Support Us

މީހުން ބުނާ ވާހަކައެއް: ފައިސާއަށް ގަނެ، ނުހޯދޭ ބައެއް އެއްޗެހި

1. ދުޅަހެޔޮ ސިއްހަތެއް: ދުޅަ ހެޔޮ ސިއްހަތަކީ ފައިސާއަށް ގަނެވޭނޭ އެއްޗެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ ފައިސާގެ ސަބަބުން، މަޖަލުގެ ތެރެއަށް ގެނބި، ސިއްހަތު ގެއްލި، އެންމެ ހިތް އެދޭ ގޮތުގައި ފައިސާގެ ބޭނުން ކުރެވުމުން މީހާ މަހުރޫމުވެއެވެ. މިހެން ވުމުން ފައިސާ ބޭނުން ކުރަން ޖެހިފައި އޮންނަނީ ބޭސް ފަރުވާ ކުރުމަށެވެ.

2. ރީތި އަދަބުތައް: ރީތި އަދަބުތަކަކީ ފައިސާއަށް ގެނެވޭނޭ އެއްޗެއް ނޫނެވެ. އެއީ މީހާގެ ޝަޚުސިއްޔަތާއި އަދި އޭނާގެ ވެއްޓާއި ގުޅިފައިވާ ކަމެކެވެ. ބައެއް ފަހަރު، އަތް މަތި ތަނަވަސް މީހާގެ ކިބައިގައި ރީތި އަދަބުތައް ނެތިފައި އަތް މަތި ދަތި މީހާގެ ކިބައިން ރީތި އަދަބުތައް ފެނެއެވެ.

3. އިލްމުވެރިކަމާއި ހުނަރު: އިލްމުވެރިކަމާއި އެކިއެކި ހުނަރަކީ ވެސް ފައިސާއިން ގަނެވޭ ކަންކަމެއް ނޫނެވެ. އެކަންކަން ލިބިގަނެވޭނީ، އެކަންކަން ހޯދުމަށް އެތަކެއް ދުވަސްތަކެއް ވަންދެން ގަދައަޅައި މަސައްކަތް ކޮށްގެންނެވެ.

4. މީހާގެ އަގާއި ހަގީގީ އިހުތިރާމް: މިއީ ވެސް ފައިސާއަށް ގަނެވޭނޭ އެއްޗެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި ފައިސާގެ ސަބަބުން، ވަގުތީ ސިފައެއްގައި ފައިސާވެރިޔާގެ އަގު މަތިވެ، މީސްތަކުންގެ އިހުތިރާމު ވެސް ލިބެއެވެ. ނަމަވެސް، ފައިސާ ނެތިދިޔުމުން އެކަންކަން ވެސް ނެތި ދެއެވެ. އަދި، ފައިސާ ހުންނަ އިރު ވެސް، ބައެއް ފަހަރު، މީހާގެ އަގު، އޭނަ ލާފައި ހުންނަ ހެދުމާއި އަތުގައި އަޅާފައި އޮންނަ ގަޑިއަށް ވުރެ ކުޑަވެއެވެ!

5. ވަފާތެރިކަމާއި ތެދުވެރިކަން: ވަފާތެރިކަމާއި ތެދުވެރިކަމަކީ ވެސް ފައިސާއިން ގަނެވޭނޭ ކަންކަމެއް ނޫނެވެ. ވަފާތެރިކަމާއި ތެދުވެރިކަން ވެސް ގުޅެނީ މީހާގެ ޝަޚުސިއްޔަތާއި، ތަބީއަތާއި އޭނަގެ މުޔޫލުތައް، އާދެ، މާނައަކީ، އޭނަ ހިތުގެ ލެނބުންތަކާއެވެ. ވަފާތެރި ތެދުވެރި މީހާ، އޭނަގެ މި ސިފަ ދަމަހައްޓަން ފައިސާއެއް ބޭނުމެއް ނުވެއެވެ.

6. ދިގު އުމުރެއް: ވަންހަނާވެގެން ނުވާނޭ ފަދައިން ފައިސާއިން ދިގު އުމުރެއް ނުހޯދެއެވެ. މީގެ މިސާލުތައް ވަރަށް ގިނައެވެ. ބިލިޔަނަރެއް ކަމުގައވާ ސްޓީވް ޖޮބްސް ނިޔާވީ އޭނަގެ އުމުރުން ފަންސާސް ހަ އަހަރުގައެވެ. ފުޓުބޯޅަކުޅެގެން މުއްސަނދިކަން ހޯދި މަޝްހޫރު ކުޅުންތެރިޔާ މެރަޑޯނާ ނިޔާވީ އޭނަގެ އުމުރުން 60 އަހަރުގައެވެ. މިޔުޒިކު ދުނިޔޭގައި ހަތްދިހައިގެ އަހަރުތަކުގައްޔާއި އަދި އަށްޑިހައިގެ އަހަރުތަކުގައި ރަސްކަން ކުރި މިލިޔަނަރެއް ކަމުގައިވާ ފްރެޑީ މާކިޔުރީ ނިޔާވި އިރު އޭނަގެ އުމުރަކީ 45 އަހަރެވެ.

7. ތެދު ހަގީގަތް: ފައިސާއިން ހަގިގަތް، ވަގުތީ ގޮތެއްގައި، ފޮރުވިދާނެއެވެ. ނަމަވެސް، އެކަން ދާދި އަވަހަށް ފަޅާއަރާ ގޮތް ވެއެވެ. އާދެ، ތެދު ހަގީގަތަކީ ފައިސާއިން ގަނެވޭނޭ އެއްޗެއް ނޫނެވެ.

8. ހިތްހަމަޖެހުމާއި ނަފްސުގެ މަސަލަސްކަން: މިއީ ވެސް ފައިސާއިން ގަނެވޭނޭ އެއްޗެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި ހިތް ހަމަޖެހުމާއި ނަފްސުގެ މަސަލަސްކަމަށް ފައިސާ މުހިއްމެވެ. ނަމަވެސް، އަސާސީ ގޮތެއްގައި މިކަން ގުޅެނީ ގަނާއަތްތެރިކަމާއެވެ. އާދެ، ހިތުގެ ފުދުން ތެރިކަމާއެވެ.

9. ހަގީގީ ރަހުމަތްތެރިން: ފައިސާއިން ދެކެ ފަރިތަ އެތައް ބައެއް ހޯދިދާނެއެވެ. ނަމަވެސް، ހަގީގީ ރަހުމަތްތެރިން ނުހޯދޭނެއެވެ. އެކަން އެނގެނީ ފައިސާ ނެތި އަތްމަތި ދަތިވާ ވަގުތުގައެވެ.

10. ލޯބި: ލޯތްބަކީ ވެސް ފައިސާއިން ގަނެވޭނޭ އެއްޗެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ ފައިސާ މާ ގިނަވެއްޖެ ނަމަ، ހަގީގީ ލޯތްބެއް ހޯދުމަށް ދަތި ވެދެއެވެ. ލޯބި ވަނީ، ހަގީގަތުގައި ވެސް، މީހާ ދެކެތޯ ނުވަތަ އޭނައަށް ލިބިފައި އޮތް އެއްޗެއ ދެކެތޯ ސުއާލު އުފެދި، ހައިރާނުގެ ތެރެއަށް ގެނބޭ ގޮތް ވެސް ވެއެވެ.

ތިރީގައި އެވާ އަބާގެ 'މަނީ މަނީ މަނީ' (ފައިސާ ފައިސާ ފައިސާ) މި ލަވައިގެ ދިވެހިކޮށްލުމެއް:

ރޭ ހަތަރު އަހަރެން ދަމު މަސައްކަތްކުރަމެވެ.

އަދި މުޅި ދުވާލު ވެސް މަސައްކަތްކުރަމެވެ.

އަހަރެން ދައްކަން ޖެހޭ ބިލުތައް ދެއްކުމަށްޓަކައެވެ!

[އަބަދު މަސައްކަތްކުރަންޖެހޭތީ] ކިހާ ދެރަ ހެއްޔެވެ؟

 

ހުވަފެނީ ޚިޔާލެއް އަހަރެންގެ ހިތުގައި ކުރަހާލާއި ރޭވިފައި އެބަ އޮތެވެ.

މުއްސަނދި ފިރިހެނަކު އަހަންނަށް ލިބިއްޖެ ނަމައެވެ.

އޭރުން އަހަންނަށް މަސައްކަތް ކުރަން ނުޖެހުނީހެވެ.

އަދި، ކުޅި މަޖަލުގައި ވަގުތުތައް ހޭދަކޮށްލެވުނީހެވެ.

 

ފައިސާއެވެ. ފައިސާއެވެ. ފައިސާއެވެ.

ހެއްވާވެފައި މަޖާވާނެއެވެ.

މުއްސަނދި މީހާގެ ދުނިޔެއެވެ.

އަބަދުވެސް އުފާވެރިވާނެއެވެ.

މުއްސަނދި މީހާގެ ދުނިޔެއެވެ.

 

އަހާނ!

އަހަންނަށް ކުރެވޭނެ ކަންކަމެވެ!

އަހަރެންގެ އަތުގައި ފައިސާ ކޮޅެއް ހުރި ނަމައެވެ.

މި ދުނިޔެއަކީ މުއްސަނދި މީހުންގެ ދުނިޔެއެކެވެ.

[އާނއެކެވެ!] މި ދުނިޔެއަކީ މުއްސަނދި މީހުންގެ ދުނިޔެއެކެވެ.

 

[އާހް!] އެފަދަ މީހަކު ލިބުމަކީ ވަރަށް ވެސް ދަތި އުނދަގޫ ކަމެކެވެ.

ނަމަވެސް، އެ ޚިޔާލު އަހަރެންގެ ހިތުން ފިލުވައެއް ނުލެވެއެވެ.

ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!

އެ ފަދަ މީހަކު ހުސްކޮށް ހުރި ނަމަވެސް،

އޭނަ އަހަންނާ ގަޔާއެއް ނުވީހެވެ!

ކިހާ ދެރަ ހެއްޔެވެ؟

އެހެންވެ، މިތަން ދޫކޮށްފައި އަހަރެން ދާންޖެހެއެވެ.

ލާސް ވެގާސް ނޫނީ މޮނާކޯއަށެވެ.

ނަސީބު ކުޅިވަރެއް ކުޅެ ފައިސާ ގަނޑެއް ހޯދުމަށެވެ.

އޭރުން އަހަރެންގެ ހަޔާތް މިހާރު މި އޮތް ގޮތަކަށް ނޯންނާނެއެވެ.

 

ފައިސާއެވެ. ފައިސާއެވެ. ފައިސާއެވެ.

ހެއްވާވެފައި މަޖާވާނެއެވެ.

މުއްސަނދި މީހާގެ ދުނިޔެއެވެ.

އަބަދުވެސް އުފާވެރިވާނެއެވެ.

މުއްސަނދި މީހާގެ ދުނިޔެއެވެ.

 

އަހާނ!

އަހަންނަށް ކުރެވޭނެ ކަންކަމެވެ!

އަހަރެންގެ އަތުގައި ފައިސާ ކޮޅެއް ހުރި ނަމައެވެ.

މި ދުނިޔެއަކީ މުއްސަނދި މީހުންގެ ދުނިޔެއެކެވެ.

[އާނއެކެވެ!] މި ދުނިޔެއަކީ މުއްސަނދި މީހުންގެ ދުނިޔެއެކެވެ.

 

ލަވަ ވީޑިއޯ