އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބަށް މިނިވަން ކެންޑިޑޭޓެއް ގޮތަށް ކުރިމަތިލައްވައިފައިވާ ރޮބަޓް ކެނެޑީ މި އަހަރު ކުރީކޮޅުވަނީ ރައްޔިތުން ހައިރާންކޮށްލައި ކަހަލަ ވާހަކައެއް ކިޔައިދެއްވައިފައެވެ. އެއީ، އޭނާގެ ސިކުނޑީގެ ބައެއް ފަންޏެއް ކައިލިކަމަށެވެ.
މިހާރު އަނެއްކާ އާދަޔާހިލާފު ވާހަކައެއް މިވަނީ ފެންމަތިވެފައެވެ. އޭނާ ވިދާޅުވީ މީގެ 10 އަހަރު ކުރިން އޭނާ ކާރުގައި ދަތުރުކުރައްވަނިކޮށް ކުރިމަތިން ދުއްވައިފައި ދިޔަ ވޭނެއްގައި ޖެހި ތުއްތު ސާރިދޯޅެއް މަރުވި ކަމަށެވެ.
އުމުރުން 70 އަހަރުގެ ރޮބަޓް ވިދާޅުވީ އުމުރުން އެންމެ ހަ މަހުގެ އެ ސާރިދޯޅުގެ ހަށިގަނޑު މަގުމައްޗަށް ދޫކޮށްލައްވައިފައި ގެއަށް ވަޑައިގަންނަވަން ހިތްޕުޅުހަމަޖެހިވަޑައިނުގަތް ކަމަށެވެ. މިހެންވެ އެސޮރުގެ ހަށިގަނޑު އޭނާގެ ކާރު ތެރެއަށް ލެއްވީ ކަމަށެވެ.
"އަހަރެން ބޭނުންވީ އެ ހަށިގަނޑު ކައްކައިގެން ކައިލަން،" ރޮބަޓް ވިދާޅުވިއެވެ.
ވެކްސިން ދިނުމާ ދެކޮޅަށް ކެމްޕޭން ކުރައްވާ ރޮބަޓް މި ވާހަކަ ހާމަކުރެއްވީ ސޯޝަލް މީޑިއާއަށް އޭނާ ރޭ ދޫކޮށްލެއްވި ތިން މިނެޓްގެ ވީޑިއޯއެއްގައެވެ. "ދަ ނިއު ޔޯކަރ" މަޖައްލާއިން މި ރިޕޯޓް ގެނެސްދިނުމުގެ ކުރިން އޭނާ އަމިއްލައަށް މި ވާހަކަ ފުރަތަމަ ހާމަކުރެއްވުމަށް ބޭނުންފުޅުވެވަޑައިގަތީ ކަމަށް ވިދާޅުވިއެވެ.
ރޮބަޓް ވިދާޅުވީ އެ ރޭ ތަނަކަށް ފުރާވަޑައިގަންނަވަން އޮތުމާއި އަދި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވަން އޮތުމުން ވެސްޓްޗެސްޓާ ކައުންޓީގައި ހުންނަ އޭނާގެ ގެއަށް ނުވެންނެވޭނެކަން ޔަގީންވުމުން ނިއު ޔޯކް ސްޓޭޓްގެ ސެންޓްރަލް ޕާކް އާއްމުންގެ ބަގީޗާގައި އެ ސާރިދޯޅުގެ ހަށިގަނޑު ބާއްވަވަން ނިންމެވީ ކަމަށެވެ. އެ ގޮތުން އޭނާ ދުއްވަވަން އިންނެވި ވެހިކަލްގައި އޮތް އޭނާގެ ބައިސްކަލެއް ޕާކްގެ ތެރޭގައި ބާއްވަވައި، އެ ބައިސްކަލްގެ ކައިރީގައި ސާރިދޯޅުގެ ހަށިގަނޑު ބޭއްވެވި ކަމަށެވެ.
"އަހަރެން ބޭނުންވީ އެއީ ބައިސްކަލެއް ދުއްވި ކޮންމެވެސް މީހެއްގެ އަތުން މަރުވި ސާރިދޯޅެއް ކަމަށް މީހުން ހީކުރުވަން. ނަމަވެސް ހަގީގަތުގައި އަހަރެންގެ އިނގިލިތަކުގެ ނިޝާން މުޅި ބައިސްކަލުގައި ވާނެ،" ރޮބަޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ފަދަ ހިޔާލެއް އޭނާއަށް ލިބިވަޑައިގަތީ ބަނގުރާ ހިއްޕަވައިގެން މަސްތުގެ ހާލުގައި އިންނެވުމުން ނޫން ކަމަށާއި ނަމަވެސް އޭނާއާއެކު ކާރުގައި ތިބި ރަހްމަތްތެރިން ތިބީ ބަނގުރާ ބޮއިގެން ކަމަށެވެ.
"އެ މީހުންނަށް ފެނުނީ ސެންޓްރަލް ޕާކުގައި ސާރިދޯޅުގެ ހަށިގަނޑު ބާއްވަން،" އަވަހާރަކޮށްލައިފައިވާ ކުރީގެ ބަންޑާރަ ނައިބު ރޮބަޓް ކެނެޑީގެ ދަރިފުޅު ވިދާޅުވިއެވެ.
މި ތުއްތު ސާރިދޯޅުގެ ހަށިގަނޑު ފެނުމުން އެއިރު އެކަން ބޮޑު ހަބަރަކަށްވިއެވެ.
"ހަބަރަކަށް ވި ދުވަހު އަހަރެންގެ ހިތަށް އެރި 'މާތްކަލާކޯ، އަހަރެންނަށް މި ކުރެވުނީ ކޮން ކަހަލަ ކަމެއް ބާވައޭ؟'. އަހަރެން ބިރުގަތީ އަހަރެންގެ އިނގިލިތަކުގެ ނިޝާން އެ ބައިސްކަލުން ފެނިދާނެތީ،" ރޮބަޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު އެ ހާދިސާއާ އޭނާގެ ގުޅުމެއް ވާކަން އޮތީ ވަޅުލެވިފައި ކަމަށެވެ. ނަމަވެސް ދެން ވީ ގޮތަކީ ރޮބަޓާ ބެހޭ ރިޕޯޓެއް ހަދަން "ދަ ނިއު ޔޯކަރ" މަޖައްލާއިން މި ހާދިސާގެ ހަގީގަތް ހޯދަން އޭނާއާ ގުޅީ ކަމަށެވެ. މި މަޖައްލާއިން ރޮބަޓްގެ އިންޓަވިޔު އަދި ޝާއިއުއެއް ނުކުރެއެވެ.
"ސަކަރާތް ރިޕޯޓަކަށް ވާނީ،" ހިނިފުޅުވަޑުވައިފައި ރޮބަޓް ވިދާޅުވިއެވެ.



advertisment