ތިމާގެ ހާލަތަކާ ގުޅޭ ގޮތުން، ތިމާ އަމިއްލައަށް ދެކޭ ތިމާގެ ނަފްސުގެ ބޮޑުކަމާއި ބޮޑާކަމާއި ބާރާއި އިޚްތިޔާރު ލިބިފައި އޮތުމާއި، މިފަދަ ކަންކަމީ ދާއިމަށް ދެމިގެންދާ ކަންކަމެއް ނޫނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހާލަތު ބަދަލުވެ، ތަސްވީރުން އެފެންނަ، އެއް އިރެއްގައި ގަދަ ފަދަކޮށް އޮތް ސިންގާ ފަދައިން، ނިކަމެތިވެއެވެ.
ކީރިތި ގުރުއާނުގައި މިފަދަ މީސްމީހުންގެ މިސާލުތައް ގެނެވިފައި އޮވެއެވެ. ފިރުއައުނާއި ގާރޫނު ފަދަ މީސްމީހުންނެވެ. ފިރުއައުނަށް ލިބުނު ވެރިކަމުގެ ބާރުގެ ސަބަބުން، އޭނައަށް ހީވީ އޭނަގެ އަތްމަތީ ހުރިހާ ބާރެއް އޮތްހެނެވެ. މަރާއި ދިރުން ވެސް ދިނުމުގެ ބާރު އޮތް ކަމަށް ބުނަން، އޭނަގެ ބޮޑާކަމާއި ކިބުރުވެރިކަން އޭނަ ނަފްސު އޭނައަށް ހިތްވަރު ދިނެވެ. ނަމަވެސް، އާޚިރުގައި، ޣަރަގުވެ، އަމިއްލަ ނިކަމެތިކަން އިހުސާސުވެ، ނިމިދިޔައީއެވެ.
ހަމަ އެހެންމެ، ގާރޫނުގެ މުއްސަނދިކަން، ބޮޑާވެ ކިބުރުވެރިވެ ގަތުމަށް ބާރުއެޅިއެވެ. އަދި، އެ މުއްސަނދިކަމަކީ އޭނަގެ އަމިއްލަ ނަފްސުގެ މޮޅުކަމާ ގުޅިފައި އޮތް ކަމެއް ކަމާއި އެހެންވެ، އޭނައަށް އެކަނި ހައްގު ކަމެއް ކަމަށް ދައުވާ ކުރެވުނެވެ. އާޚިރުގައި ނިމިދިޔައީ ވަރަށް ވެސް ނިކަމެތި ގޮތެއްގައެވެ. ބިންގަނޑު އޭނަ 'ދިރުވާލީއެވެ'!
ދުނިޔޭގެ ކަންކަމީ ބަދަލުވެ ބަދަލުވެ ހުންނަ ކަންކަން ކަމަށާއި، މޮޅު ކަމެއް، މަގާމެއް، ލިބުމުން އެކަމާ ބޮޑާވެ ކިބުރުވެރި ނުވަމަށް ބުނެ، އަރަބި ޅެންވެރިއަކު ލިޔެފައި އޮވެއެވެ. މުސްލިމުން މޮޅު އެތައް ކަމެއް އަންދަލުސްގައި ހާސިލުކުރުމަށް ފަހު ވެސް، ވެރިކަން ހޯދުމުގައި އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅައި އުޅުމުގެ ސަބަބުން މުޅި އަންދަލުސް ގެއްލިދިޔަ ދިޔުމުން އިބުރަތް ލިބިގަތުމަށް ވެސް ބުނެއެވެ!
1- لـكل شـيءٍ إذا مـا تـم نقصانُ فـلا يُـغرُّ بـطيب العيش إنسانُ
1- ކޮންމެ އެއްޗެއްވެސް ފުރިހަމަވުމަށްފަހު، ދެން އެއަށް އުނިކަން އާދެއެވެ. އެހެންވެ، ރަނގަޅު، ތަނަވަސް، ދިރިއުޅުމެއް ލިބިފައި އޮތުމުން، (އެކަން، ދެމިއޮވެދާނެ ކަމަށް، ހީކޮށް) އިންސާނާއަށް، މިނަންގަތް ހަގީގަތް އޮޅުނަދީގެންނުވާނެއެވެ.
2- هـي الأمـورُ كـما شاهدتها دُولٌ مَـن سَـرَّهُ زَمـنٌ ساءَتهُ أزمانُ
2- ކަލެއަށް ފެނި ފާހަގަ ކުރެވިފައިވާ ފަދައިން، އުފަލާއި ހިތާމައަކީ އެނބުރެމުން ދައުރުވަމުން ދާ ކަންކަމެކެވެ. އިންސާނާ އުފާކޮށްދޭ ދުވަސްކޮޅެއް އަތުވެއްޖެނަމަ، (އެއަށްފަހު) އޭނާ ހިތާމައިގައި ޖައްސާ އެތައް ދުވަސްތަކެއް އާދެއެވެ.
3- وهـذه الـدار لا تُـبقي على أحد ولا يـدوم عـلى حـالٍ لها شان
3- މި(ދުނިޔެވީ) ގޮވައްޗަކީ އެކަކުގެ މައްޗަށް ވެސް (އަބަދު) އޯގާތެރިވެ ރަހުމުކުރާ ތަނެއް ނޫނެވެ. (މި ދުނިޔަވީ ގޮވައްޗަކު) އެއްވެސް (މީހެއްގެ، ނުވަތަ ބައެއްގެ) ހާލަތު، (ބަދަލުނުވެ،) އެއްގޮތެއްގައި ދެމިއެއް ނޯވެއެވެ.
4- يُـمزق الـدهر حـتمًا كل سابغةٍ إذا نـبت مـشْرفيّاتٌ وخُـرصانُ
4- މަޝްރަފިއްޔަ ކަނޑި*ތަކާއި ލޮންސިތަކުން ދަހަނާއަކަށް** ގެއްލުމެއް ނުދެވުނަސް، ޒަމާން ކޮންމެ ދަހަނާއެއްމެ އެއްކޮށްވީދައި ކުދިކުދިކޮށްލައެވެ.
* މަޝްރަފިއްޔަ ކަނޑިއަކީ ފަންވަރު ރަނގަޅު، އެ ދުވަސްވަރު، އެންމެ މޮޅު ކަނޑި ކަމުގައި ހިމެނުނު ކަނޑިއެވެ.
** ސާބިޣާ މިތަނުގައި އިޝާރާތް ކުރަނީ ދަގަނޑުން ވިޔެ ތައްޔާރު ކުރެވިފައިވާ ހެދުމަކަށެވެ. އެއީ ހަނގުރާމަމަތީގައި ހަނގުރާމަވެރިޔާގެ ގައި ފޮރުވާން، އޭނާގެ ގަޔަށް މަހައިލާ ހެދުމެކެވެ. ކަނޑިއާއި ލޮންސިއާއި ތީރުގެ ހަމަލާތަކުން ދިފާއުވުމަށްޓަކައެވެ.
5- ويـنتضي كـلّ سيف للفناء ولوْ كـان ابنَ ذي يزَن والغمدَ غُمدان
5- ކޮންމެ ކަނޑިއެއްމެ އޭގެ އުރައިން ނެގި (ބޭނުންކުރެވި، ދެން) ހަލާކުވެދެއެވެ. އެކަނޑީގެ ވެރިއަކީ ޔަޒިންގެ ފުތް ސައިފު (ސައިފު ރަސްގެފާނު) ކަމަށްވެފައި އަދި އެކަނޑީގެ އުރައަކީ ޣުމްދާނު (ސައިފު ރަސްގެފާނުގެ ގަނޑުވަރުކޮޅު) ވިޔަސް ވެހެވެ.
6- أيـن الملوك ذَوو التيجان من يمنٍ وأيـن مـنهم أكـاليلٌ وتيجانُ؟
6- ޔަމަނުކަރައިގެ ރަސްކަންކުރެއްވި ތާޖުތަކުގެވެރި (ނަންހުރި) ރަސްރަސްކަލުން (މިއަދު) ކޮބާހެއްޔެވެ؟ އެރަސްރަސްކަލުންގެ އިސްތަށިފުޅުގައި އެޅުވުނު ތާޖުތަކާއި އިކުލީލުތައް* (މިއަދު) ކޮބާހެއްޔެވެ؟
* އިކުލީލަކީ، މީހަކަށް އިއްޒަތާއި ޝަރަފު ދިނުމުގެ ގޮތުން، ތާޖެއްގެ ސިފައިގައި މަލުން ނުވަތަ ފަތުން ގަތާލައި އޭނާގެ ބޮލުގައި އެޅުވޭ އެއްޗެކެވެ.
7- وأيـن مـا شـاده شـدَّادُ في إرمٍ وأين ما ساسه في الفرس ساسانُ؟
7- އިރަމު ގައި ޝައްދާދު ބިނާކުރެއްވި އިމާރާތްތައް (މިއަދު) ކޮބާ ހެއްޔެވެ؟ ފާރިސްކަރައިގައި ރަސްކަން ކުރެއްވި ސާސާނު ދަރިކޮޅުގެ ރަސްކަން މިއަދު ކޮބާ ހެއްޔެވެ؟
8- وأيـن مـا حازه قارون من ذهب وأيـن عـادٌ وشـدادٌ وقحطانُ؟
8- ގާރޫނު އެއްކުރިހާ ރަންތައް މިއަދު ކޮބާ ހެއްޔެވެ؟ އަދި އާދު އާއި ޝައްދާދު އަދި ގަޙްޠާނު(ގެ ބާރާއި މުއްސަނދިކަން މިއަދު) ކޮބާ ހެއްޔެވެ؟
9- أتـى عـلى الـكُل أمر لا مَرد له حـتى قَـضَوا فكأن القوم ما كانوا
9- މި އެންމެންގެ މައްޗަށްވެސް، އެއަށް ފުރަގަސްނުދެވޭނޭ، ތަގުދީރުގެ ނިޔާ އައެވެ. ދެން މިއެންމެން ވެސް ނެތިގެން ދިޔައީއެވެ. އަދި ކިއެއްތޯއެވެ! މި މީސްމީހުން ދުވަހަކު ދުނިޔޭގައި އުޅުނުހެން ވެސް (މިހާރަކު) ހިޔެއްނުވެއެވެ!
10- وصـار ما كان من مُلك ومن مَلِك كما حكى عن خيال الطّيف وسْنانُ
10- އަދި (އިހުގައި) އޮތް މިފަދަ ރަސްރަސްކަލުންގެ ރަސްކަން ނިދިނުނިދި އޮންނަ މީހާގެ ހިތަށް ފެންނަ ކަހަލަ ހުވަފެނީ، ޚިޔާލީ، ފެނުމަކަށް ވެގެން ދިޔައީއެވެ.
11- دارَ الـزّمانُ عـلى (دارا) وقاتِلِه وأمَّ كـسـرى فـما آواه إيـوانُ
11- ތަގުދީރުގެ ނިޔާއާއި، ދާރާ ރަސްގެފާނާއި އޭނާގެ ގާތިލުވެސް، ކުރިމަތިލާން ޖެހުނެވެ. ހަމަ އެހެންމެ ކިސްރާވެސް، އެކަމާއި، ކުރިމަތިލާން ޖެހުނެވެ. އަދި، ތަގުދީރުގެ ނިޔާއިން ރައްކާތެރިކަން ހޯދައި ސަލާމަތްވާނޭ އެއްވެސް ގޮތެއް، ކިސްރާއަކަށް ދެނެއް ނުހޯދުނެވެ.
12- كـأنما الصَّعب لم يسْهُل له سبب يـومًا ولا مَـلكَ الـدُنيا سُـليمانُ
12- އުނދަގޫ އެއްވެސް ކަމެއް ފަސޭހަވެ ދިޔުމަށް ދުވަހެއްގައިވެސް އެއްވެސް ކަމެއް މެދުވެރި ނުވި ކަހަލައެވެ. އަދި ސުލައިމާނުގެފާނު ވެސް ވެރިކަމެއް ނުކުރައްވާ ކަހަލައެވެ.
13- فـجائعُ الـدهر أنـواعٌ مُـنوَّعة ولـلـزمان مـسرّاتٌ وأحـزانُ
13- ޒަމާނުގެ ހިތްހަލާކުކޮށްލަނިވި މުސީބާތްތައް ތަފާތުވެފައި ގިނަގުނައެވެ. އަދި ޒަމާން ގެނެސްދޭ އުފާތަކާއި ހިތާމަތައް ވެސް ވެއެވެ.
14- ولـلـحوادث سُـلـوان يـسهلها ومـا لـما حـلّ بالإسلام سُلوانُ
14- ޒަމާން ގެނެސްދޭ ހިތާމަވެރި ހާދިސާތަކަށް ތަސައްލީއެއް، ލުޔެއް، ލިބިދާނެ އެވެ. ނަމަވެސް އިސްލާމް ދީނަށް މިދިމާވި (ހިތާމަވެރި) ކަންތައްތަކަށް ތަސައްލީއެއް ލިބިދޭނޭ އެއްވެސް ކަމެއް ނެތެވެ.
(މި ބައިތު އިޝާރަތް ކުރަނީ، ހަޔާތުގެ ހުރިހާ މައިދާނެއްގައި، ބޮޑެތި ބޮޑެތި ކާމިޔާބީތައް ހޯދުމަށް ފަހު ވެސް، އަދި މުސްލިމުންގެ ބާރުވެރިކަމުގައި އަށެއްކަ ސަތޭކަ އަހަރު އޮތުމަށް ފަހު ވެސް، ސިޔާސީ ކޯޅުންތަކުގެ ސަބަބުން އަންދަލުސް ގެއްލި ދިޔުމުގެ ހާދިސާއަށެވެ. އާދެ، މުސްލިމުންގެ އަތުން އަމިއްލަ އެދުމުން ފުރިފައިވާ ވެރިންތަކެއް، އިސްލާމީ ގިޔާދަތުގައި ތިބުން މެދުވެރިވުމުގެ ހިތި ނަތީޖައެވެ! އަދި ހަމަ އެހެންމެ، މިފަދަ ކަންކަން ހިނގަމުންދާ އިރު، ކުޅިބަލައި އަތް ޖަހަން ނޫނީ މަލާމާތުގެ ބަސްތައް ރައްދުކޮށް ހަޅޭލަވަން ތިބޭ އާންމު ރައްޔިތެއް ވެސް އޮތުމާއެވެ!
އެހެން ވިޔަސް، އަދުވެސް މިކަމުން އިބުރަތް ލިބިގަނެވެއެވެ. ވަރަށް ގިނަ މުސްލިމު މުޖުތަމައިން ފެންނަނީ މި މަންޒަރެވެ. ވެރިކަމަށް ދަހިވެތިވެ، އަމިއްލަ އާއިލީ ވެރިކަމެއް ދެމެހެއްޓުމުގެ މަސައްކަތަކީ ގައުމު ބިނާކުރުން ކަމަށް ދެކި، އެއްކޮޅުން، ކަންކަން ކުރެވޭ، ގިޔާދީ ވިޝަނަރީ ގާބިލު ރަނގަޅު ލީޑަރުން ތަނުގައި އުފެދި ދިޔަ ނުދިނުމަށް މަސައްކަތް ކުރެއެވެ. އަނެއްކޮޅުން، ކޮންމެހެނެއް ހަދާފައި ވެސް އެ އާއިލީ ވެރިކަން ދެމެހެއްޓުމަށްޓަކައި ބޭރުގެ ބާރުތަކުގެ އެހީ ހޯދައެވެ. އާޚިރު ނަތީޖާއަކީ އަމިއްލަ މިނިވަންކަން ގެއްލުމެވެ. ތަނުގައި ހަމަނުޖެހުން ގިނަވެ، ގައުމުގެ ދިރުން ގެއްލި ދިޔުމެވެ.
