ޔޫރަޕްގައި ހިމާޔަތްކޮށްފައިވާ އަސްދޫނީގެ ބާވަތެއް ކަމަށްވާ ރަޑީ ޝެލްޑަކްއެއް އިޓަލީގެ ވެނިސްގެ ފަޅުތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިރިހެން ދަރިކަލުން ޝިކާރަކުރެއްވި ވީޑިއޯއެއް ފެންމަތިވެއްޖެއެވެ.
އިއްޔެ ފެންމަތިވި ވީޑިއޯގައި ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ އިތުރުން އޭނާއާއެކު އެހެން ބައެއް މީހުން ވެސް މި އަސްދޫނިތައް މި ދިޔަ ޑިސެމްބަރު މަހު ޝިކާރަކުރާ މަންޒަރު ފެނުމުން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ އިޓަލީގެ އެކްޓިވިސްޓް އެންޑްރިއާ ޒަނޯނީ އެ ކަން ވަނީ ސޯޝަލް މީޑިއާގައި ކުށްވެރިކޮށްފައެވެ.
"މިއީ ޔޫރަޕްގައި ވަރަށް މަދުން އުޅޭ އަސްދޫނީގެ ބާވަތެއް. ޔޫރަޕް އިއްތިހާދާއި އިޓަލީން ވެސް ހިމާޔަތްކޮށްފައިވާ އަސްދޫނީގެ ބާވަތެއް. މި ބާވަތުގެ އަސްދޫނި ޝިކާރަކުރުމަކީ ޖިނާއީ ކުށެއް،" އެންޑްރިއާ ބުނެފައިވެއެވެ.
ރަޑީ ޝެލްޑަކްއަކީ ޔޫރަޕްގެ ހަރީފު މޫސުމުގައި ދެކުނު އޭޝިއާއަށް ހިޖުރަކުރާ އަސްދޫންޏެކެވެ. ބިސް އަޅަން ހިޖުރަކުރަނީ ދެކުނުއިރުމަތީ ޔޫރަޕާއި މެދުތެރޭ އޭޝިއާގެ ސަރަހައްދުތަކަށެވެ.
ޓްރަމްޕް ޖޫނިއާ މި ބާވަތުގެ އަސްދޫނިތަކެއް ޝިކާރަކުރެއްވިކަން ހާމަވުމާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހެދުމަށް އިޓަލީގެ ތިމާވެއްޓާ ބެހޭ ވަޒީރު ގިލްބެއަޓޯ ޕިޗެޓޯ ފްރޭޓިން މިހާރު ވަނީ އަމުރެއް ނެރުއްވައިފައެވެ.
އެންޑްރިއާ ބުނީ ޓްރަމްޕް ޖޫނިއާއާ ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅުތަކެއްތޯ ހާމަކުރުމަށް އިޓަލީގެ ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.
އިޓަލީގެ ޝިކާރަކުރުމާއި މަސްވެރިކަމާ ބެހޭ ކައުންސެލަރު ކްރިސްޓިއާނޯ ކޮރެޒާރީ ވިދާޅުވީ ޓްރަމްޕް ޖޫނިއާ ޝިކާރަ ކުރެއްވީ މި ބާވަތުގެ އަސްދޫނި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ތެރޭގައި ހިމެނޭ އަމިއްލަ މީހެއްގެ ބިމެއްގައި ހުންނަވައިގެން ކަމަށެވެ.



advertisment