އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއު ޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރަމުންދިޔަ އެމެރިކަން އެއާލައިންސް ފްލައިޓް އޭއޭ292 އަށް ބޮމުގެ އިންޒާރެއް ލިބުމުން ކުއްލި ހާލަތުގައި އިޓަލީގެ ވެރިރަށް ރޯމްއަށް އަސްކަރީ ފައިޓާ ޖެޓެއްގެ ހިމާޔަތުގައި ގެންގޮސްފިއެވެ.
ބޮއިންގް 787 ޑްރީމްލައިނާ މަރުކާގެ މަތިންދާބޯޓަށް ބޮމުގެ އިންޒާރެއްގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް ލިބުނީ ޔޫރަޕްގެ ވައިގެ ސަރަހައްދަށް ވަދެފައިވަނިކޮށެވެ. އެއާ ގުޅިގެން ފްލައިޓްގެ ފަޅުވެރިންވަނީ އެއާ ޓްރެފިކް ކޮންޓްރޯލާ ވިލަރެސްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީގެ ވެރިރަށް ރޯމްގެ ފިއުމިޗިނޯ އެއާޕޯޓަށް ފްލައިޓް ގެންގޮސްފައެވެ.
ރޯމާ ކައިރިވުމުން މަތިންދާބޯޓަށް ވައިގެ ތެރޭގައި ވެސް ހިމާޔަތް ދިނުމަށް އިޓަލީގެ ވައިގެ ސިފައިންގެ ޔޫރޯފައިޓާ ޖެޓުތަކެއް އައެވެ. އަދި މަގު ދައްކަމުން ގޮސްވަނީ ރައްކާތެރިކަމާއެކު އެއާޕޯޓަށް ޖެއްސުމަށް މަގުފަހިކޮށްދީފައެވެ.
"ފައިޓާ ޖެޓުތަކެއް އައުމުން ދޭހަކޮށްދެނީ މައްސަލަ ސީރިއަސްކަން. ސަބަބަކީ މި ފަދަ ފިޔަވަޅުތައް އާއްމު ގޮތެއްގައި އަޅާނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް މުއުތަބައްރު ގޮތެއްގައި އިންޒާރުތަކެއް ލިބުމުން،" ދިވެހި ވައިގެ ދަތުރުފަތުރާ ބެހޭ ވެބްސައިޓް އެވިއޭޓާސް މޯލްޑިވްސްއިން ރިޕޯޓްކުރިއެވެ.
އެ ވެބްސައިޓުން ބުނީ މި ރިޕޯޓް ޝާއިއުކުރި ވަގުތު އެއްވެސް ފަސިންޖަރަކަށް އަދި ފަޅުވެރިއަކަށް ޒަހަމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.
"ލިބުނު އިންޒާރުގެ ބާވަތާ ބެހޭ ގޮތުން އެމެރިކަން އެއާލައިންސްއިން އަދި ރަސްމީ ބަޔާނެއް ނުނެރޭ. ނަމަވެސް ބެލެވެނީ ރޯމްގެ ރަސްމީ އިދާރާތަކުން މަތިންދާބޯޓުގެ ސަލާމަތީ ކަންތައްތަކާއި ފަސިންޖަރުންނާ ބެހޭ ގޮތުން ފުރިހަމަ އިންސްޕެކްޝަނެއް ހިންގައިފައި ފްލައިޓް އަލުން ނައްޓައިލަން ހުއްދަ ދޭނެ ކަމަށް،" އެވިއޭޓާސް މޯލްޑިވްސްއިން ބުންޏެވެ.



advertisment