ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ މަޝްހޫރު ފީފާ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުން 76 އަހަރުގައި މައްލާ މިއަދު މެންދުރުފަހު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައެވެ. މައްލާ އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތް (އޭގެ ތެރޭގައި ހަތަރު އަންހެން) ބޭފުޅުން އެބަތިއްބެވިއެވެ.
ކެންސަރު ބައްޔަށް މައްލާ ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. މީގެ ކުރިން ވެސް އިންޑިއާގައި ފަރުވާ ހޯއްދެވި މައްލާ ދެ ވަނަ ބުރުގައި އިންޑިއާ އަށް ވަޑައިގަތީ މި މަހު 11 ގައެވެ.
"ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެކެވެ. ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާ، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާ، އަދި ދައުލަތަށް ދިގުމުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމާ، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ޙާޞިލްކުރައްވާފައިވާ ޤަައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޝިއްޔަތެއްކަމުގައިވާ މައްލާ ޅަތުއްތު އަވަހާރަވި މި ހިތާމަވެރި ވަގުތު، އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެމެވެ. މާތް ﷲގެ ތަނަވަސް ރަޙުމަތާއި މަޣުފިރަތުގައި، އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މައްލާ ޅަތުއްތު ލަހައްޓަވާށިއެވެ. އާމީން." އެކްސްގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

މައްލާ: ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، ފަނޑުވުމެއް ނެތް ނަމެއް



advertisment