Support Us

އިލްމީ ހަގީގަތެއް ބަޔާން ކުރާ ވާހަކައެއް: އެންމެ މޮޅު ބޭސް

އެންމެނަށްހެން ވެސް އެނގި ފާޅުވެފައިވާ ފަދައިން، އަދުގެ ދުނިޔެއަކީ، މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ އިލްމީ ކާމިޔާބީތަކެއް ހޯދައިފައިވާ ޒަމާނެކެވެ. މީހަކު އޭނަ އިން ކޮޓަރިއެއްގެ ތެރެއަށް ނަޒަރު ހިންގާލިޔަސް މީގެ ހެކި ފެނެއެވެ. އެ ކޮޓަރި އިމާރާތް ކުރެވިފައިވާ ގޮތެވެ. އެ ކޮޓަރީގެ ތެރޭގައި ހުރި، ފަންކާއާއި އެއަރ ކޮންޑިޝަނާއި މޭޒުމަތީ ބަހައްޓާފައި ހުރި ކޮމްފިޔުޓަރު، ލެޕްޓޮޕް، އަތުގައި އޮތް ފޯނު، މިފަދަ ހުރިހާ އެއްޗަކަށް ނަޒަރު ހިންގާލުމުން މިނަންގަތް ކުރިއެރުމުގެ ކޮންމެ ވެސް ވަރެއް ހިތަށް ގެނެވޭނެއެވެ.

މި ނަންގަތް އެއްޗިއްސަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި 'މޮޅެތި' އެއްޗިއްސެވެ. އެކަން ގުޅެނީ، އެއްކޮޅުން، އެ އެއްޗެހި އަދާކުރާ ވަޒީފާއާއެވެ. އެ އެއްޗެހިން ލިބޭ ޚިދުމަތާއެވެ. މީގެ އިތުރުން އެއެއްޗެހީގެ އަގާ ވެސް މެއެވެ. މި އެއްޗިއްސަކީ ވަރަށް ވެސް އަގު ބޮޑު އެއްޗިއްސެވެ. އެހެން ވުމުން ވެސް އެ އެއްޗެހި 'މޮޅު' އެއްޗެހިކަމުގައި ބެލެވެއެވެ.

ގޭތެރޭ ކޮޓަރިއަކުން ފެންނަ އެއްޗެހީގެ އިތުރުން، އެހެން ދާއިރާތަކުގައި ވެސް އިންސާނާ ވަނީ ވަރަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިސާލަކަށް، ސީލިން ފަންކާ، އެއަރ ކޮންޑިޝަނަރު، އައިސް އަލަމާރި، މައިކުރޯވޭވެ އަވަން، މިހެން ގޮސް ކިޔައިފި ނަމަ، ލިސްޓު ވަރަށް ވެސް ދިގުވާނެއެވެ. ގެއިން ބޭރަށް ބަލާލި ނަމަވެސް ހަމަ އެފަދައެވެ. ބޮޑެތި ބޮޑތި އުސްއުސް އިމާރަތްތަކާއި ބުރިޖުތަކެވެ. ހޮސްޕިޓާތަކާއި އެތަންތަނުގައި ބޭނުންކުރާ އާލާތްތަކެވެ. ކޮމްޕިޔުޓަރުތަކާއި ލެޕްޓޮޕްތަކާއި އައިޕެޑްތަކާއި ފޯނުތަކެވެ. ދުއްވާ އުޅަނދުތަކެވެ. މިއިން ކޮންމެ އެއްޗަކީ ވެސް އިންސާނީ ކުރިއެރުން ދައްކުވައިދޭ ކަމެކެވެ. އިލްމު އުނގެނި، އެކަމުގެ އަލީގައި އިންސާނީ ސިކުނޑި ތަރައްގީވެފައި މިންވަރެވެ. އަދި، މީގެ އިތުރުން، ކިޔެވުމުގެ މުހިއްމުކަމާއި ފައިދާ ބުނެދޭ ކަންކަން ވެސް މެއެވެ.

މި ގޮތުން، އިންސާނީ ކުރިއެރުމުގެ ވާހަކަ ދައްކައި އެކަން ފާހަގަކޮށްލަން ބޭނުންވާ އިރު، މިއަދު ފާހަގަކޮށްލަން ބޭނުން ވަނީ ބޭސްވެރިކަމުގެ ދާއިރާގައި ހޯދާފައިވާ ކުރިއެރުމެވެ. އެކިއެކި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދައި، ބޭސްވެރިކަމުގެ ރޮނގުން ވެސް އިންސާނާ ވަނީ ބޮޑެތިބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މި ގޮތުން، ހޯދިފައިވާ ހުރިހާ އަގުހުރި ބޭސްތަކުގެ މައްޗަށް ބަލާލާލުމަކީ މިއަދުގެ މަގުސަދެއް ނޫނެެވެ. ނަމަވެސް، މިއަދު ނަޒަރު ހިންގާލަން ބޭނުންވަނީ ބޭސްތަކުގެ ތެރެއިން އެންމެ މޮޅު ބޭސްކަމުގައި ބެލިފައި އޮތް ބޭހެއްގެ މައްޗަށެވެ. އަދި، އެ ބޭހަކީ އެންމެ މޮޅު ބޭސްކަމުގައި ބެލެވުނީ ކީއްވެގެން ކަމާއި އަދި އެކަމުން ލިބިދޭ ފަިލާވަެއްގެ މައްޗަށް ވެސް މިއަދު ބަލާލަން ގަސްދުކުރަމެވެ.

އަގުހުރި މޮޅު ބޭސްތަކުގެ މައްޗަށް ބަލައިލާއިރު އެންމެ މޮޅު ދެބޭހުގެ ތެރޭގައި ފާހަގަކުރެވެނީ ވަރަށް ވެސް 'ދެރަ، ނިކަމެއްޗެއް' ކަމުގައި ބެލިވިދާނޭ ބޭހެކެވެ. އާދެ، ގޭގައި ވެސް ތައްޔާރުކުރެވިދާނޭ 'ލޮނު ޕެކެޓެވެ.' މި ލޮނު ޕެކެޓުގެ 'މޮޅުކަމާއި' 'މުހިއްމުކަން' އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވިފައި ވެއެވެ. އެއީ 1977ގައި މުޅި ރާއްޖެއަށް ފެތުރުނު ކޮލެރާގެ ވަބާގެ ދުވަސްވަރުއެވެ. އެ 'ދެރަ، ނިކަމެތި' ލޮނު ޕެކެޓުގެ ސަބަބުން އެތައް އެތައް ފުރާނައެއް ސަލާމަތްވިއެވެ.

ލޮނުފަކެޓުގެ މޮޅުކަން އިތުރަށް ފާހަގަކުރުމުގެ ކުރިން، ލޮނުޕެކެޓު އުފަންވީ ގޮތުގެ މައްޗަށް ވެސް ކުރު ގޮތަކަށް ނަމަވެސް ބަލާލަން ޖެހެއެވެ. ބޭހެއްގެ ގޮތުގައި މިހާރު އަޅުގަނޑުމެން ބޭނުންކުރާ ލޮނު ޕެކެޓު ވުޖޫދަށްއައީ މިދިޔަ މީލާދީ ގަރުނުގެ މެދެއްހާ ހިސާބުގައެވެ. އެކަމުގެ ޝަރަފު ލިބެނީ އެކަމުގެ ރިސާޗު ސައިންޓިސްޓެއް ކަމުގައިވާ ރޮބަރޓް އެލަން ފިލިޕްސްއަށެވެ. ކޮލެރާ ފަދަ ބޭރަށް ހިންގުމުގެ ބަލިތަކުގައި އިންސާނާގެ ހަށިގަނޑު ފެނާއި ލޮނު ނެތި، 'ޑީހައިޑްރޭޑް' ވެއެވެ. މިކަމުގެ ނުރައްކާ ރަޝިޔާއިންނާއި ހަންގެރީން 1831ގައި ފެނިގެން ދިޔައެވެ. އެ ވަބާގައި އެ އަހަރު އެ ދެ ރަށުން އެއްލައްކައެއްހާ މީހުން މަރުވިއެވެ. ހަމަ އެ އަހަރު މިސުރުން ކޮލެރާގެ ސަބަބުން އެއްލައްކަ ތިރީސް ހާސް މީހުން މަރުވިއެވެ. މީގެ އިތުރުން، ކޮލެރާގެ ސަބަބުން އިންޑިޔާއާއި އަދި ވެސް އިރުމަތީ އޭޝިޔާގެ ބައެއް ގައުމުތަކުން، ނަވާރަ ވަނަ ގަރުނުގެ ކުރީކޮޅު ދެ ލައްކައަށް ވުރެ ގިނަ މީހުން މަރުވިއެވެ.

މި ކަންވީ ކޮލެރާއަށް އެކަށީގެންވާ ފަރުވާއެއް ހޯދަން މަސައްކަތް ކުރަން ޖެހުމުގެ ސަބަބަކަށެވެ. އެ މަސައްކަތް ކުރުމުގައި އެންމެ ފުރަތަމަ ފާހަގަކޮށްލެވުނީ ކޮލެރާގެ ސަބަބުން މަރުވަނީ ހަށިގަނޑުން ފެނާއި ލޮނު މަދުވުމުން ކަމެވެ. ދެން، ލޮނާއި ފެން ދިނުމުން މިކަމުގެ ހައްލު ލިބޭނޭ ކަމުގައި ބެލެވުނެވެ. ނަމަވެސް، ފެނާއި ލޮނު ބޭނުންކުރެވުނަސް، ހަށިގަނޑުގެ ގުނަވަންތައް އޭގެ މައްޗަށް އުފެދިފައިވާ ސެލްތަކަށް ލޮނު ނުދާކަން އިލްމުވެރިންނަށް ފާހަގަކުރެވުނެވެ. ދެން ވެސް، އިތުރު ރިސާޗު މަސައްކަތުން އެނގުނީ ސެލްތައް އޭގެ ތެރޭގައި އޮންނަ ފެނާއި ލޮނުގެ ސާއިލުގެތެރެއިން ސެލްގެ ތެރެއަށް ލޮނު ވާސިލުވުމަށް ހަކުރު މުހިއްމުވާ ކަމެވެ. އާދެ، ސެލްގެ ތެރެއަށް ލޮނު ވާސިލުވަނީ 'ހަކުރުގެ ފާލަމެއް' މެދުވެރިކޮށެވެ. މިކަން، އެނގުމުން ލޮނު ޕެކެޓު ތައްޔާރުކުރުމުގެ މައިގަނޑު ތިން އުންސުރު އެނގުނީއެވެ. ފެނާއި ލޮނާއި ހަކުރެވެ. ކަނޑައެޅިގެންވާ ވަކި މިންތަކަކަށް މި ބައިތައް އެއްކޮށްފައި ކޮލެރާގެ ބަލިޖެހިފައިވާ މީހާއަށް ބޯންދިނުމުން އޭނާގެ ގައިން ހުސްވި ފެނާއި ލޮނު ލިބި، އޭނަ ރަނގަޅުވާން މެދުވެރިވެއެވެ.

މިހިސާބުން، މި ބޭސް މޮޅުވި ގޮތް ބަޔާން ކުރުމުގެ އިތުރުން، ކިޔެވުމުގެ މުހިއްމުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މަދަރުސާއަށާއި ޖާމިއާތަކަށް ގޮސް ކިޔަވަން ޖެހެނީ މިފަދަ އިލްމީ ހޯދުންތައް ތަފާތު ދާއިރާތަކުގައި މަސައްކަތްކޮށް ހޯދުމުގެ އެކަށޭނަކަން ލިބިގަތުމަށްޓަކައެވެ. އާދެ، އިލްމު ލިބިގަނެ، އެ ލިބިގަތް އިލްމެއްގެ އަލީގައި އިލްމު އުފެއްދުމަށްޓަކައެވެ.

ދެން، މައުޟޫއާ ދިމާއަށް އަނެއްކާވެސް އެނބުރިލަމާތޯއެވެ. އެއްކަލަ ނިކަމެތި، ދެރަ ލޮނު ޕެކެޓު އެންމެ މޮޅު ބޭހަކަށް ވެގެން ދިޔައީ ކިހިނެއް ވެގެން ހެއްޔެވެ؟ އެކަމުގެ ސަބަބުން އެތައް މިލިޔަން ފުރާނައެއް ސަލާމަތް ކުރެވުނީތީއެވެ. އެހެން އިބާރާތަކުން ނަންގަންނަ ނަމަ، އެ ބޭސް މޮޅުވީ އޭގެ ފައިދާ ބޮޑުވެގެންނެވެ. އަގު ނުކުރެވޭ ފަދަ މަންފާކުރުވަނިވި އެއްޗަކަށް އެ ބޭސް ވުމުންނެވެ!

މިއިން ލިބިގަނެވޭ އިބުރަތަކީ ކޮބާ ހެއްޔެވެ؟ މީހެއްގެ ނުވަތަ އެއްޗެއްގެ ހަގީގީ މޮޅުކަން ކަނޑައަޅާލެވެނީ މީހެއްގެ ނުވަތަ އެ އެއްޗެއްގެ ޒާތަށް ބެލެވިގެންނެއް ނޫނެވެ. އޭގެ ފައިދާއަށް ބެލިގެންނެވެ. އިންސާނިއްޔަތަށް، ނުވަތަ އޭނަގެ ޖަމާއަތަށް، އެ މީހަކު ނުވަތަ އެ އެއްޗެއް ކުރި ޚިދުމަތަށް ނުވަތަ ލިބުނު މަންފާއަށް ބެލެވިގެންނެވެ. މީހަކު، އޭނަ ވެރިއަކަށްވީމައި، ޖީ.އެމް.ޓީ.އަށް އޭނަގެ ގަޑި ހަމަކޮށްލުމުން އެއީ މޮޅުކަމެއްގެ ގޮތުގައި ފާހަގަކުރެވޭނޭ ކަމެއް ނޫނެވެ. ނޫނީ ހުސް މަގެއްގައި ކާރެއް ދުއްވާފައި އައިސް ބުރަކި ޖައްސައި ކާރު މަޑުކޮށް ދޮރު ހުޅުވާލާ ގޮތުން އެވެރިޔާއަކީ މޮޅު މީހަކަށް ނުވާނެއެވެ. ވެއްޓެމުން ދިޔަ އެއްޗެއް ބޭ އިޚްތިޔާރުގައި ހިފުމުން ވެސް އެ މީހަކީ މޮޅު މީހަކަށް ނުވެއެވެ. ދަރުމާރުކޭޓުގެ ގޮޅިއަކުން މަޖުލީހުގެ ގޮނޑިއަކަށް ދިޔުމަކުން ވެސް އެއީ މޮޅު މީހަކަށްވުން ލާޒިމުކުރާ ކަމެއް ނޫނެވެ. އެކަން ކަނޑައަޅާލަނީ އެ މީހެއްގެ ޚިދުމަތުގެ މައްޗަށް ބަލާފައެވެ. އެއްކަލަ ދެރަ ނިކަމެތި، ލޮނު ޕެކެޓު ކޮށްދިން ފަދަ، އެތައް ބަޔަކަށް ފައިދާ ކުރުވަނިވި މާތް މަތިވެރި ޚިދުމަތެއް ކުރުމުން، ލޮނު ޕަކެޓު ވެސް އެންމެ މޮޅު ބޭހުގެ ތެރޭގައި ހިމެނުނު ފަދައިން ޚިދުމަތްތެރި އެފަދަ ބަޔަކު ވެސް މޮޅު ބައެއްގެ ގޮތުގައި ގުނާލެވި ކަނޑައަޅާލެވޭނެއެވެ. އެހެންވީމާ 'މޮޅު މީހަކަށް' ވާން ބޭނުން ނަމަ، 'ލޮނު ޕަކެޓެއް' ފަދައިންވެ، އިންސާނިއްޔަތަށް ފައިދާކުރުވަނިވި ކަމެއް ކުރެވޭތޯ މަސައްކަތް ކުރާށެވެ!