ލޮސް އެންޖަލިސް ސިޓީގައި މި ދިޔަ މަހު ހަތެއްގައި ފެތުރެން ފެށި އަލިފާނަކީ ކެލިފޯނިއާ ސްޓޭޓަށް ކަރަންޓު ދޭ އެމެރިކާ ސަރުކާރުގެ ކުންފުނި ސަދަން ކެލިފޯނިއާ އެޑިސަން (އެސް.ސީ.އީ)ގެ ސަބަބުން ދިމާވި ކަމެއްތޯ ތަހުގީގުކުރަން ފަށައިފިއެވެ.
މިހާތަނަށް 29 މީހުން މަރުވެ، 22 މީހުން ގެއްލިފައިވާ އަލިފާން ފުރަތަމަ ހިފީ، ވޭތުވެދިޔަ 136 އަހަރު ކަރަންޓު ފޯރުކޮށްދެމުން އަންނަ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ އާލާތްތަކުގައި ޓެކްނިކަލް މައްސަލައެއް ޖެހުމުންތޯ ބަލަމުން އަންނަ ކަމަށް އެސް.ސީ.އީ.އިން އިއްޔެ ބުންޏެވެ.
އެސް.ސީ.އީ.އިން ބުނީ 50،000 އަކަ މޭލުގެ ސަރަހައްދެއްގައި ހިމެނޭ ޕެލިސޭޑްސް އަވަށާއި އީޓަން އަވަށުގައި އަލިފާން ހިފީ އެ ކުންފުނީގެ ކަރަންޓު ނަރުގައި އަލިފާން ހިފުމުންތޯ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"އެމެރިކާގެ ތާރީހުގައި ހިނގި އެންމެ އަގުބޮޑު ކާރިސާ ހިނގަން ދިމާވީ މި ކުންފުނިން ކަރަންޓު ދޭ އާލާތްތަކުގައި އަލިފާން ހިފުމުންކަމުގެ ހެކި މި ކުންފުންޏަށް ލިބިފައިވާ ވީޑިއޯތަކުން ފެނޭ. މިއީ އަލިފާން ހިފުމުގެ ފުރަތަމަ ދުވަސްވަރު ކުންފުންޏާ ގުޅުމެއް ނެތް ބަޔަކު ނަގައިފައިވާ ވީޑިއޯތަކެއް،" އެސް.ސީ.އީ.އިން ބުންޏެވެ.
އެންމެ ސީރިއަސްކޮށް އަލިފާން ފެތުރުނު އަވަށް ކަމަށްވާ އީޓަންގެ އަލްޓަޑީނާ ސަރަހައްދުގެ ކަރަންޓު ނަރުތައް މިހާރު އަންނަނީ ތިރިކުރަމުންނެވެ. އެއީ އޭގައި ޓެކްނިކަލް މައްސަލަ ހުރިތޯ ބެލުމަށެވެ.
"މި ތަހުގީގަށް އެތައް ދުވަސްތަކެއް ނަގާނެ. އަލިފާން ނިއްވާ މީހުންނާއެކު ގާތުން މަސައްކަތް ކުރަމުން މި އަންނަނީ،" އެސް.ސީ.އީ.އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކަމާ ބެހޭ އިދާރާތަކުން މިހާތަނަށް ވަނީ ގާތްގަނޑަކަށް 130 މީހުން ހައްޔަރުކޮށްފައެވެ. އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ގަސްގަހާގެއްސާއި އެހެނިހެން ތަންތަނުގައި ހުޅުޖަހައި، އަލިފާން ނިއްވާ މީހުން ކަމަށް ހެދިގެން އިމާރާތްތައް ލޫޓުވިކަމުގެ ތުހުމަތެވެ.
ސައިންސްވެރިން ބުނަނީ ލޮސް އެންޖަލިސް އަލިފާން ހިފީ ކެލިފޯނިއާގެ ހަނަފަސްކަމުން ކަމަށެވެ. އެ ގޮތުން އަލިފާން ފެތުރެން ފެށި ހިސާބާ ގުޅޭ ތަހުގީގެއް ވެސް އެބަކުރިއަށްގެންދެއެވެ.
ލޮސް އެންޖަލިސްގެ މޫސުން މި ހަފުތާއަށް ލަފާކޮށްފައިވާ ގޮތުން ދައްކަނީ މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
"އަނދައިފައިވާ ސަރަހައްދުތަކަށް ވާރޭ ވެހުމުން ފެންބޮޑުވުން އެކަށީގެންވޭ،" މޫސުން ލަފާ ކުރާ ގައުމީ އިދާރާ ކަމަށްވާ ނެޝަނަލް ވެދާ ސާވިސްގެ އޮފިޝަލަކު ބުންޏެވެ.
ކަމާ ބެހޭ އިދާރާތަކުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކިސަޑު ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.
ކެލިފޯނިއާ ސްޓޭޓް ސަރުކާރުން ބުނީ މިހާތަނަށް ބެލި ބެލުމުން ލޮސް އެންޖަލިސް ސިޓީގެ އަލިފާނުގެ ގެއްލުން 250 ބިލިއަން ޑޮލަރު (3،850 ބިލިއަން ރުފިޔާ)އަށް އަރާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
އެމެރިކާގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ލޮސް އެންޖަލިސް އޮންނަ ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.



advertisment