މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރުތަކުގައި ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފައިވާ ބްރެޒިލްގެ ގޭބްރިއެލް މެޑިނަގެ އާދަޔާހިލާފު ރާޅާއެޅުމުގެ ފޮޓޯއެއް މިދިޔަ ހަފުތާގައި މުޅި ދުނިޔެއަށް ވައިރަލްވެފައިވަނިކޮށް އޮލިމްޕިކްސް ރާޅާއެޅުމުގެ ތަފާތު ފޮޓޯއެއް އަނެއްކާވެސް ނެގިއްޖެއެވެ.
ފްރާންސްގެ ޖަޒީރާއެއް ކަމަށްވާ ޕެސިފިކް ކަނޑުގެ ޓަހިޓީގައި ކުރިއަށްދާ ރާޅާއެޅުމުގެ އިވެންޓްގެ ސެމީ ފައިނަލްގައި ރާޅު އަންނަ ހިސާބުން ބޮޑުމަހެއް މައްޗަށް ފުއްމައިލި މަންޒަރުވަނީ ކެމެރާތަކަށް އަރައިފައެވެ. އަދި މިހެންވެ ކުޑަ ވަގުތުކޮޅަކަށް މުބާރާތް މެދުކަނޑައިލިއެވެ.
ބޮޑުމަސް ފުއްމައިގެން އެރީ ބްރެޒިލްގެ ޓަޓިއަނަ ވެސްޓަން-ވެބް އާއި ކޯސްޓަ ރިކާގެ ބްރިސަ ހެނެސީ ސެމީފައިނަލްގައި ވާދަކުރަނިކޮށެވެ.
ރާޅާއެޅުމުގެ މުބާރާތްތަކުގައި ބޮޑުމަހާއި ސީލް ފަދަ މަހުލޫގުން ފެނުމަކީ އާދަޔާހިލާފު ކަމެއް ނޫނެވެ. އެ ގޮތުން 2015 ގައި ދެކުނު އެފްރިކާގައި އޮތް މުބާރާތެއްގައި ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފައިވާ އޮސްޓްރޭލިއާގެ މިކް ފެނިންއަށް ހަމަލާ ދޭން މިޔަރެއް އަންނަ މަންޒަރުވަނީ ކެމެރާތަކަށް އަރައިފައެވެ. މިޔަރުގެ ގައިގައި ޖަހައި އެ ސޮރު ފައްސައިލި ނަމަވެސް ނަފުސާނީ އަދި ޖަޒުބާތީ އަސަރުތަކެއް ކުރިކަމަށް މިކް ވަނީ ބުނެފައެވެ.

މިދިޔަ ހަފުތާގައި ނެގުނު އޮލިމްޕިކްސް ރާޅާއެޅުމުގެ އާދަޔާހިލާފު ފޮޓޯގައި ފެންނަނީ ރާޅެއްގެ މަތީގައި ވައިގެ ތެރޭގައި ގޭބްރިއެލް ކޮޅަށް ހުންނަހެންނެވެ. މިއީ މި އަހަރުގެ އޮލިމްޕިކްސްގެ އިތުރުން ރާޅާއެޅުމުގެ ތާރީހުގައި ވެސް ނެގުނު އެންމެ އާދަޔާހިލާފު ކުޅިވަރު ފޮޓޯކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.
ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮލިމްޕިކްސް ކުޅިވަރުތައް ކުރިއަށްގެންދާއިރު ރާޅާއެޅުމުގެ ބައި ކުރިއަށްގެންދަނީ ފްރާންސާ 10،000 މޭލު ދުރުގައި ޕެސިފިކް ކަނޑުގައި އޮންނަ ޓަހިޓީ ޖަޒީރާގައެވެ. ބޭނުމަކީ ރަނގަޅު ރާޅުތަކެއްގައި އެޅުމަށް އެތުލީޓުންނަށް ފުރުސަތު ދިނުމުގެ އިތުރުން ފްރާންސްގެ ވެރިކަމުގެ ދަށުގައިވާ އެހެން ރަށްރަށުގައި ވެސް އޮލިމްޕިކްސް ބޭއްވުމަށް މަގުފަހިކޮށްދިނުމެވެ.
ޓަހިޓީގައި "ޓިއައިޕޫ"ގެ ނަމުން ނަން ދީފައިވާ ބޮޑެތި ހޮޅިތައް ނުވަތަ "ޓިއުބް"ތައް ލާފައި އަންނަ ރާޅުތަކަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ރާޅުތަކެކެވެ. އެ ރާޅުތަކުގައި އަޅާލުމަކީ ރާޅާއަޅާ އެތައް ބައެއްގެ ހުވަފެނެކެވެ.
ރާޅާއެޅުން އޮލިމްޕިކްސްގެ ކުޅިވަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބޭއްވީ މީގެ ތިން އަހަރު ކުރިން ޖަޕާނުގައި ބޭއްވި އޮލިމްޕިކްސްގައެވެ.



advertisment