ސްރީލަންކާގައި އަންނަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސް.އެލް.ޕީ.ޕީ) ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ޕާޓީގެ ލީޑަރު ނަމަލް ރާޖަޕަކްސަ ހަމަޖައްސަން ނިންމައިފިއެވެ.
މާދަމާ ހެނދުނު މި ކަން އިއުލާން ކުރަން ނިންމުމުން އުމުރުން 38 އަހަރުގެ ނަމާލް ވެގެންދާނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ހަގު ކެންޑިޑޭޓަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ނަމާލް ވާނީ ލަންކާގެ އެންމެ ހަގު ރައީސަށެވެ.
ނަމާލްއަށް ރިޔާސީ ކެންޑިޑޭޓްކަން ޕާޓީގެ ފަރާތުން ދޭން މިއަދު ހަމަޖެހުނީ ދައްމިކަ ޕެރޭރާ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓްކަން ދޫކޮށްލެއްވުމުންނެވެ.
ލަންކާ ރިޔާސީ އިންތިހާބު މި ބާއްވަނީ މާލީ ދަތިކަން ކުރިމަތިވެ، އިގުތިސާދީ އިސްލާހުތަކަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.
ކުރިން ލަންކާގެ ރައީސްކަމާއި ބޮޑު ވަޒީރުކަން ކުރެއްވި މަހިންދަ ރާޖަޕަކްސަގެ އެންމެ ދޮށީ ދަރިކަލުން ކަމަށްވާ ނަމަލް ދަސްވެނިވީ އިނގިރޭސި ވިލާތުގެ ލަންޑަން ޔުނިވާސިޓީން ގާނޫނީ ދާއިރާއިންނެވެ. އޭގެ ފަހުން ލަންކާގެ ލޯ ކޮލެޖްގައި ބައިވެރިވެވަޑައިގަތް ގާނޫނީ ވަކީލަކަށްވެވަޑައިގަތެވެ.
ނަމަލްވަނީ 2019 ގައި ލިމިނި ވީރަސިންހައާ ކައިވެނި ބައްލަވައިގެންފައެވެ. ދެކަނބަލުންގެ ދެ ބޭފުޅުން ތިއްބަވައެވެ.
ހަމްބަންޓޯޓާ ޑިސްޓްރިކްޓްގެ މަޖިލިސް މެންބަރުކަމަށް 2010 ގައި ނަމާލް އިންތިހާބުވެވަޑައިގަތީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވައިގެންނެވެ.
މަހިންދަ ވަނީ ހަމްބަންޓޯޓާގެ މަޖިލިސް މެންބަރުކަން 16 އަހަރު ކުރައްވައިފައެވެ. އޭގެ ފަހުން 2005 ގައި މަހިންދަ ވަނީ ލަންކާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައެވެ.
ނަމާލް ވަނީ 2015 އާއި 2020 ގައި ވެސް މަޖިލީހަށް އިންތިހާބުވެވަޑައިގަތްފައެވެ. އޭނާ 2020 ގައި ސަރުކާރުގައި ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުކަން ކުރެއްވިއެވެ. ނަމަވެސް ބޮޑުބޭބެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ކެބިނެޓް އިސްތިއުފާދެއްވުމުން ނަމާލް ވެސް އިސްތިއުފާދެއްވިއެވެ.
މިދިޔަ ޖަނަވަރީ މަހު ނަމާލް ވަނީ އިންޑިއާގެ އަޔޯދްޔާއަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި ހުރި ބާބްރީ މިސްކިތް ތަޅައިލައި އޭގެ ބަދަލުގައި ހެދި ހިންދީ ދީނުގެ ރާމް ފައްޅި ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.
މި ފަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ލަންކާގެ އިގުތިސާދު 2022 ގައި ބަނގުރޫޓުވުމަށް ފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ.
ލަންކާއަށް އިގުތިސާދީ ކާރިސާއެއް ކުރިމަތިވީ އެތައް އަހަރެއްގެ އިގުތިސާދީ އިހުމާލުވުމުގެ ސަބަބުންނެވެ. ނަތީޖާއަކަށްވީ ބޭރު ފައިސާ ނުލިބުމެވެ. މިހެންވުމުން އެންމެ އަސާސީ ތަކެތި ކަމަށްވާ ތެޔޮ ވެސް އެތެރެކުރަން ހުރަސްއެޅުނެވެ.
މި އިގުތިސާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) އާއި އިންޑިއާ އާއި އެހެން ގައުމުތަކުން އެތައް ގޮތަކުން ލަންކާއަށް އެހީވިއެވެ.
މި އިގުތިސާދީ ދަތިތައް ކުރިމަތިވުމުން 2022 ގައި އެތައް މަހެއް ވަންދެން މުޒާހަރާކުރި މީހުން ރިޔާސީ ގަނޑުވަރަށް ވަދެގަތުމުން ގޮޓަބަޔަ ވަނީ ވަގުތީ ގޮތުން ގައުމުން އަމިއްލައަށް އަރުއްވައިލައްވައިފައެވެ. މިއީ މިހާތަނަށް ލަންކާއަށް ކުރިމަތިވި އެންމެ ސީރިއަސް އިގުތިސާދީ މައްސަލައެވެ.
ގޮޓަބަޔަ އިސްތިއުފާ ދެއްވުމުން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވެވަޑައިގަތްފައެވެ. އެއަށްފަހު މަޖިލީހުން ވަނީ އޭނާއަށް ރައީސްކަން ދީފައެވެ.
ވޭތުވެދިޔަ ދެ އަހަރު ލަންކާއިން ވަނީ އައި.އެމް.އެފް އާއި އިންޑިއާ އާއި ޗައިނާއާއެކު ލޯން އެއްބަސްވުންތައް ގާއިމުކޮށްފައެވެ.



advertisment