Support Us

މާކް މުރާދު، 20، މި މަހު 12 ގައި މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ އެމެރިކަން ޔުނިވާސިޓީ އިން ކައިރޯގެ ކޮމްޕިއުޓަރު ލެބެއްގައި މެޓަ ސްމާޓް އައިނު އަޅައިގެން ސްކްރައިބްމީ އެޕް ބޭނުންކުރަނީ

ސްކްރައިބްމީ- ފެނުމުން މަހްރޫމްވެފައިވާ މީހަކު ތަރައްގީކުރި އެޕުން ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް މިހާރު "ފެނޭ"

ކެރަން މުރާދުގެ ލޮލުގެ ފެނުން މީގެ ފަސް އަހަރު ކުރިން ގެއްލުނެވެ. ނަމަވެސް، މި ދިޔަ ޖޫންގައި ކެންޔާގައި ޗުއްޓީ ހޭދަކުރިއިރު، މިސްރުގެ ވެރިރަށް ގާހިރާގެ 16 އަހަރުގެ ދަރިވަރުގެ ލޮލަށް އަލުން ފެނުމުގެ ފުރުސަތު ލިބުނު ކަހަލައެވެ. އޭނާގެ ބޭބެ ތަރައްގީކުރި އެޕަކުން އެ ސަފާރީ ދަތުރު އޯޑިއޯވިޝުއަލްއިން ސިފަކޮށްދިނީމައެވެ.

މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ އެހީގައި މަސައްކަތްކުރާ އެ އެޕް ގުޅުވައިލައިފައިވަނީ މެޓަގެ އައިނާއެވެ. ވަށައިގެން އުޅުނު ހައިވާނުގެ ތަފުސީލުތަކާއި އެ ސޮރުމެން ކެރަންއާ އުޅުނު ދުރުމިނާއި އަދި އެ ސޮރުމެންކުރަމުންދިޔަ ކަންތައްތައް ކޮމެންޓްރީއެއްގެ ގޮތުގައި ސިފަކޮށްދިނުމުން، މަންޒަރާއި މާހައުލު ސިކުނޑީގައި ސިފަކޮށްލަން އޭނާއަށް ބޮޑު އެހީއަކަށްވިއެވެ.

"އަހަރެން އަބަދުވެސް ހީކުރީ މިއީ ދުވަހަކުވެސް ވާނެ ކަމެއް ނޫންކަމަށް. ނަމަވެސް މި ކަން މި އޮތީ ވެފައި. އަހަރެންނަށް ހަގީގަތުގައިވެސް ފެނުނު،" ސްކްރައިބްމީގެ ނަން ދީފައިވާ އެޕާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

އެޕް ފަރުމާކޮށްފައިވަނީ ހާއްސަކޮށް ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާ މީހުންނަށެވެ. މިހާރު 140 ގައުމުގައި އެތައް ހާސް ބަޔަކު އެ ބޭނުންކުރެއެވެ.

އެޕް ޑައުންލޯޑްކޮށްފައި އައިފޯނާއި އެންޑްރޮއިޑް ފޯނުގެ އިތުރުން މެޓަ އައިނާވެސް ގުޅައިލެވެއެވެ. އެ ތަރައްގީކުރީ ކެރަންގެ އުމުރުން 20 އަހަރުގެ ބޭބެ މާކްއެވެ. މާކަކީވެސް ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހެކެވެ.

މާކަށް ފެނުމުގައި މައްސަލަތަކެއް އުޅޭކަމަށް އޭނާ ޝަކުވާކުރަން ފެށީ 2018 ގައެވެ. މިސްރުގައި އަދި ގައުމުން ބޭރުގައިވެސް ހެދި ޓެސްޓްތަކުން ސީދާ ވީ ގޮތެއް ނޭނގުނެވެ. ހަމައެކަނި އޭނާއަށް އެންގި ކަމަކީ ލޮލުން ސިކުނޑިއަށް މެސެޖް ފޮނުވައިދޭ ނާރެއްގައި، ނާދިރު އަދި ރަނގަޅުނުކުރެވޭނެ ހާލަތެއް ހުރި ކަމަށެވެ. އަދި، ވަކި ވަގުތެއް ނުބުންޏަސް، އެންމެ ފަހުން އޭނާގެ ލޮލުގެ ފެނުން ގެއްލޭނެކަމަށެވެ.

އެމެރިކަން ޔުނިވާސިޓީ އިން ކައިރޯ ކައިރީގައި މާކް އަސާއަކާއެކު

ދެބެއިންވެސް 2021 ގެ ފަހުކޮޅަށް އެޅުނުއިރު ތިބީ ލޮލުގެ ފެނުން މުޅިން ގެއްލިފައެވެ. ކެރަންގެ ފެނުން ގެއްލުނީ ހަ މަހުގެ ތެރޭގައިކަމަށްވާއިރު މާކްގެ ފެނުން ގެއްލުނީ ތިން އަހަރުގެ ތެރޭގައެވެ.

އެ ދެބެއިންގެ މަންމަ މަރީއަން މޯރީސްއަށް ހުރީ ސިހުމެއް ލިބިފައެވެ. ކަންތައްކުރާނެ ގޮތުގެ އިރުޝާދެއް ނުލިބުމުންނެވެ. ކުރަން ހުރި ކަންތައްތަކެއް ހުރިކަމަށް ބުނެ ކޮންމެ ދުވަހަކު އޭނާ ގެއިން ބޭރަށް ގޮސް ރޮއިހަދައެވެ. ގާހިރާގެ އަލްމަންޔަލް ސަރަހައްދުގައި ހުންނަ އެ މީހުންގެ ގެއަށް ކޮންމެ ދުވަހަކު އަންނަނީ އެއަށްފަހުއެވެ.

ތައުލީމުވީ އެ އާއިލާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ. ފިޒިކްސް އާއި ކެމިސްޓްރީ މާއްދާތައް ސްކޫލްގައި ދަސްކުރުމަށް މާކް އުޅުނީ ހާލެއްގައެވެ. ސަބަބަކީ ސްކްރީންގައި ހުންނަ މައުލޫމާތު ކިޔައިދޭ އެޕްތަކުން ޗާޓް، ޑައިގްރާމް އަދި އީކުއޭޝަން ކިޔައިނުދޭތީއެވެ.

އެމެރިކަން ޔުނިވާސިޓީ އިން ކައިރޯ ކައިރިން އަސާއެއް ހިފައިގެން މާކް ހިނގައިފައި ދަނީ

މި ކަހަލަ ކަންތައްތައް ހައްލުކުރުމަށް އެޕް ތަރައްގީކުރާ ބޭރުގެ ފަރާތްތަކަށް އޭނާ މުއާމަލާތްކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެއިން އެއްވެސް ފަރާތަކުން އޭނާއަށް ޖަވާބެއްނުދިނެވެ. އެހެންކަމުން ޔޫޓިއުބްގެ ޓިއުޓޯރިއަލްތަކުން އޭނާ ކޯޑްކުރަން ދަސްކުރިއެވެ. އަދި 2023 އައި އިރު، މަސައްކަތްކުރާ އެޕެއް އޭނާއަށް ތަރައްގީކުރެވުނެވެ.

ޓެކްނޮލޮޖީ މުބާރާތްތަކުން މާކް ބަލައިގަތެވެ. އޭގެ ތެރޭގައި 2024 ގެ ވޮޑަފޯން އޭ.އައި އެސިސްޓިވް ޓޫލްސް ހެކަތޮން ހިމެނެއެވެ. އެއީ ނުކުޅެދުންތެރިކަން ހުރި މީހުންނަށް ވޮޑަފޯންގެ މިސްރުގެ ގޮފިން އާލާތްތައް ފޯރުކޮށްދޭ އިނިޝިއޭޓިވްއެކެވެ. މުބާރާތްތަކުން މާކް ބަލައިގަތުމުން، ޑޮކިއުމެންޓް ސްކޭންކުރުމަށްވުރެ ފުޅާކޮށް އެޕްގައި ކުރެވޭ ކަންތައްތައް ތަރައްގީކުރަން އެހީވާން މާކަށް ކޯ-ފައުންޑަރެއް ލިބުނެވެ.

މާކް ތައްޔާރުކުރި އެޕުން، ފޯންގެ ކެމެރާއަށް "ފެންނަ" ކޮންމެ އެއްޗަކާ ބެހޭ ސުވާލުތަކަށް ވަގުތުން ޖަވާބުދެއެވެ. އަދި އެޕްގައިވަނީ ތަފާތު 20 ބަހެއް ހިމަނައިފައެވެ. އޭގެ ތެރޭގައި އަރަބި ބަސް ހިމެނެއެވެ. މާކް ބުނީ އޭނާ ޓެސްޓްކުރި މި ފަދަ އެހެން އާލާތްތަކުގައި އަރަބި ބަސް ނުހިމެނޭކަމަށެވެ.

އެމެރިކަން ޔުނިވާސިޓީ އިން ކައިރޯގެ ކޮމްޕިއުޓަރު ލެބްގައި އޮތް ކްލާހަކަށް ދިއުމުގެ ކުރިން މާކް އޭނާގެ މަންމަ މަރީއަން މޯރީސް (ކ) އަދި ބައްޕަ މުރާދު ސިދްގީ (ވ)އާ ވާހަކަދައްކަނީ

މާކްގެ އެޕް މިހާރުވަނީ މެޓަގެ ސްމާޓް އައިނާ ގުޅުވައިފައެވެ. އެއީ ފެނުމުން މަހްރޫމްވެފައިވާ މީހުން އެއް އަތުން އަސާ ހިފައިގެން އުޅުމަށް މަގުފަހިކުރުމަށެވެ.

ސްކްރައިބްމީ އެޕް މިހާރު ހިލޭ ޑައުންލޯޑްކުރެވެއެވެ. ނަމަވެސް ކުރެވޭ މައިގަނޑު ކަންތައްތަކުގެ އިތުރުން އޭގެން ކުރެވޭ އިތުރު ކަންތައްތައް ނުވަތަ އިތުރު ފީޗާތައް ލިބެނީ މަހަކު 20 ޑޮލަރު (308.4ރ.) ނުވަތަ އަހަރަކު 200 ޑޮލަރު (3،084ރ.)ގެ ފީއަކަށެވެ.

އެޕުން ކެރަންއަށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި އޭނާގެ ކިލާސް ހޯދުމާއި ފިހާރަތައް ދެނެގަތުމާއި ލާނެ ހެދުމެއް ހިޔާރުކުރުމާއި އަދި ފިލާވަޅު ދަސްކުރުން ހިމެނެއެވެ.

އެމެރިކަން ޔުނިވާސިޓީ އިން ކައިރޯގެ ކޮމްޕިއުޓަރު ލެބްގައި، މެޓަ ސްމާޓް އައިނު ކައިރީގައި ބާއްވައިގެން، ސްކްރައިބްމީ އެޕް ބޭނުންކުރަމުން، މާކް ލެޕްޓޮޕުން މަސައްކަތްކުރަނީ

"އަހަރެންގެ ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅު މިއަދު ހުރި ހިސާބުގައި ހުންނާނެކަމަށް މީގެ ހަތަރު އަހަރު ކުރިން އަހަރެންގެ ގާތުގައި މީހަކު ބުނިނަމަ، އަހަރެންނަށް އެ ކަން ގަބޫލެއްނުކުރެވުނީސް. ނަމަވެސް އެ ކުދިންނަށް ކާމިޔާބު ލިބުމުން މިހާރު އެ ކުދިން ދެކޭ ހުވަފެންތައްވެސް އިތުރުވެއްޖެ. އާއިލާއެއްގެ ގޮތުގައި އަހަރެމެން މިހާރު ގަބޫލެއްނުކުރަން އެއްވެސް ކަމަކީ ނުކުރެވޭނެ ކަމެއްކަމަކަށް،" ކެރަން އާއި މާކްގެ ބައްޕަ މުރާދު ސިދްގީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް