އުފާވެރިކަން ހުއްޓެވެ! "ބާއްޖަވެރި، އުފަލުން ފުރިގެންވާ ޒަވާޖީ ހަޔާތުގެ ދުސްތޫރު- ފިރިހެނުނަށް" މި ފޮތް ދާދި ފަހުން ނިކުމެއްޖެއެވެ. އެ ފޮތުގެ މުހިއްމު މާއްދާތަކުގެ ޚުލާސާއެއް ތިރީގައި ނަކަލުކޮށް ލިޔެލަން ގަސްދުކުރުމަށެވެ.
ފުރަތަމަ މާއްދާ: ކައިވެންޏަށް ފަހު، ފިރިމީހާއަށް ކޮންމެ އެއްޗެއް ދެކެ ވެސް ލޯބިވުން ހުއްދައެވެ. އެހެން އަންހެނެއް ފިޔަވައެވެ.
ދެ ވަނަ މާއްދާ: ހައްގު ގޮތުގައި ހުންނާނީ އަބަދުވެސް އަނބިމީހާކަން ފިރިމީހާ ހަނދާން ކުރަން ޖެހެއެވެ.
ތިން ވަނަ މާއްދާ: އަނބިމީހާ ކަމެއް ކުރުމުގެ އަމުރެއް ނެރުމުން، ލައްބައޭ ބުނެ އެކަން ކުރުމަށް އަވަސްވެގަންނަން ޖެހެއެވެ. އެހެން ހުރިހާ ކަމެއް ހުއްޓާލާފައެވެ. އެކަން ކުރުމަށް އިންކާރުކޮށްފާނެހެން ހީވާ އެއްވެސް ކަލިމައެއް ފިރިމީހާގެ ދުލުން ނުނިކުންނަ ހުށިކަމެވެ.
ހަތަރު ވަނަ މާއްދާ: "ކަލެއާ އެކު އުފާވެރި އެންމެ ދުވަހެއް ވެސް ހޭދައެއް ނުވެއޭ" މިހެން، ފިރިމީހާއާ ދިމާއަށް އަންހެން މީހާ ބުނެފި ނަމަ، ތިޔަ ބުނީ ހަމަ ފިސާރި ތެދެކޭ އަންހެނުން ގާތު ބުނުމަށް އަވަސްވެގަންނަން ޖެހެއެވެ. އަދި، އެކަމާ އަނބިމީހާ ކެތްކުރުމުން އޭނަ ސުވަރުގެދާނެ ވާހަކައާއި އަނބިމީހާއަށް އުފާވެރިކަން ނުގެނެސްދެވުމުގެ ސަބަބުން ތިމަންނާ ނަރަކައަށް ދޭނެ ވާހަކަ ވެސް ފިރިމީހާ އަނބިމީހާ ގާތު ބުނަން ޖެހޭނެއެވެ.
ފަސް ވަނަ މާއްދާ: ފިރިމީހާއަށް ކުށެއް ކުރެވިއްޖެ ނަމަ، އެކަމަށް އިއުތިރާފުވެ، އަނބިމީހާ ކުރެން ފިރިމީހާ މާފަށް އެދެން ޖެހެއެވެ. އަދި، އަނބިމީހާއަށް ކުށެއް ކުރެވިއްޖެ، ނަމަވެސް، އެއީ ފިރިމީހާގެ ސަބަބުންވީ ކަމެއް ކަމުގައި ބުނެ، ފިރިމީހާ އެކަމަށް އިއުތިރާފުވެ، އަނބިމީހާ ކުރެން މާފަށް އެދެން ޖެހޭނެއެވެ.
ހަ ވަނަ މާއްދާ: އުމުރުން ދުވަސްވެ، ސިފަ ހުތުރު ވަނީ ހަމައެކަނި ފިރިމީހާ ކަމުގައި އަންހެނުން ގާތު ބުނަން ޖެހެއެވެ. ހަމަ އެހެންމެ، އަނބި މީހާ އަބަދުވެސް ހުންނާނީ 25 އަހަރުގައެވެ. އެހިސާބުން އޭނަގެ އުމުރުގެ ގަޑި ހުއްޓިއްޖެ ވާހަކަ ބުނަން ޖެހޭނެއެވެ.
ހަތް ވަނަ މާއްދާ: ފިރިމީހާއަށް އެހާ ރަނގަޅު ނަމޫނާ އަނތްބަކު ލިބުނު ކަމަށްޓަކައި މާތްﷲ އަށް ހަމްދުކުރަން ޖެހެއެވެ.
އަށް ވަނަ މާއްދާ: މީގައި ހިމެނިފައި ނެތް ކަމެއް ކުރިމަތިވެއްޖެ ނަމަ، ދެ ވަނަ މާއްދާއާ އެއްގޮތަށް އަމަލު ކުރުމުން ފުދޭނެއެވެ.
