާ ދެ މީހަކު ވެސް އުޅެއެވެ. ރަނގަޅު ބައެއްގެ ތެރޭގައި އުޅޭ ރަނގަޅު މީހާއާއި ނުބައި ބައެއްގެ ތެރޭގައި އުޅޭ ނުބައި މީހާއެވެ. މި ދެ މީހުންގެ ގޮތް އަދި މުޅިން ސާފެއް ނުވެއެވެ. އެހެނީ، އޭގެ ތެރެއިން ރަނގަޅު މީހުންގެ ތެރާގައި އުޅޭ ރަނގަޅު މީހާ ނުބައި ބައެއްގެ ތެރޭގައި އުޅެން ދިމާވުމުން، އޭނަ ބަދަލު ނުވެ ހުންނާނެތޯ އަދި ނޭނގޭތީ އެވެ. ހަމަ އެހެންމެ، ނުބައި މީހުންގެ ތެރޭގައި އުޅޭ ނުބައި މީހާގެ ގޮތެއް ވެސް އަދި ނޭނގެއެވެ. އޭނަ ރަނގަޅު ބައެއްގެ ތެރޭގައި އުޅެން ދިމާވުމުން އޭނަ ވެސް ހެޔޮ މަގު ޚިޔާރުކޮށް ރަނގަޅު ވެދާނެތީއެވެ.
8. އަހަރުމެންނަށް އިލާހީ ކަލާމްފުޅުގެ ދެ މަސްދަރެއް ލިބިފައި ވެއެވެ. ކީރިތި ގުރުއާނާއި ގުދުރަތުން ފެންނަ އަދި ގުދުރަތް ދައްކުވައިދޭ މަންޒަރުތައް ބުނެ އިއްވާ އިލާހީ ބަސްފުޅުތަކެވެ.
9. ތަގުވާވެރިކަމާއި ދީލަތިކަމާ އޮންނަނީ ގުޅި ލާމެހިފައެވެ. މާތްﷲއާ ބައްދަލުވާން އެދޭ ތަގުވާވެރިޔާ އެހެން މީހުންނަށް އެހީވެދީ ދީލަތިވުމުގައި ދެމިހުންނާނެއެވެ. އެހެނީ އެއީ ވެސް މާތްﷲއަށް ވާސިލުވާން އޮންނަ ވަރަށް ކުރު މަގަކަށްވާތީއެވެ.
10. ތިމާ ސުވަރުގެ ދިޔުމަށްޓަކައި ކުރަން ޖެހޭ ކަމަކީ މާތްﷲއާއި އާޚިރަތް ދުވަހަށް އީމާންވެ، ހެޔޮ އަމަލުކުރުމެވެ. އެހެން މީހުން ނަރަކައަށް ލުމެއް ނޫނެވެ.
