Support Us

ލޭ ސަހަރަށް ދިއުމަށް އިންޑިއާގެ އަސްކަރީ އުޅަނދެއް ޗައިނާގެ ބޯޑަރު ކައިރިން ދަނީ

އިންޑިއާ- ޗައިނާ ސުލްހައިގެ މަގަށް މި އަހަރު ވާސިލުވާނެބާ؟

މި އަހަރަކީ އިންޑިއާ އާއި ޗައިނާ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 75 އަހަރު ފާހަގަކުރާ އަހަރެވެ. މި އަހަރު ވެސް ހަލަބޮލި ގުޅުމެއް އޮންނާނެ ކަމަށް ބެލެވޭ ދެ ގައުމުގެ ދެމެދުގައި މިހާތަނަށް ގުޅުންތައް ހިނގައިފައިވަނީ އެއްބާރުލުމާއި އަދި އެހެންމެ ކޯޅުންތަކާއެކު ވެސް މެއެވެ.

އިންޑިއާ އާއި ޗައިނާއިން 1962 ގައި ކުރި ހަނގުރާމައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ދިޔައީ އިތުބާރު ނުކުރުމުގެ ސަގާފަތެއް އަށަގަންނަމުންނެވެ. މި ނުތަނަވަސްކަން ފަހުގެ ތާރީހެއްގައިވަނީ ވަރަށް ބޮޑުވެފައެވެ.

ޖައްމޫ އަދި ކަޝްމީރުގައި އަމިއްލަ ސަރުކާރު ހިންގަން ދީފައިވާ ހާއްސަ ބާރު އިންޑިއާއިން 2019 ގައި ނައްތައިލުމުން ޗައިނާއިންވަނީ އެ ކަމާ ދެކޮޅުހަދައިފައެވެ. ސަބަބަކީ ޗައިނާގެ އިރުމަތީ ބޯޑަރުގައި އޮންނަ ލަޑަކް ސަރަހައްދު ވެސް ޖައްމޫ އާއި ކަޝްމީރުގެ ތެރޭގައި ހިމެނޭތީއެވެ.

ޖެހިގެން އައި އަހަރު ގަލްވަން ވާދީގެ ތެރޭގައިވާ އިންޑިއާ އާއި ޗައިނާއިން އަމިއްލަކުރަން ބޭނުންވާ ބޯޑަރުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކުގައި އިންޑިއާގެ 20 އަށްވުރެ ގިނަ ސިފައިން މަރުވިއެވެ. އަދި ޗައިނާގެ ހަތަރު ސިފައިން މަރުވިއެވެ. އަދި ހަމަ އެ އަހަރު ބޯޑަރުގައި ކުރިމަތިލުންތައް ކުރިއަށް ދިޔަ އިރު އިންޑިއާއިން އެ ކަމަށް ފިޔަވަޅު އެޅީ ޗައިނާގެ އިންވެސްޓްމެންޓްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެންނެވެ. އެ ގޮތުން ޗައިނާއަށް ނިސްބަތްވާ އެތައް މޮބައިލް އެޕެއް މަނާކުރިއެވެ. އޭގެ ތެރޭގައި ޓިކްޓޮކް ހިމެނެއެވެ. އަދި ކޮވިޑް-19 ގެ ފަހުން ވެސް ޗައިނާއަށް ވައިގެ މަގުން ކުރާ ދަތުރުފަތުރުތައް ހުއްޓުވައިލިއެވެ.

ޖައްމޫ އާއި ކަޝްމީރުގެ ސަރަހައްދެއް ކަމަށްވާ ލަޑަކް

ގަލްވަން ކުރިމަތިލުންތަކަށް ފަސް އަހަރެއްހާ ދުވަސްވެފައިވަނިކޮށް މިހާރު ފެންނަ ގޮތުން އިންޑިއާ އާއި ޗައިނާއިން ސުލްހައަށް ފުރުސަތު ދޭން ބޭނުންވެއެވެ.

މި ދިޔަ އަހަރު އޮކްޓޫބަރު މަހު އިންޑިއާއިން އިއުލާންކުރީ ޗައިނާއާ ކުރިމަތިލާން ނުޖެހޭ ގޮތަށް ލަޑަކްގެ އިރުމަތީ ސަރަހައްދުތަކުން ކާމިޔާބު ކަމާއެކު ފައިބައިފައިވާ ކަމަށެވެ. ހަމަ މި ދިޔަ އަހަރު އޮކްޓޫބަރު މަހު ރަޝިއާގައި ބޭއްވި ބްރިކްސް ސަމިޓްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބައްދަލުކުރައްވައިފައެވެ. ދެ ގައުމުން ބުނީ "އިތުބާރާއި އިހްތިރާމާއި ވިސްނުންތެރިކަމުގެ" މުހިންމުކަން އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެއްބަސްވީ ދެ ގައުމުގެ ދެމެދުގައި މުއާމަލާތް ކުރާނެ ކަމަށާއި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ފަހުގެ ތާރީހެއްގައި ދެ ގައުމުގެ ދެމެދުގައި ހޫނުވެފައި އޮތް ގުޅުން ފިނިވާން ފަށައިފައިވިޔަސް އިންޑިއާ އާއި ޗައިނާގެ ގުޅުން މި އަހަރު ހަލަބޮލިވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ދުނިޔޭގެ ފެންވަރުގައި ޝައުގުވެރިވާ މަގުސަދުތައް ހާސިލު ކުރުމަށް ވާދަ ކުރަމުން އައުމާއި ސަރަހައްދީ ގޮތުން އޭޝިއާ ބައްރަށް ނުފޫޒު ފޯރުވަމުން އަންނަ ގޮތަށް ބަދަލު އައުމުންނެވެ.

ގަލްވަން ވާދީގައި ހިނގި ހަމަނުޖެހުން

ދެ ގައުމުގެ ދެމެދުގައިވާ އިތުބާރު ނުކުރުމުގެ ފުންކަމާއި ޗައިނާއިން ގަދައަށް ކުރިއަށް ނެރެމުން އަންނަ ހާރިޖީ ސިޔާސަތުގެ ސަބަބުން ސުވާލު އުފެދެނީ އިންޑިއާއިން ޗައިނާއަށް އެއްބާރުލުން ދެވިދާނެ ކަމާމެދުއެވެ. އަދި މި ބަދަލުވުމުގެ ސިފަ ޖެހެމުން އަންނަ ގުޅުމުގެ ސަބަބުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ކުދި ގައުމުތަކަށް ކުރާނެ އަސަރުތަކަކީ ކޮބައިކަމެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު ހައްލު ނުކުރެވި އޮތް އެންމެ ދިގުލައިގެން ގޮސްފައިވާ މައްސަލައަކީ ބޯޑަރާމެދު ކޯޅޭކޯޅުމެވެ.

ދެ ގައުމުގެ ދެމެދުގައި 2،000 މޭލަށްވުރެ ދިގު ބޯޑަރެއްވެއެވެ. މި ބޯޑަރުގައި ރޮނގު ދަމާލައިފައިވަނީ "ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް"ގައެވެ. މި ސަރަހައްދަކީ އެންމެ ގިނައިން ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގާ ސަރަހައްދެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވަނީ

ދުކްލަމްގައި 2017 ގައި، ގަލްވަންގައި 2020 ގައި އަދި އޭގެ ފަހުން ވެސް މިހާރު އުތުރުއިރުމަތީ އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ ސިއްކިމް އާއި އަރުނަޗަލް ޕްރަދޭޝްގައި ކުރިއަށްދާ ނުތަނަވަސްކަމުގެ ސަބަބުން ސުލްހައިގެ ނިކަމެތިކަންވަނީ ހާމަވެފައެވެ. މި ދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި އެތަކެއް ފަހަރު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް، ދެ ގައުމުގެ ދެމެދުގައިވާ ނުތަނަވަސްކަން އަދިވެސް ދަނީ ކުރިއަށެވެ. ޓިބެޓްގައި ޗައިނާއިން ގާއިމުކުރަން ނިންމައިފައިވާ ފެނުން ހަކަތަ ނުވަތަ ކަރަންޓު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ޑޭމްގެ މަޝްރޫއުއާ މެދު ވެސް އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކަންތައްތައް މިހެން ކުރިއަށް ދިޔަ އިރު ދެ ގައުމުންވަނީ ބޯޑަރުގައި އަވަހަށް ސިފައިން އަތުރާލުމަށް މަގުފަހިކުރުމުގެ ގޮތުން މަގުތަކާއި ރޭލުތަކާއި އަދި ވައިގެ ބަނދަރުތަކުގެ ވިއުގަތަކެއް ދެ ގައުމުން ގާއިމުކޮށްފައެވެ.

މޯދީ 2014 ވެރިކަމަށް ވަޑައިގަތުމުން ލަޑަކްގައިވަނީ ބޯޑަރުގެ އިންފްރާސްޓްރަކްޗަރު ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ފްރާންސް، ޖަރުމަނީ އަދި ސްޕެއިން ފަދަ ޔޫރަޕްގެ ގައުމުތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަ ކުރުމުގެ އިތުރުން ދެކުނުއިރުމަތީ އޭޝިއާގައިވަނީ ކަނޑުގެ ސިފައިންގެ ގުޅުންތައް ވަރުގަދަކޮށްފައެވެ. މި ކަމުގެ ސަބަބުން އިންޑިއާގެ އަސްކަރީ ގާބިލުކަމާމެދު އިންޑިއާއިން ޗައިނާ ބިރުގަންނަވައިލި ނަމަވެސް މި ކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވަނީ ދިފާއީ ދާއިރާއިން ވާދަވެރިކަމެއް އުފެދި، ކަނޑު މަގުން ދަތުރުކުރުމުގެ މިނިވަންކަމާމެދު ޗައިނާގެ ކަންބޮޑުވުން އިތުރުވެފައެވެ.

ދުކްލަމްގައި ޗައިނާގެ ސިފައިންގެ މީހަކާއި (ކ) އިންޑިއާގެ ސިފައިންގެ މީހެއް

މި ފަހުގެ އަހަރުތަކުގައި އިންޑިއާއިންވަނީ އެމެރިކާ ކޮޅަށް ބުރަވެފައެވެ. އެ ގޮތުން ކޮޑްރިލެޓަރަލް ސެކިއުރިޓީ ޑައިލޮގް ނުވަތަ ކޮޑްގައި އިންޑިއާއިންވަނީ އެ ގައުމުގެ ބައިވެރިވުން ވަރުގަދަކޮށްފައެވެ. ކޮޑްގައި އޮސްޓްރޭލިއާ އަދި ޖަޕާން ވެސް ހިމެނެއެވެ. މި ގްރޫޕުންވަނީ ޗައިނާގެ ނުފޫޒު ފޯރުނަ ނުދޭނެ ކަމަށް ވައުދުވެފައެވެ. އަދި ޗައިނާގެ "ޑެޓް ޓްރެޕް" ނުވަތަ "ދަރަނި ދަންތުރަ"އިގައި ކުދި ގައުމުތައް ނުޖެހޭ ގޮތް ހަދައިދޭނެ ކަމަށް ވައުދުވެފައެވެ. ކޮޑަކީ އެމެރިކާގެ ހަންފަތުރާ އާލާތެއް ކަމަށް ޗައިނާއިން ދުށްޓަސް، މި ކަމުގެ ސަބަބުން އިންޑިއާއިން މި ގްރޫޕްގައި ފައިގަދަ ކުރަމަކަށް ހުއްޓުމެއް ނާދެއެވެ.

އިންޑިއާއިން އަންނަނީ ކަނޑުގެ ސަލާމަތީ ކަންތައްތަކަށް އިސްކަން ދެމުންނެވެ. އެ ގޮތުން ކަނޑުގެ ސިފައިންގެ ދާއިރާ ފުޅާކޮށް، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި އިންޑިއާއިން އޮންނަން ބޭނުންވާ އެ ގައުމުގެ މަސްލަހަތުތައް ވަރުގަދަ ކުރުމަށް އިންޑިއާއިންވަނީ ޖަޕާނާއި އެމެރިކާ ފަދަ ގައުމަތަކާ ދިފާއީ ގުޅުންތައް ވަރުގަދަކޮށްފައެވެ.

ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް" (ބީ.އާރް.އައި) އާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އިންޑިއާއިންވަނީ އެހެނިހެން އިންފްރާސްޓްރަކްޗަރު މަޝްރޫއުތަކާ ގުޅިފައެވެ. އޭގެ ތެރޭގައި ޖީ-20 ގައުމުތަކުގެ "ގްލޯބަލް އިންފްރާސްޓްރަކްޗަރު ފެސިލިޓީ" އަދި "އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ"ގައިވަނީ ބައިވެރިވެފައެވެ.

ސިއްކިމް ސްޓޭޓް

ކަން މިހެން ހުއްޓަސް އިންޑިއާ އާއި ޗައިނާގެ ގުޅުންތައް ރަނގަޅުވާން ފަށައިފިއެވެ. މި ކަމަށް މަގުފަހިވީ އިންޑިއާގެ މައިގަނޑު ސިނާއަތްތަކުގައި ޗައިނާއިން ވިޔަފާރި ގާއިމުކޮށް، އިންވެސްޓް ކުރުމުގެ ހިޔާލު ވެސް ގެންގުޅޭތީއެވެ. ބޯޑަރުގައި ސުލްހަ ދަމަހައްޓައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރުމުގެ ގޮތުން މި ދިޔަ ޑިސެމްބަރު މަހު ދެ ގައުމު ތަމްސީލުކުރާ އޮފިޝަލުންވަނީ ބައްދަލުކޮށްފައެވެ.

މީގެ އިތުރުން މި ދިޔަ މަސް ނިމެނިކޮށް އިންޑިއާގެ ހާރިޖީ ސެކްރެޓެރީ ވިކްރަމް މިސްރީ ވަނީ ޗައިނާގެ ވެރިރަށް ބީޖިންގަށް ވަޑައިގެން ޗައިނާގެ ގިނަ އަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރައްވައިފައެވެ. އޭގެ ތެރޭގައި ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ ހިމެނެއެވެ. ދެ ގައުމުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ޓިބެޓުގައި ހުންނަ ހިންދީ ދީނުގެ މުގައްދަސް ތަނަކަށް އިންޑިއާއިން ދެވޭނެ މަގު ހުޅުވައިލުމަށާއި ބީޖިންގާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާ ދެމެދު ސީދާ ފްލައިޓްތައް އަލުން ހަމަޖައްސައި، ނޫސްވެރިންނާއި ތިންކް ޓޭންކްތަކުގެ މުވައްޒަފުންނަށް ވިސާ ދިނުމާއި ބޯޑަރުގައި ހިމެނޭ ކޯރުތަކުގެ މައުލޫމާތު އެއް ގައުމުން އަނެއް ގައުމާ ހިއްސާ ކުރަން ހަމަޖެއްސިއެވެ.

މި ވާހަކަތަކުގައި ފޭލިވި ކަމެއްގެ ގޮތުގައި ހިމެނުނީ ބޯޑަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައިވާއިރު އެ ތަނަށް ކުރާ އިންވެސްޓްމެންޓާއި ސިފައިން މަދުކުރާނެ ގޮތަކާމެދު ދެ ގައުމަށް އެއްބަސްނުވެވުމެވެ.

އިންޑިއާގެ އަރުނަޗަލް ޕްރަދޭޝް ސްޓޭޓް

އިންޑިއާ އާއި ޗައިނާގެ ގުޅުން ނުތަނަވަސްވި އަނެއް މައްސަލައަކީ ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އެއްބާރުލުން ވަރުގަދަ ކުރުމާއި ދިފާއީ ކަންތައްތަކުން ދުރަށްޖެހިލުމެވެ. ދެ ގައުމުގެ ގުޅުން ނުތަނަވަސްކަމެއްގައި އޮތަސް މި ދިޔަ އަހަރު އެމެރިކާ ފަހަތަށް ޖައްސައިލައިފައި ޗައިނާއިންވަނީ އިންޑިއާއާ އެންމެ ބޮޑަށް ވިޔަފާރިކުރާ ގައުމުގެ މަގާމު ހޯދައިފައެވެ. އެ ގޮތުން މި ދިޔަ އަހަރު އެކަނިވެސް އިންޑިއާއިންވަނީ ޗައިނާގެ ފަރާތުން 100 ބިލިއަން ޑޮލަރު (1،539 ބިލިއަން ރުފިޔާ)ގެ މުދާ އިންޑިއާއަށް އެތެރެކޮށްފައެވެ. މި ދިޔަ ޑިސެމްބަރު މަހު ބޭއްވި ވާހަކަތަކުގެ ކުރިން އިންޑިއާގެ މައި އިގުތިސާދީ މުޝީރު ވެންކަޓްރާމަނަން އަނަންތަ ނާގޭސްވަރަން ވަނީ ޗައިނާއިން އިތުރު "ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް" (އެފް.ޑީ.އައި)އަށް ގޮވައިލައިފައެވެ.

އިންޑިއާއަކީ ޗައިނާއަށް މުހިންމު އަދި ބޮޑު މާކެޓެއް ކަމަށް ވިޔަސް 2020 އަދި 2021 ގައި ބޯޑަރުގައި ހިނގި ނުތަނަވަސްކަމުގެ ސަބަބުން ޗައިނާއާ ދެކޮޅު ހިޔާލުތައް އިންޑިއާގެ ރައްޔިތުންގެ ހިތުގައި އުފެދި، ޗައިނާގެ އިންވެސްޓްމެންޓްތަކާމެދު ނުކިއްސަރު ގޮތަކަށް ގާތުން ބަލަން ފަށައިފައިވެއެވެ. އެހާ ހިސާބުން ފެށިގެން އިންޑިއާއިން އަންނަނީ ޗައިނާގެ މުދަލަށްކުރާ ބަރޯސާ ކުޑަކުރެވޭތޯ ބަލަމުންނެވެ. ހާއްސަކޮށް ދިފާއީ ދާއިރާތައް ކަމަށްވާ އިލެކްޓްރޯނިކް އާލާތްތަކާއި އިއާދަކުރަނިވި ހަކަތަ އުފައްދައިދޭ ތަކެއްޗެވެ. މި ކަމަށް މަގުފަހި ކުރުމުގެ ގޮތުން އިންޑިއާއިންވަނީ މި ދާއިރާތަކުގައި އަމިއްލަ އުފެއްދުންތެރިކަން އިސްކޮށް، ސަޕްލައިކުރުމުގެ ދާއިރާ ފުޅާކޮށްފައެވެ. މި ކަމުގެ އެއް މިސާލަކީ 2021 ގައި އިންޑިއާގައި 5ޖީ ވިއުގަ ގާއިމުކުރުމަށް ހިންގި ތަހުލީލުތަކުގައި ވާވޭ އަދި ޒީ.ޓީ.އީ ފަދަ ޗައިނާގެ އާލަތްތައް އުފައްދާ ކުންފުނިތައް އިންޑިއާގެ މުވާސަލާތާ ބެހޭ ވުޒާރާއިން ބައިވެރި ނުކުރުމެވެ.

ޗައިނާއާ ދުރުކަމެއް ބަހައްޓަން އިންޑިއާއިންކުރާ މަސައްކަތަކީ ސިޔާސީ ގޮތުން ރަނގަޅު ކަމެއް ކަމަށް ވިޔަސް ހަގީގަތަކީ މިއީ ވަރަށް ކަވި ކަމެއް ކަމެވެ. އިންޑިއާއިން އަންނަނީ ޗައިނާގެ ތަނެއް ކަމަށް ޗައިނާއިން ދައުވާކުރާ ގައުމެއް ކަމަށްވާ ޓައިވާނުން އިންވެސްޓްމެންޓް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް ކޮމްޕިއުޓަރާއި ފޯންގައި ބޭނުންކުރާ ސެމީކޮންޑަކްޓާ ދާއިރާއިންނެވެ. ނަމަވެސް ޗައިނާގެ އިގުތިސާދީ ނުފޫޒު ފުޅާކަމުންނާއި އިންޑިއާގެ އަމިއްލަ ގާބިލުކަން ދަށްކަމުން ޗައިނާއާ އެކަހެރިވުމަކީ ދުރު ކުރިމަގަކަށް ދެމިގެންދާ ގޮންޖެހުމެކެވެ.

ޓިބެޓް

ޑިޕްލޮމެޓިކް ދާއިރާއިން ކުރިއެރުންތަކެއް ލިބުނަސް އިންޑިއާ އާއި ޗައިނާގެ ގުޅުން މި އަހަރުގެ ތެރޭގައި ފަސޭހައެއްކޮށް ކުރިއަކަށް ނުދާނެ ކަމަށް ފެނެއެވެ. ސަބަބަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު އިންޑިއާއިން ބާއްވަން ފަށައިފައިވާ ގުޅުމުގެ ސަބަބުން އިންޑިއާގެ އަސްކަރީ ހިސާބުކިތާބަށް ބަދަލު އަންނާނެތީއެވެ. މޯދީ މި މަހު އެމެރިކާއަށް ކުރެއްވި ޒިޔާރަތުން މި ކަން ދޭހަވެއެވެ. އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމުގެ ސަބަބުން އިންޑިއާ އާއި ޗައިނާގެ މަސްރަހުވަނީ އޮޅުންބޮޅުންގަނޑަކަށް ވެއްޓިފައެވެ.

އެމެރިކާއަށް އިސްކަން ދިނުމުން ޗައިނާގެ ފަރާތުން އިންޑިއާށް ލިބޭ ފައިދާތައް މަދުވާނެއެވެ. ޗައިނާގެ އިގުތިސާދީ އަދި ޓެކްނޮލޮޖީގެ ފުރުސަތުތަކަށް އޮތް މަގު ބަންދުވާނެއެވެ. ދެ ބަޔަށް ބެހެމުންދާ ދުނިޔޭގެ އާ ސިޔާސީ މަސްރަހުގައި ބޮޑު ދެ ބާރެއްގެ ދެމެދުގައި ބެލެންސެއް ގެންގުޅުމުގައި ހުރި ގޮންޖެހުންތައް ހާމަވާނެއެވެ.

އަސްކަރީ އަދި އިގުތިސާދީ ދާއިރާގައި އިންޑިއާ އާއި ޗައިނާއާ ދެމެދުވާ އޮޅުންބޮޅުންގަނޑު ތެރެއިން ނިކުމެވޭނީ ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމުން ވާދަކުރަމުން އަންނަ މައްސަލަތައް ހައްލުކޮށްގެންނެވެ. ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގައި އިތުރުވަމުން އަންނަ ޗައިނާގެ ނުފޫޒަކީ އިންޑިއާއަށް ބޮޑު ގޮންޖެހުމެކެވެ.

އިންޑިއާގެ ހާރިޖީ ސެކްރެޓެރީ ވިކްރަމް މިސްރީ (ވ) ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީއާ ބައްދަލުކުރައްވަނީ

ބީ.އާރް.އައި.ގައި ހިމެނޭ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ވެފައިވަނީ ޗައިނާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުމުގެ ބިންގަލަކަށެވެ. ކަޝްމީރަކީ އިންޑިއާގެ ބިމެއް ކަމަށް އިންޑިއާއިން ދައުވާކުރަމުން އަންނަ އިރު އިންޑިއާއިން ތަކުރާރުކޮށް ބުނީ "ކޮރިޑޯ" މަޝްރޫއާ ދެކޮޅު ކަމަށެވެ. އެ ގޮތުން މި ކޮރިޑޯއަކީ އިންޑިއާގެ ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކަމަށެވެ.

ދެކުނު އޭޝިއާގެ އެހެން ގައުމެއް ކަމަށްވާ ރާއްޖޭގެ އަވަށްޓެރި ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ތަނެކެވެ. މިއީ ޗައިނާގެ އަސްކަރީ ނުފޫޒުއް ހިމެނޭ މަޝްރޫއެކެވެ. އިންޑިއާގެ "ގޯތި ތެރެ"އަށް ކަހަލަ ގޮތަކަށް ޗައިނާއިން ވަދެ، އިންޑިއާގެ ކަންބޮޑުވުމަކަށް ވެފައިވާ މަޝްރޫއެކެވެ. އިންޑިއާގެ މަސްލަހަތުތަކަށް ޖާސޫސް ކުރުމަށް ޗައިނާގެ ދިރާސާކުރާ ކަނޑުގެ އުޅަނދުފަހަރަށް ޗައިނާއިން ހަމްބަންޓޯޓާގެ ބޭނުންހިފާ ކަމަށް އިންޑިއާއިންވަނީ ތުހުމަތުކޮށްފައެވެ. މި ދިޔަ މަހު ލަންކާއިންވަނީ ޗައިނާގެ މުހިންމު ހަކަތަ ކުންފުންޏެއް ކަމަށްވާ ސައިނޯޕެކްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ ހަމްބަންޓޯޓާގައި ތެޔޮ ސާފުކުރާ ކާރުހާނާއެއް ގާއިމުކުރުމަށް 3.7 ބިލިއަން ޑޮލަރު (56 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް އަވަހަށް ހިންގުމަށެވެ.

ދެކުނު އޭޝިއާގެ ގައުމެއް ކަމަށްވާ ނޭޕާލުންވަނީ މި ދިޔަ ޑިސެމްބަރު މަހު ބީ.އާރް.އައި.ގައި ބައިވެރިވެފައެވެ. ޗައިނާގެ ބޭނުމަކީ ހިމާލިޔާ ފަރުބަދަތަކުގެ މަތީގައިވާ ނޭޕާލު ޗައިނާގެ އިގުތިސާދީ ބޮޅުގެ ތެރެއަށް ވެއްދުމެވެ. ފުޅާ ދާއިރާއެއްގެ އަސްކަރީ އަމާޒެއްގެ ދަށުން ނޭޕާލުގެ އިންފްރާސްޓްރަކްޗަރު ތަރައްގީކުރުމަށް އިންވެސްޓްކޮށްގެންނެވެ. މިސާލަކަށް، ނޭޕާލްގެ ޕޮކްހާރާގައި ޗައިނާއިންވަނީ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ބައިނަލްއަގުވާމީ އެއާޕޯޓެއް ހުޅުވައިފައެވެ. މި މަޝްރޫއު ވެސް ވަނީ އިންޑިއާ ބިރުގަންނުވައިލައިފައެވެ. މި އެއާޕޯޓު އަސްކަރީ އަމާޒުތަކަކަށް ޗައިނާއިން ބޭނުންކޮށްފާނެތީއެވެ. އިންޑިއާއިން މި ކަމާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ނޭޕާލުގެ ތަރައްގީގެ މަޝްރޫއުތަކަށާއި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށާއި ފެނުން އުފައްދާ ހަކަތަ ގަތުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. ނޭޕާލަކީ ކަނޑަކާ ގުޅިފައިނުވާ ގައުމަކަށްވާތީ އައްސޭރިއަކާ ގުޅުވައިދޭނެ ޑްރައި ޕޯޓެއް ހަދައިދޭން ވެސް ހުށަހަޅައިފައިވެއެވެ. މީގެ އިތުރުން ސަގާފީ ގޮތުން ވެސް ނޭޕާލާ އޮންނަ ގުޅުން އިންޑިއާއިންވަނީ ވަރުގަދަކޮށްފައެވެ.

އިންޑިއާގެ މައި އިގުތިސާދީ މުޝީރު ވެންކަޓްރަމަނަން އަނަންތަ ނާގޭސްވަރަން

ދެކުނު އޭޝިއާގެ ބަނގްލަދޭޝްއަށް ބަލާއިރު މި ދިޔަ އަހަރުގެ އޯގަސްޓް މަހު ބޮޑު ވަޒީރު ޝައިޚް ހަސީނާގެ ދިގު މުއްދަތުގެ ވެރިކަން ވެއްޓުމާއެކު ޗައިނާއިންވަނީ ބަނގްލަދޭޝްއަށް ނުފޫޒު ފޯރުވަން މަސައްކަތް ފަށައިފައެވެ. އެ ގޮތުން ބީ.އާރް.އައިގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، ލޯން ދޭ އިންޓަރެސްޓް ރޭޓު ކުޑަކުރަން ޗައިނާއިން ވަނީ މި ދިޔަ މަހު އަނގަ ބަހުން އެއްބަސްވެފައެވެ. މި ކަމުން ދޭހަވީ ބަނގްލަދޭޝްގެ އިންތިގާލީ ސަރުކާރާއެކު ވެސް ޗައިނާއިން ގުޅުން އިތުރު ކުރަމުން އަންނަ ކަމެވެ.

އިންޑިއާ އާއި ޗައިނާއާ ދެ ގައުމުގެ ބޯޑަރާ ވެސް ގުޅިފައިވާ މިޔަންމާއަށް ބަލާއިރު، މިޔަންމާއާއެކު އިންޑިއާ އާއި ޗައިނާއިން ބާއްވަމުން އަންނަ ގުޅުމަކީ ވެސް މައްސަލަ ބޮޑު ގުޅުމެކެވެ. ބަޣާވާތަކުން މިޔަންމާގެ އަސްކަރިއްޔާއިން ގައުމުގެ ވެރިކަމަށް އައިސްފައިވާއިރު ޗައިނާއިން އަންނަނީ މިޔަންމާގެ އަސްކަރީ ސަރުކާރުގެ އިތުރުން އަސްކަރީ ސަރުކާރާ ދެކޮޅު ގްރޫޕްތަކާއެކު ވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެ ގޮތުން ހަތިޔާރު ފޯރުކޮށްދިނުމަށާއި ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށްވުމަށް ޗައިނާއިން ހުށަހަޅައިފައިވެއެވެ. އެއާ ހިލާފަށް އިންޑިއާގެ ސިޔާސަތަކީ މިޔަންމާގެ ކަންތައްތަކާ ނުބެހުމެވެ.

ޗައިނާ-މިޔަންމާ އިކޮނޮމިކް ކޮރިޑޯ ހިމެނޭ ގޮތަށް ޗައިނާއިން މިޔަންމާއާއެކު ފުޅާކުރަމުން އަންނަ ގުޅުންތަކުގެ ސަބަބުން އަނެއްކާވެސް މި ވަނީ އިންޑިއާގެ "ގޯތި ތެރެ"އަށް ޗައިނާއިން ނުފޫޒު ފޯރުވައިފައެވެ. އަދި އިންޑިއާ ކަނޑުގައި ފައިތިލަ ވަރުގަދަކޮށްފައެވެ. މި ކަން ވެފައިވަނީ އަސްކަރީ ގޮތުންނާއި ސަލާމަތީ ގޮތުން އިންޑިއާ ފިކުރު ބޮޑުވެފައިވާ ކަމަކަށެވެ. "އެކްޓް އީސްޓް" ނުވަތަ އިންޑިއާގެ އިރުމައްޗަށް އިސްކަން ދޭން އެކަށައެޅި ސިޔާސަތާއި ސަރަހައްދު ގުޅުވައިދޭންކުރާ މަސައްކަތްތަކަށް އެޅުނު ހުރަހަކަށެވެ.

ޝްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު

ޑިޕްލޮމެޓިކް މަރުހަލާތަކުގައި އިންޑިއާ އާއި ޗައިނާއިން ގެންގުޅެނީ މުޅިން ތަފާތު ސިޔާސަތުތަކެކެވެ. ޗައިނާއިން އަމާޒު ހިފައިފައިވަނީ ޔޫރަޕާއި އޭޝިއާއަށް ނުފޫޒު ފޯރުވައިށެވެ. ބްރިކްސް އާއި ޝަންހާއީ ކޫޕަރޭޝަން އޯގަނައިޒޭޝަންގެ ޒަރީއާއިން ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ގޮންޖަހައިށެވެ. އިންޑިއާއިން އަމާޒު ހިފައިފައިވަނީ އެ ގައުމުގެ ސަލާމަތާއި އިގުތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެ ގައުމުގެ ރަހްމަތްތެރި ގައުމުތަކާ ވަކިވަކީން ގުޅުންތައް ގާއިމުކުރާށެވެ.

އުނދަގޫ ގުޅުމަކުން ގުޅިފައިވާ އިންޑިއާ އާއި ޗައިނާއިން މި އަހަރު ދެ ގައުމުގެ ގުޅުމުގެ ކަންތައްތައް ކުރިއަށްގެންދާއިރު ޔަގީންވާ ކަމަކީ ދެ ގައުމުގެ ދެމެދުގައިކުރާ މުއާމަލާތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނާނީ ދެ ގައުމުގެ ވާދަވެރިކަމުގެ މައްޗަށްކަމެވެ. ޗައިނާއަށް އިތުބާރު ކުރުމަކީ އިންޑިއާއަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ހަމައެއާއެކު އިންޑިއާގެ އިގުތިސާދީ މަސްލަހަތުތައް ދެމެހެއްޓުމަށް ބޭނުންވާނީ ޗައިނާއާއެކު ރަހްމަތްތެރިކަމުގެ ގުޅުމެއް ދަމަހައްޓާށެވެ. ދެ ގައުމުގެ ދެމެދުގައިވާ ވާދަވެރިކަން އެނބުރެމުން އަންނާނީ ދެކުނު އޭޝިއާ ވަށައިގެންނެވެ. ދެކުނު އޭޝިއާ ބައްޓަންވަމުން އަންނާނީ ސަރަހައްދުގައި އިންޑިއާއިން އަދާކުރާ ދައުރުގެ މައްޗަށެވެ. އަދި ޗައިނާއިން ފޯރުވަމުން އަންނަ ނުފޫޒު އިތުރުވުމުގެ މައްޗަށެވެ. މި ސަރަހައްދުގައި ހިމެނޭ ރާއްޖެ ފަދަ ކުދި ގައުމުތައް ބެދޭނީ އިންޑިއާ އާއި ޗައިނާގެ ނިއުޅެމުންދާ ގުޅުމުގައެވެ.

ނޭޕާލްގެ ޕޮކްހާރާ އެއާޕޯޓް
  • ނޯޓު: މިއީ ފޮރިން ޕޮލިސީ މަޖައްލާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *