ބޮލީވުޑްގެ ތަރި ސައިފު އަލީ ހާނަށް އިއްޔެ ރޭ ދިން ހަމަލާގައި އޭނާގެ ބުރަކަށްޓަށް ހަރައިލި ވަޅި ނަގައިފި ކަމަށް ލީލާވަތީ ހޮސްޕިޓަލުން ބުނެފިއެވެ.
"މައިބަދައިގެ ތޮރެސިކް ސްޕައިނަލް ކޯޑަށް ވަޅި ހަރައިލައިފައިވަނީ. ވަޅި ނަގަން ޖެހުނީ ސާޖަރީއެއް ހަދައިގެން. މައިބަދައިން ދިޔަ ނިކުންނަމުން ދިޔައީ،" ޑރ. ނިތިން ދާންގޭ ބުންޏެވެ.
އޭނާ ބުނީ ސައިފު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ކަމަށާއި މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
"ސައިފުގެ ވައަތަށް ވެސް ވަނީ ދެ ފަހަރަށް ފުންކޮށް ވަޅި ހަރައިލައިފައި. އަދި ކަރަށް ވަޅި ހަރައިލި ތަން ރަނގަޅު ކުރަން ޖެހުނީ ޕްލާސްޓިކް ސާޖަރީ ހަދައިގެން،" ޑރ. ނިތިން ބުންޏެވެ.
"މިހާރު ސައިފަށް ނުރައްކަލެއް ނެތް،" އޭނާ އިތުރަށް ބުންޏެވެ.
ސައިފުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ޑޮކްޓަރުން ގަވައިދުން އަންނަނީ ބަލަމުން ކަމަށެވެ.
ސައިފުގެ ދޮށީ ދަރިފުޅު އިބްރާހީމް އަލީ ހާން ބުނީ ހޮސްޕިޓަލަށް ބައްޕަ ގެންނަން ޖެހުނީ އޮޓޯރިކްޝޯއެއްގައި ކަމަށާއި ސަބަބަކީ އާއިލާގެ ކާރު ތައްޔާރީ ހާލަތެއްގައި ނެތީމައެވެ.
ސައިފު އާއި އަންހެނުން، ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހާން އާއި އެ ދެމަފިރިންގެ ދެ ދަރިފުޅާއި އާއިލާ މުމްބާއީގައި ދިރިއުޅޭ އެޕާޓްމަންޓަށް، ސައިފަށް ހަމަލާ ދިން މީހާ ވަނީ ވައްކަން ކުރަން ކަމަށް ބެލެވެއެވެ.
"އާއިލާގެ އެހެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ،" ސައިފުގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް މިހާރު އެކުލަވައިލައިފައިވާ ކަމަށެވެ.
"ހަމަލާ ދިން މީހާއަކީ ކާކު ކަމެއް އަދި ދެނެނުގަނެވޭ. އެ މީހާ އާއި ސައިފާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އެ މީހާ ވަނީ ސައިފުގެ ގަޔަށް ހަ ފަހަރަށް ވަޅި ޖަހައިފައި،" ފުލުހުން ބުންޏެވެ.
"ވަގު ކަލޭގެ އާއި ސައިފާ ދެމެދު ޒުވާބެއް ހިނގި،" މުމްބާއީގެ ފުލުހުންގެ ކޮމިޝަނަރުގެ ނައިބު ޑިކްސިޓް ގެޑަމް ބީ.ބީ.ސީ.އަށް ބުންޏެވެ.
ފުލުހުން ބުނީ ހަމަލާގެ ތަފުސީލުތައް އަދި ސާފު ނުވާ ކަމަށެވެ. ސައިފުގެ ޓީމުން ބުނީ ހަމަލާ ދިން މީހާ ސައިފުގެ އެޕާޓްމަންޓަށް ވަނީ ވައްކަން ކުރަން ކަމަށް ބެލެވޭ ކަމަށެވެ.
"މިއީ މިހާރު ފުލުހުން ބަލަމުން އަންނަ މައްސަލައެއް. މީޑިއާ އާއި ފޭނުން ކެތްތެރިވުމަށް އެދެން،" ސައިފުގެ ޓީމުން ބުންޏެވެ.
ކަރީނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ "އިއްޔެއަކީ އާދަޔާ ހިލާފަށް ގޮންޖެހުން ބޮޑު ދުވަހެއް" ކަމަށެވެ.
"މި ހާދިސާ ހިނގިކަން އަދިވެސް ގަބޫލުކުރަން ދަތި،" އޭނާ ބުންޏެވެ.
"ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކި ގޮތްގޮތަށް މި މައްސަލައިގެ ވާހަކަތައް އަނބުރާ ނުލުމަށް މީޑިއާއަށް އިލްތިމާސް ކުރަން. އަދި މި މައްސަލައަށް ސަމާލުކަން ދޭން ޖެހޭ މިންވަރަށްވުރެ އިތުރަށް ސަމާލުކަން ނުދިނުމަށް އިހުތިރާމާއެކު ޕަޕަރާޒީ ނޫސްވެރިންނަށް ގޮވައިލަން،" ކަރީނާ ބުންޏެވެ.
އޭނާ ބުނީ މި ހާދިސާއާމެދު މީހުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި ނަމަވެސް މާބޮޑަށް މީހުންގެ ސަމާލުކަން ލިބެން ފަށައިފި ނަމަ އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ.
"މި ހާދިސާއިން އަރައިގަތުމަށް އަހަރެމެންގެ އާއިލާއަށް ބޭނުންވާ ޖާގަ ދިނުމަށް އިހުތިރާމާއެކު އެދެން،" ކަރީނާ ބުންޏެވެ.
ސައިފު އިންޑިއާގެ ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް ތައާރަފުވީ 1993 ގައެވެ. އޭނާ މަގުބޫލުވި ފިލްމްތަކުގެ ތެރޭގައި ލޯބީގެ ފިލްމްތައް ކަމަށްވާ "ދިލް ޗާހްތާ ހައެ" އަދި "ކަލް ހޯ ނާ ހޯ" ހިމެނެއެވެ. އަދި ފަހުގެ ތާރީހެއްގައި ކުޅެފައިވާ އެކްޝަން ފިލްމްތައް ކަމަށްވާ "ތަންހާޖީ" އާއި "ދޭވާރާ"ގެ ފުރަތަމަ ބަޔަކީ ވެސް މަގުބޫލު ފިލްމްތަކެވެ.
ފިލްމަށް ފާޑު ކިޔާ ފަރާތްތަކަށް 2006 ގައި ކަމުގޮސްފައިވާ "އޮމްކާރާ"ގައި ސައިފު ކުޅެނީ ނުބައިބައި މީހެއްގެ ރޯލެވެ. މިއީ ވިލިއަމް ޝޭކްސްޕިއާގެ ވާހަކަ "އޮތެލޯ"އަށް ބިނާކޮށް ހަދައިފައިވާ ފިލްމެކެވެ.
ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ މަޝްހޫރު ފިލްމީ ތަރިއެކެވެ. ޝަރުމީލާ ފިލްމީ ދުނިޔެއަށް ތައާރަފުވީ އުމުރުން 14 އަހަރުގައެވެ. އެއަށް ފަހު އޭނާ ވަނީ ހިންދީ އަދި ބެންގޯލް ބަހުން ހަދައިފައިވާ މަޝްހޫރު ފިލްމްތައް ކުޅެފައެވެ. ސައިފުގެ އެއްބަނޑުއެއްބަފާ ބަތަލާ ސުހާ އަލީ ހާން ވެސް ފިލްމް ކުޅެފައިވެއެވެ. ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.



advertisment