އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި އަލިފާން ކޮންޓްރޯލް ވަމުންދާއިރު އަނެއްކޮޅުން ފެންބޮޑުވުމުގެ ނުރައްކަލުގެ އެލާޓެއް އަންނަ ހަފުތާއަށް ނެރެފިއެވެ.
މިހާރު 29 މީހުން މަރުވެ، 22 މީހުން ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވާ އަލިފާން އަންނަނީ ކޮންޓްރޯލްވަމުން ކަމަށް ސަހަރުގެ އަލިފާން ނިއްވާ ލޮސް އެންޖަލިސް ފަޔާ ޑިޕާޓްމަންޓް އިދާރާއިން ބުންޏެވެ.
"ލޮސް އެންޖަލިސްގެ އެންމެ ބޮޑު ތިން އަލިފާންގަނޑު ގާތްގަނޑަކަށް ކޮންޓްރޯލްވެއްޖެ،" އޮފިޝަލަކު ބުންޏެވެ.
އެ ގޮތުން ޕެލިސޭޑްސް އަވަށުގެ އަލިފާންގަނޑުގެ 97 ޕަސެންޓް ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އީޓަން އަވަށުގެ އަލިފާންގަނޑުގެ 99 ޕަސެންޓް ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ހިއުސް އަލިފާންގަނޑުގެ 98 ޕަސެންޓް ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ސިފައިން މިހާރު އަންނަނީ ގަލާއި ވިހަ ތަކެތި ނަގައި ސާފު ކުރަމުންނެވެ.
އަލިފާން ނިވުނަސް ލޮސް އެންޖަލިސްއަށް ސަލާމަތެއް ނެތް ކަމަށް އޮފިޝަލުން ބުންޏެވެ. ސަބަބަކީ ލޯ ޕްރެޝަރު ސިސްޓަމެއްގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކިސަޑު ފައިބާނެ ކަމަށް މޫސުމާ ބެހޭ ނެޝަނަލް ވެދާ ސާވިސް އިދާރާއިން ބުނެފައިވާތީއެވެ.
"އަންނަ ހަފުތާއަކީ އާދަޔާ ހިލާފަށް ނުރައްކާތެރި ދުވަސްވަރެއް. އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ގަޑިއަކު 100 މޭލު ބާރުމިނުގައި ވައިޖެހޭނެ،" އޮފިޝަލަކު ބުންޏެވެ.
މީގެ އިތުރުން މާދަމާ އާއި އާދީއްތަ ދުވަހު ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށާއި ނަތީޖާއެއްގެ ގޮތުން ފެންބޮޑުވުމާއި ކިސަޑު ފޭބުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
މި ހަފުތާގައި ވެހެން ފެށި ވާރޭގެ ސަބަބުން ފެންބޮޑުވެ، އަދި ކިސަޑު ފޭބުމުގެ ސަބަބުން އެތައް މަގެއް ވަނީ ބަންދުކޮށްފައެވެ. ސެންޓާ މޮނިކާ ފަރުބަދަމަތީގައި ކިސަޑު ފައިބައި، "ފްލޭޝް ފްލަޑް" ނުވަތަ ކޯރެއްހެން ދެމިގެންދާ ފެންބޮޑުވުމުގެ ސަބަބުން ގިނަ މަގުތައް ވަނީ ބަންދުކޮށްފައެވެ.
ހާލުގައި ޖެހުނު މީހުންނަށް ފައިސާ ހޯދައިދިނުމަށް ބާއްވާ މިއުޒިކް ކޮންސެޓެއް މިއަދު އޮންނާނެއެވެ. މި ކޮންސެޓް ލައިވްކޮށް ބައެއް ޗެނަލްތަކުން ދެއްކުމަށްވަނީ ހަމަޖައްސައިފައެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަންނާނުންގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ.
ލޮސް އެންޖަލިސްއަށް ލިބިފައިވާ ގެއްލުން 385 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށް އެ ސަހަރުން ލަފާކޮށް މިހާރު ރިޕޯޓެއް ނެރެފައިވެއެވެ. މީގެ ތެރެއިން 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ)އަކީ ސަހަރުގެ އިންފްރާސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުން ކަމަށް އަންދާޒާކޮށްފައިވެއެވެ.
ގާތްގަނޑަކަށް 40،000 އޭކަރަށްވުރެ ބޮޑު ސަރަހައްދެއް، ނުވަތަ ފްރާންސްގެ ވެރިރަށް ޕެރިސް އަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ވަނީ އަނދައިފައެވެ. އަދި 23،000 އިމާރާތް ވެސް ވަނީ އަނދައިހުލިވެފައެވެ. މިދިޔަ ހުކުރު ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒިޔާރަތުގައި އޭނާ ފާހަގަ ކުރެއްވީ "އިތުރަށް އަނދާނެ ތަނެއް ނެތް" ކަމަށެވެ.
މި މަހު ހަތެއްގައި ޖަންގަލިތަކުގައި ރޯވީ ހަނަފަސްވުމުން ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް ގަސްދުގައި ބަޔަކު ގަސްގަހާގެހީގައި ހުޅުޖެހީތޯ ވެސް ތަހުގީގު ކުރަމުން އެބަގެންދެއެވެ.
ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.



advertisment