Support Us

ޔޫކްރެއިން ސިފައިން ގައުމުގެ ދިދަ ހިފައިގެން ރަޝިއާގެ ކާސްކް ސަރަހައްދަށް ވަދެފައި

ރަޝިއާގެ 28 ސަރަހައްދެއް ޔޫކްރެއިނަށް، 180،000 ރަޝިއާ މީހުން ބޭރަށް

ވޭތުވެދިޔަ ހަ ދުވަސް ތެރޭގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ރަޝިއާގެ 28 ސަރަހައްދެއް ހިފުމުން ރަޝިއާއިން އެ ސަރަހައްދުން ރަޝިއާގެ 180،000 މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސްފިއެވެ.

ކާސްކް ސަރަހައްދުގެ ވަގުތީ ގަވަރުނަރު އަލެކްސެއި ސްމަނޯފް ރައީސް ވްލަޑިމިއަ ޕުޓިން އަރިހުގައި މިއަދު ވިދާޅުވީ ޔޫކްރެއިންގެ ވެރިރަށް ކިއެވްއިން ފޮނުވި ފައުޖުތައް ރަޝިއާގެ ބޯޑަރު ހުރަސްކޮށް ހަތް ވަރަކަށް މޭލު އެތެރެއަށް މިހާރު ވަދެފައިވާ ކަމަށެވެ.

"ޔޫކްރެއިންގެ ލަޝްކަރުގެ ކުރީ ސަފު އޮތީ ކިހިނެތްކަމެއް ނޭނގޭ. މިއީ މިހާރު ދިމާވެފައިވާ މައްސަލައަކީ. ދުޝްމިނުން ތިބި ތަނާއި އެ ތަނެއްގައި ތިބި ވަގުތު އެނގުން މިއީ ވަރަށް މުހިންމު ކަމެއް،" ޕުޓިންއާއެކު ބޭއްވެވި ވީޑިއޯ ކޮންފަރެންސެއްގައި ސްމަނޯފް މިއަދު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް ޖަވާބުގައި ޕުޓިން ވިދާޅުވީ ޔޫކްރެއިންގެ ފައުޖުތައް ކާސްކުން ބޭރުކޮށްލެވޭނެ ކަމަށާއި ކުރި ހޯދޭނީ ރަޝިއާއަށް ކަމަށެވެ.

"ރަޝިއާގެ ދިފާއީ ވުޒާރާއަށް މިހާރު އޮތް އަމާޒަކީ އަހަރެމެންގެ ބިންތަކުން ޔޫކްރެއިން ސިފައިން ބޭރުކޮށްލައި އަހަރެމެންގެ ބޯޑަރު ބެލެހެއްޓުން ވަރުގަދަކުރުން. އަހަރެމެންނަށް މި ހުރިހާ އަމާޒަކަށް ޝައްކެތް ނެތް ގޮތުގައި ވާސިލުވެވޭނެ،" މި ވީޑިއޯ ކޮންފަރެންސްގައި ޕުޓިން ވިދާޅުވިއެވެ.

ރަޝިއާގެ އަސްކަރިއްޔާއަށް ޕުޓިން ގޮވައިލެއްވީ ޔޫކްރެއިން ސިފައިން ރަޝިއާގެ ބިންތައް ސުންނާފަތިކުރަމުންދާ މައްސަލަ ހުއްޓުވައިލުމަށެވެ.

ޕުޓިން މި ވީޑިއޯ ކޮންފަރެންސް ކުރިއަށްގެންދެވި ވަގުތު ވެސް ކާސްކްގެ އިތުރުން ބިލްގަރަދު ސަރަހައްދުން ރަޝިއާގެ އޮފިޝަލުން ވަޑައިގަތީ އާއްމުން އެހެން ހިސާބުތަކަށް ގެންދަވަމުންނެވެ. ރަޝިއާގެ އޮފިޝަލުން ވިދާޅުވީ ބިލްގަރަދަށް ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދެމުން ދިޔަ ކަމަށެވެ.

ބިލްގަރަދުގެ ގަވަރުނަރު ވިޗިސްލާފް ގްލެޑްކޯފް ވިދާޅުވީ ކްރޭސްނަޔަ ޔެރުގާ އަވަށުން އާއްމުން ނެރެން ޖެހުނީ ޔޫކްރެއިންގެ ސިފައިން ބޯޑަރު ހުރަސްކޮށް ހަމަލާ ދެމުން ދާތީ ކަމަށެވެ.

ސްމަނޯފްގެ ވާހަކައިން އެނގުނީ ހީނުކޮށް ހުއްޓައި ރަޝިއާގެ މައްޗަށް ޔޫކްރެއިންއިން ބާރު ފޯރުވަން ފެށި ކަމެވެ. ޔޫކްރެއިންގެ ބިމުން ފަސްބައިކުޅައެއްބައި ރަޝިއާއިން ހިފައިފައިވަނިކޮށެވެ. އެ ގޮތުން ކާސްކްގެ 200 އަކަ މޭލުގެ ސަރަހައްދެއް މިހާރު ވަނީ ރަޝިއާގެ ބާރުގެ ދަށުގައެވެ.

ޔޫކްރެއިން އަދި ރަޝިއާއިން ވެސް ބުނީ ޔޫކްރެއިނުން ރަޝިއާއަށް މި ގޮތަށް ވަދެގަތުމުން މި ކަން ވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ގައުމަކުން އަސްކަރީ ގޮތުން ރަޝިއާއަށް ވަދެގަތް ފުރަތަމަ ފަހަރު ކަމަށެވެ.

ޔޫކްރެއިނުން ރަޝިއާއަށް ވަދެގަތްފައިވާލެއް ބޮޑުކަން ޕުޓިންއަށް ވިސްނައިދެއްވޭތޯ ސްމަނޯފް މަސައްކަތްކުރެއްވުމުން ޕުޓިން ވަނީ ސްމަނޯފްގެ ވާހަކަ މެދުކަނޑައިލައްވައި، ޔޫކްރެއިނުން ވަދެގަތް ސަރަހައްދުގެ އިގުތިސާދީ އަދި އިންސާނީ ހާލަތާ ބެހޭ ގޮތުން އެކަނި ވާހަކަދެއްކެވުމަށް ސްމަނޯފަށް އަމުރުކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް