Support Us

ސަކަރާތް އެއާލައިނެއް ކަމަށް ބުނުމުން އިންޑިގޯ ނުރުހުން ފާޅުކޮށްފި

އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯއަކީ ދުނިޔޭގެ އެންމެ ސަކަރާތް އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެއް ކަމަށް ޔޫރަޕް އިއްތިހާދުގެ ބަދަލު ހޯދައިދޭ ކުންފުންޏެއްކަމަށްވާ އެއާހެލްޕުން ބުނުމުން އިންޑިގޯއިން އެ ކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ފަސިންޖަރުންނާއި މަތިންދާބޯޓުގެ އަދަދުގެ ގޮތުން އިންޑިއާގައި މިދިޔަ މަހުގެ ނިޔަލަށް އެންމެ ކުރީގައި އޮތް އިންޑިގޯއަކީ އިންޑިއާގެ ހަރަދުކުޑަ ނުވަތަ ބަޖެޓް އެއާލައިންގެ ތެރެއިން 63 ޕަސެންޓް މާކެޓް ކޮންޓްރޯލްކުރާ އެއާލައިނެވެ.

ދިރާސާއެއްކުރުމަށް ފަހު ކަމަށް ބުނެ އެއާހެލްޕުން ބުނީ ގަޑިއަށް އޮޕަރޭޓްކުރުމާއި ހިދުމަތުގެ ފެންވަރާއި ބަދަލުދިނުމުގައި އިންޑިގޯއަކީ ފެންވަރު ދަށް އެއާލައިނެއް ކަމަށެވެ. އެ ގޮތުން މުޅިއަކު 4.80 ގެ ރޭޓިން ދީފައި އެއާހެލްޕުން ބުނީ ދުނިޔޭގެ 109 އެއާލައިން ތެރެއިން އިންޑިގޯ އަންނަނީ 103 ވަނައަށްކަމަށެވެ.

"މި ދިރާސާގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭ. ސާވޭކުރުމަށް އިންޑިއާއިން ނެގި ސާމްޕަލްގެ ސައިޒާމެދު ސުވާލު އުފެދޭ. އަދި ދިރާސާ ކުރެވުނު ގޮތާއި ބަދަލު ދިނުމުގައި ބެލި މިންގަނޑުތަކާމެދު ސުވާލު އުފެދޭ،" އިންޑިގޯއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ އެއާލައިނުން ބުނީ ގަޑިއަށް ފަރުވާތެރިވުމުގެ އިތުރުން އެއާލައިން އޮޕަރޭޓްކުރާ ބޮޑުމިނާ ބަލާއިރު ފަސިންޖަރުންގެ ޝަކުވާގެ މިންވަރުވެސް މަދުކަމަށެވެ.

"އިންޑިއާގެ އެންމެ މަގުބޫލު އެއާލައިންގެ ގޮތުން އެއާހެލްޕުން ކުރި ކަމަށް ބުނާ މި ދިރާސާގެ ހޯދުންތަކާ އަހަރެމެން ދެކޮޅުހަދަން. އަހަރެމެންނަކީ ގަޑިއަށް ބަރާބަރު، އަތްފޯރާފަށުގައި އަގުތައް ހުރި، އިހްތިރާމް އަދާކުރާ އަދި ފަސޭހަކަމާއެކު ދަތުރުކޮށްލުމުގެ ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދޭ އެއާލައިނެއް،" އިންޑިގޯގެ ބަޔާނުގައި ބުންޏެވެ.

އިތުބާރު ހިފޭ ހިދުމަތް ދޭކަމަށް ބުނަމުން އިންޑިގޯއިން ހާއްސަކޮށް ފާހަގަކޮށްލީ ގަޑިއަށް އޮޕަރޭޓްކުރާ އެއާލައިނެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެއާހެލްޕްގެ ދިރާސާ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކަށް ނުފެތޭތީ ކަންބޮޑުވާ ކަމަށް އިންޑިގޯއިން ބުންޏެވެ.

"މިހެންވެ އިންޑިއާގެ ވައިގެ ދަތުރުފަތުރާ ބެހޭ ދާއިރާއަށް މި ދިރާސާގެ ހޯދުންތައް އެކަށީގެންވޭތޯ އުފެދޭ ސުވާލު އިތުރުވޭ،" އިންޑިގޯއިން ބުންޏެވެ.

އެއާހެލްޕުން ބުނީ އެ ތަނުގެ ދިރާސާގައި ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުން ގަޑިއަށް ފަރުވާތެރިވާ މިންވަރާއި ދޭ ހިދުމަތުގެ ފެންވަރާއި ބަދަލުދިނުމުގެ އިޖުރާއަތްތައް ހުންނަ ގޮތް ބަލައިފައިވާ ކަމަށެވެ. ނަމަވެސް މި ދިރާސާގައި ކަންތައްތައް ކޮށްފައިވާ ގޮތް ހާމަނުކުރުމުން އެއާހެލްޕަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.