Support Us

ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދޭނަން: ރައީސުލްޖުމްހޫރިއްޔާ

މި ދައުރުގައި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.

އިންތިޚާބެއް ގާތްވީމާ ރައްޔިތުންގެ ބޯހިޔާވަހިކަން މަތިން ހަނދާންކުރާކަށް މި ސަރުކާރުން މަޑެއް ނުކުރައްވާނޭކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުގެ އަމިއްލަ ބާރާއެކު އެކުލަވާލި ފުރަތަމަ ބަޖެޓުވެސް ޚާއްޞަކޮށްފައިވާނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އަމާޒުކުރައްވައިގެން ކަމުގައި ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް، ބޯހިޔާވަހިކަމަށް މިހާ ބޮޑު ޢަދަދެއް ޚާއްޞަކުރެވުނު ފުރަތަމަ ފަހަރުކަމަށާއި، މީގެ ތެރެއިން 1.5 މިލިޔަން ރުފިޔާ، ގެދޮރު އެޅުމުގެ ޢަމަލީ މަސައްކަތަށް ޚާއްޞަކުރައްވާފައިވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު، ގެދޮރުވެރިކަމުގެ ލޯނުތަކަށް ޚާއްޞަކޮށް، 1000 މިލިޔަން ރުފިޔާ ބަޖެޓުކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، މި ދައުރު ނިމޭއިރު، ދިވެހި ހުރިހާ ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އުމްރާނީ މަސައްކަތްތަކާއި ބިނާރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ ޢިމާރާތްތަކާއި މިސްކިތްތަކުގެ މަރާމާތަށް އިސްކަންދެއްވާފައިވާކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ތިލަމާލެ ބުރިޖު ފަދަ މަޑުޖެހިފައިވާ މަޝްރޫޢުތަކުގެ ދުވެލި، މި ސަރުކާރުގެ މަސައްކަތުން އަވަސްކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި އަހަރުގެ ބަޖެޓުގެ ތާށިކަމާ އެކުގައިވެސް، މި ސަރުކާރުން ތަރައްޤީގެ 38 މަޝްރޫޢު ނިންމާފައިވާނޭކަމަށާއި، އިތުރު 26 މަޝްރޫޢު ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *