Support Us

ކޮލަމް ކަލާވެހި: މިކަހަލަ މަޅިމަޅީގައި އެއްގޮތަކަށްވެސް ޖެހިވަޑައިނުގަންނަވާށެވެ!

ތިޔަ ބޭފުޅުންގެ އަރިހުގައި މިފަހަރު އަޅުގަނޑު ދަންނަވައިލާން އޮތް ވާހަކަ ދަންނަވައިލާނީ ފޭސްބުކްގައި މީހަކު ލިޔެލައިފައި ދޫކޮށްލި ބަޔާނެއްގެ ތަރުޖަމާއެއް މިތާނގައި ލިޔެލައި، އެ ހިސާބުން ފަށައިގެންނެވެ. ވިދާޅުވަމުން ގެންދަވާށެވެ!

"ބިޒްކިސްތާނޭ ކިޔޭ ޤައުމުގައި އޮންނަނީ ވިރާޘީ ވެރިކަމެކެވެ. ޚުދުމުޙްތާރު ވެރިކަމެއް މެއެވެ. ޤައުމުގެ ތަޚުތުގައި މިވަގުތު އިންނެވި ރަސްގެފާނަކީ، ވަރަށް ގިނަ މީހުން ބުނާ ގޮތުގައި، ވަރަށް ބޮޑާ، ކިބުރުވެރި، ޖާހިލު ރަސްކަލެކެވެ. އެ މަނިކުފާނުންގެ އަރިހުގައި ބަސްފުޅުދަންނަވާން ދާ ކޮންމެ މީހަކު އެ ރަސްގެޔަށް ކޮންމެވެސް ވެދުމެއް ގެންދާން ޖެހި ދެއެވެ. އަދި ހަމަ އެހެންމެ، އެ މީހަކު ރަސްގެފާނުންގެ ގަނޑުވަރުކޮޅަށް ހަމަ ވަނުމާއެކު ރަސްގެޔަށް ހެޔޮދުޢާކޮށް، ތަޢުރީފުގެ ބަސްތަކުން ގުލްހާރުތައް އަމުނައި، ބޭރުފުށުން ނަމަވެސް ރަސްގެޔަށް އަދަބު އަދާކުރާން ޖެހިދެއެވެ. ބިޒްކިސްތާނުގެ ޢާންމު ރައްޔިތުންނަކީ ފަޤީރުންނެވެ. އެ މީހުންގެ ތެރެއިން ލިޔާންކިޔާން ދަންނަނީ ވަރަށް މަދު އިންސައްތަޔެއްގެ ބަޔެކެވެ. އެ ޤައުމުގެ ޢާންމު ރައްޔިތަކަށް ލިބޭ އެވަރެޖް ދުވަހު މުސާރަޔަކީ އެމެރިކާގެ ރައްޔިތަކަށް ލިބޭ އެވަރެޖް ދުވަހު މުސާރައިގެ ކުޑަ ބައިކުޅަބައެކެވެ. ރަސްގެޔަކީ ޖާހިލެއްކަން ދޭހަވަނީ މިކަންކަމުންނެވެ. ވީމައި، ބިޒްކިސްތާނުގެ ރަސްގެފާނު ރަސްކަމުން ބައިލައި، ބަދަލުގައި އެހެން ބޭފުޅަކު ޢައްޔަންކުރާން އެބަ ޖެހެއެވެ. އެކުވެރި ޢަޒީޒު ރައްޓެހި ރަޙުމަތްތެރީންނޭވެ! ތިޔަބައިމީހުންނަކީ ޢަދުލު އިންޞާފަށް ލޯބިކުރާ، ހެޔޮނިޔަތުގައި ކަންކުރާ، އިންސާނިއްޔަތުކަމުގެ ސިފަ ތިޔަބައިމީހުންގައި ހުރި ބަޔަކު ނަމަ، މި ބަޔާނަށް 'ލައިކް' ޖެހުމާ އެކު، މި ބަޔާން ތިޔަބައިމީހުންގެ ފޭސްބުކް އެކައުންޓުގައި ވެސް ނަކަލުކޮށް، 'ޕޯސްޓު' ކުރާނެއެވެ."

ދެން ފަހެ، މި ދެންނެވި ބަޔާން ކިޔާ ކޮންމެ މީހަކީ ޢަދުލު އިންޞާފަށް ލޯބިކުރާ، ހެޔޮނިޔަތުގައި ކަންކުރާ، އިންސާނިއްޔަތުކަމުގެ ސިފަ އެ މީހެއްގައި ހުރި މީހަކު ނަމަ، އެ ބަޔާނަށް ވަގުތުން 'ލައިކް' ޖެހުމާ އެކު، އެ ބަޔާން އެ މީހެއްގެ ފޭސްބުކް އެކައުންޓުގައި ވެސް ނަކަލުކޮށް، 'ޕޯސްޓު' ކުރާން ވީއެވެ. އެ ކަން އެހެން ނުކޮށްފި ނަމަ، އެ މީހަކު އެ ވަނީ ޢަދުލު އިންޞާފަށް ހަމަ އެއްގޮތަކަށްވެސް ލޯބިނުކުރާ، ހެޔޮނިޔަތުގައި އެއްވެސް ކަމެއް ނުކުރާ، އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް އެ މީހެއްގައި ނެތް މީހަކަށް، އެހެން ނޫންތޯއެވެ؟

ދެން، މި ލިޔެވުނު ބަޔާނުގެ ވާހަކަ އިހަށް ބާއްވައިފައި، އަދި އެހެން ޢިބާރާތެއް މިތާނގައި ލިޔެލާނަމެވެ.

"ތިބާ އަހަރެން ދެކެ ލޯބިވާނަމަ، ތިބާ ތިބާގެ ކަނާއަތުގެ މެދުއިނގިލި ބުރިކޮށްލައިފައި އެއްލައިލާނެއެވެ!"

އޭގެ މާނަޔަކީ، ޢިބާރާތް އެ މީހަކަށް އަމާޒުވާ މީހާ ކަނާއަތުގެ މެދުއިނގިލި ހަމަ ވަގުތުން ބުރިކޮށްލައިފައި އެއްލައިނުލައިފި ނަމަ، އެ މީހާ ޢިބާރާތް ފޮނުވި މީހާ ދެކެ ލޯބިނުވަނިއްޔޭ ނޫންތޯއެވެ؟

ލޯބި ވުމުގެ ހެޔޮ ދަލީލެއްގެ ގޮތުން އެހެން މީހެއްގެ އަތުގެ މެދުއިނގިލި ބުރިކޮށްލައިފައި އެއްލައިލުން ޝަރުޠުކުރާ މީހާޔަކީ އެ މީހެއްގެ ނަފްސާނީ ޙާލަތް ވަރަށް ނުރައްކާ ހިސާބަކަށް ގޮސްފައިވާ މީހެކެވެ. ނުވަތަ ރަޙުމެއް ކުލުނެއް ނެތް، ނުބައި ނުލަފާ ޖައްބާރެކެވެ. އަމިއްލަ އަތުގެ މެދު އިނގިލި ބުރިކޮށްލައިފައި އެއްލައިލުމުގެ ޝަރުޠު އެ މީހެއްގެ މައްޗަށް ހުށައެޅޭ މީހާ އަނހާ ގައިކޮޅުގައިގާދުރޭ ގޮވައިލައިފައި އެ ޝަރުތު ކުރިމަތިކުރި މީހާގެ އަތުނުޖެހޭ ހިސާބަށް ދުވެ ދިޔުމަކީ ބުއްދިވެރި ކަމަކަށް ނުވޭތޯއެވެ؟

ދެން، ކުރީގެ ބަޔާނަށް ރުޖޫޢަ ވަމާ ތޯއެވެ! ބިޒްކިސްތާނުގެ ރަސްގެފާނަށް އަމާޒުކުރެވިފައި އެ ހުރި އެކި ވަކި އިލްޒާމަށް ނަޒރު ހިންގައިލަމާތޯއެވެ!

ބިޒްކިސްތާނުގެ ރަސްގެޔަކީ ބޮޑާ، ކިބުރުވެރި، ޖާހިލު ރަސްކަލެކޯލައެވެ. އެހެން ބުނާ ކަމަށް ވަނީ ވަކި ޢަދަދެއް ނެތް، ކަމާ ބެހޭ ތަފާސް ހިސާބެއް ޢަމުދުން ނެތް، 'ވަރަށް ގިނަ' ބަޔެކޯލައެވެ. ރަސްގެޔަށް ޒިޔާރަތްކުރާ މީހުން ރަސްގެޔަށް ހެޔޮދުޢާ ކުރުމާއި، ވެދުން ގެންދިޔުމާއި ރަސްގެޔަށް ހެޔޮބަސްތަކުން މުޚާޠަބްކުރުމަކީވެސް ރަސްގެފާނުންގެ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ޖާހިލުކަމުގެ ދަލީލެއް ކަހަލައެވެ. އެހެންކަމަށް ވަންޏާ، ދުނިޔޭގެ ވަރަށް ގިނަ ރަސްރަސްކަލުން ހިމެނޭނީ އެ ގިންތީގައެވެ. ބިޒްކިސްތާނުގެ ޢާންމު ރައްޔިތުންނަކީ ފަޤީރުންނަށް ވުމަކީވެސް އެ ޤައުމުގެ ރަސްގެފާނުންގެ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ޖާހިލުކަމުގެ ދަލީލަކަށް އެބަ ވެއެވެ. އަދި ހަމަ އެހެންމެ، ރައްޔިތުންގެ ތެރެއިން ލިޔާންކިޔާން ދަންނަނީ ވަރަށް މަދު އިންސައްތަޔެއްގެ ބަޔަކަށް ވުމީ ވެސް އެ ފަދަ ދަލީލެކޯލައެވެ. އެ ޤައުމުގެ ޢާންމު ރައްޔިތަކަށް ލިބޭ އެވަރެޖް ދުވަހު މުސާރަޔަކީ އެމެރިކާގެ ރައްޔިތަކަށް ލިބޭ އެވަރެޖް ދުވަހު މުސާރައިގެ ކުޑަ ބައިކުޅަބަޔަކަށް ވުން ވެސް އެފަދައެވެ. މިހިރިމިހިރީ ދުޅަހެޔޮ ބުއްދީން ވިސްނައިފި ނަމަ، ޢަޤްލީ ހަމަތަކުން ވަޒަން ކޮށްފި ނަމަ، ދެކޮޅުޖެހޭ ވާހަކަތަކެއް ތޯއެވެ؟ އަދި ހަމަ އެހެންމެ، އިލްޒާމު އެއްކިބައިގައި ބާއްވައިފައި، މިހުރިހައި ކަމެއް ހުރީ ހަމަ އެ ބުނި ގޮތަށްކަން ސާބިތުވާ ހެއްކާއި ދަލީލާއި ތަފާސްހިސާބު ކޮބައިތޯއެވެ؟ އަދި އެކަންކަމާ ރަސްގެފާނުންގެ އެ ބުނާ ބޮޑާކަމަކާއި، ކިބުރުވެރިކަމަކާއިއި، ޖާހިލުކަމަކާ ހުރި ކޮން ގުޅުމެއް ތޯއެވެ؟

އެހެން ވީމައި، އެ ބަޔާނަށް ވަގުތުން 'ލައިކް' ޖަހައި، އެ ބަޔާން އެ މީހެއްގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ނަކަލުކޮށް، 'ޕޯސްޓު' ކުރާ މީހާ ވެސް އެ ވަނީ އެ ޒާތުގެ ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހަކަށް ނޫންތޯއެވެ؟ ރަސްގެޔާ ބެހޭ ގޮތުން ފުރަތަމަ ބަޔާން ލިޔުނު މީހާޔަށް ވުރެވެސް ތާކުންތާކު ނުޖެހޭ މީހަކަށް ނޫންތޯއެވެ؟ ލޯބިވުމުގެ ދަލީލެއްގެ ގޮތުން އަމިއްލަ އަތުގެ މެދުއިނގިލި ބުރިކޮށްލައިފައި އެއްލައިލާން ތައްޔާރަށް ހުރި މީހާޔާ އޭނާޔާ ދެމެދު ހުރީ ކޮން ތަފާތެއް ތޯއެވެ؟

އެހެން ކަމުން، ތިޔަ ބޭފުޅުން އަރިހު އަޅުގަނޑު މިފަހަރު ދަންނަވާ ވާހަކަޔަކީ މިއީއެވެ. މިއީ މިހައިރަކަށް އައިސް ފޭސްބުކްގައި ބައެއް މީހުން ކުރާ ކަމެކެވެ. ދިގު ބަޔާންތައް ލިޔެފައި އެ ބަޔާންތަކަށް 'ލައިކް' ޖަހައި، އަމިއްލަ ފޭސްބުކް ޞަފުޙާގައި ނަކަލު ކުރާން ބުނަނީއެވެ. ތިބާޔަކީ ހެޔޮ ވިސްނޭ މީހެއް ނަމަ އެކަންކަން ކުރާނެޔޭ ބުނަމުންނެވެ. އެންމެންގެ ރައްޓެހި ރަޙުމަތްތެރީން ކަމުގައި ހެދިގެން އުޅޭ ނުރައްކާތެރި ކެހިވެރީން ފަތުރާން ބޭނުންވާ ބައެއް ކަހަލަ ނުސިޔާނު ޚިޔާލުތަކާއި ވާހަކަތައް ވެސް އެ މީހުންގެ ފޭސްބުކް ޞަފުޙާގައި ލިޔެފައި، އެ ފަދަ ލިޔުންތައް ނިންމައިލާ އިރު "ކަލެޔަކީ ރަނގަޅު މީހެއް ނަމަ މިލިޔުން ނަކަލުކޮށްފައި ޕޯސްޓުކުރާނެޔޭ" މިހެން ލިޔެފައި ހުއްޓައި އެބަ ފެނެއެވެ. ދެން އެ މަޅީގައި ބައެއް މީހުން ޖެހި، ރަނގަޅު މީހަކަށް ވާން ވެގެން "އަމިއްލަ އަތުގެ މެދު އިނގިލި ބުރިކޮށްލެވެނީއެވެ."

ފޭސްބުކްގައި ހުންނަ އެ ފަދަ ލިޔުންތަކަށް ހެއްލިވަޑައިނުގަންނަވާށެވެ! އެކަހަލަ މަޅިމަޅީގައި އެއްގޮތަކަށްވެސް ޖެހިވަޑައިނުގަންނަވާށެވެ!