ކޮފީ ތައްޓެއް ހިފައިގެން ހިނގަމުން ދަނިކޮށް، މީހަކު އައިސް ލައިގަތުމުން ކޮފީ ތަށި ބަންޑުންވެ، އެތަން މިތަނަށް ބުރައިގެން ދިޔައެވެ. ދެން، ކޮފީ ތަށި ހިފައިގެން ހުރި މީހާ އޭނަގެ އަމިއްލަ ނަފްސާ ސުއާލުކޮށްލިއެވެ. ކޮފީ ތަށި ބަންޑުންވީ ކީއްވެ ހެއްޔެވެ؟
މި ސުއާލުގެ ޖަވާބު ތަފާތު ގޮތް ގޮތަށް ދެވިދާނެއެވެ؟ މީހަކު އައިސް ލައިގަތުމުންނެވެ. ބަލަންވީ ވަރަށް ނުބަލާ ހިނގަމުން ކުރިއަށް ދިޔުމުންނެވެ؟ ނޫނީ ކޮފީ ތަށި ބަންޑުންވީ ކޮފީ ތައްޓެއް ހިފައިގެން ހުރުމުންނެވެ. އެ ތަށީގައި ކޮފީ ހުރުމުންނެވެ. އޭގައި ސައި ހުރި ނަމަ، ބަންޑުންވީ ސައި ނޫން ހެއްޔެވެ؟ ފެން ހުރި ނަމަ ފެނެވެ. ޖޫސް ހުރި ނަމަ ޖޫހެވެ!
މި ކޮފީ ތަށި ބަންޑުންވުން ހަޔާތުގެ މައްޗަށް ގިޔާސް ކޮށްލެވިދާނެއެވެ. ހަޔާތުގެ މަގުގައި ހިނގަމުންދާ އިރު، މީހާގެ ކިބައިގައިވާ ނަފްސުގެ 'ތަށި' ހަލުވާލައި ބަންޑުން ކޮށްލާނޭ ވަރުގަދަ އިމްތިހާނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. އެ ވަގުތު އެ ތަށިން 'ބަންޑުންވާ' ތަން ފެންނާނީ އެ މީހާގެ ނަފްސުގައި ހުރި އެއްޗެކެވެ. އެހެންވެ، އެކަން ދެނެގަތުމަށްޓަކައި އަހަރުމެންގެ ނަފްސުގެ ތައްޓަށް އަޅައި ފުރާފައި ހުރީ ކޮން އެއްޗެއްތޯ ބަލައި ސުއާލު ކޮށްލަން ޖެހެއެވެ. އަހަރުމެންގެ ނަފްސުގެ ތަށީގައި ހުރީ ހިއްވަރާއި ކެރުން ހެއްޔެވެ؟ ނޫނީ ފިނޑިކަމާއި ކަންކަމަށް ފަސްޖެހުން ހެއްޔެވެ؟ ހިނިތުންވުމާއި އުފާވެރިކަން ހެއްޔެވެ؟ ނޫނީ ނަފުރަތާއި ހިތްހަމަ ނުޖެހުން ހެއްޔެވެ؟ ލިބޭ ނިއުމަތްތަކުގެ އަގު ވަޒަންކުރުމާއި އެކަމަށް ޝުކުރުވެރިވުން ހެއްޔެވެ؟ ނޫނީ އެކަންކަން ދެނެހުރި ކަމަށް ނުހަދައި އެކަންކަމަށް އިންކާރު ކުރުން ހެއްޔެވެ؟ ހިތްތިރިކަމާއި އަޅާލުން ހެއްޔެވެ؟ ނޫނީ ކިބުރުވެރިކަމާއި ހަމައެކަނި މަވެތިކަން ހެއްޔެވެ؟
ހަޔާތް މެދުވެރިކުރުވާ ކަންކަމުގެ ސަބަބުން، ތިމާގެ ނަފްސުގެ ތަށި ބަންޑުންވުމުން، ކަންކުރެވޭނޭ ގޮތް ކަނޑައަޅާލަނީ ތިމާގެ ނަފްސުގެ ތައްޓަށް ތިމާ އަޅައި ފުރާފައި ހުރި އެއްޗެއްގެ ނިސްބަތުންނެވެ. އެ ތަށީގައި ހުރީ ހިއްވަރާއި ކެރުން، ހިނިތުންވުމާއި އުފާވެރިކަން، ނިއުމަތްތަކުގެ އަގު ވަޒަންކުރުމާއި ޝުކުރުވެރިކަން، ހިތްތިރިކަމާއި އަޅާލުން، މި ސިފަތައް ކަމަށް ވެއްޖެ ނަމަ، އަލުން ނަފްސުގެ ތަށި ފުރާލައި ހަޔާތުގެ މަގުގައި ކުރިއަށް ދިޔުމުގެ ބާރު ލިބެއެވެ. ހަޔާތުގެ މަގުގައި ދަތުރުކޮށް ދާން އެދޭ މަންޒިލަށް ވާސިލުވެވިދެއެވެ.
ނޫން ނަމަ، ކޮފީ ތަށި ހިފައިގެން ދަނިކޮށް ލައިގެން މީހާ ކުށްވެރި ކުރެވިދާނެއެވެ. އާދެ، ހަމަ އެފަދައިން ހަޔާތުގައި ކުރިމަތިވާ އިމްތިހާނީ ގޮންޖެހުންތައް ކުށްވެރި ކުރެވިދާނެއެވެ. އެހެން ކަން ކުރެވިއްޖެ ނަމަ، ހަޔާތް ކުރިމަތި ކުރުވި ފުރަތަމަ އިމްތިހާނުން މީހާ ފޭލިވެ، އިނދަ ޖެހޭ ގޮތް ވެއެވެ! އަދި ތިމާ އެދޭ ހަޔާތުގެ މަންޒިލު ގެއްލޭ ގޮތް ވެސް ވެއެވެ.
އެހެންވީމާ، ނަފްސުގެ ތައްޓަށް، ހިއްވަރާއި ކެރުން، ހިނިތުންވުމާއި އުފާވެރިކަނއ ފަދަ މަތިގައި ނަންގަނެވިދިޔަ ރިވެތި ސިފަތައް 'އަޅައި' ފުރާލަން ޖެހެއެވެ!
