Support Us

ބަންގްލަދޭޝްގެ ހަމަނުޖެހުންތަކުގައި މަރުވި 200 އެއްހާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ދަރިވަރުން މުޒާހަރާކުރަނީ

ބަންގްލަދޭޝްގައި މުޒާހަރާތައް އަލުން ފަށައިފި

ބަންގްލަދޭޝް ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާއާ ދެކޮޅުހެދުމުގެ ގޮތުން ދަރިވަރުން މިދިޔަ މަހު ފެށި މުޒާހަރާތަކުގައި މަރުވި 200 އަށްވުރެ ގިނަ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި، ދަރިވަރުން މުޒާހަރާތައް އަލުން ކުރިއަށްގެންދަން ފަށައިފިއެވެ.

ބޮޑު ވަޒީރު ޝައިހް ހަސީނާ އާއި އޭނާގެ ސަރުކާރު އިސްތިއުފާ ދެންދެން މަދަނީ ބަސްނޭހުމަކަށް މުޅި ގައުމު ދާން ދަރިވަރުން އިއްޔެ ވަނީ ގޮވައިލައިފައެވެ.

މުޒާހަރާތައް ފެށީ 1971 ގައި ޕާކިސްތާނުގެ އަތުން ބަންގްލަދޭޝް މިނިވަންވި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް 30 ޕަސެންޓް ވަޒީފާ ދޭން ނިންމުމުންނެވެ. މުޒާހަރާތައް ދަރިވަރުން ފެށީ ވަޒީފާ ދޭން ޖެހޭނީ މީހާގެ ގާބިލުކަމަށް ބަލައިފައިކަމަށް ބުނެއެވެ. އަދި ހަސީނާގެ މި ނިންމެވުމަކީ އޭނާގެ އަވާމީ ލީގު ޕާޓީގެ މެންބަރުންނަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށް ތުހުމަތުކޮށްފައެވެ.

ސަރުކާރާ ވާހަކަ ދެއްކުމަށް އިއްޔެ ދަރިވަރުންނަށް ދިން ދައުވަތް، މުޒާހަރާތައް ރައިވައި ގްރޫޕް "ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަން"އިންވަނީ ގަބޫލުނުކޮށްފައެވެ. އެ ގްރޫޕުން ބުނީ ވަޒީފާގެ ކޯޓާ ގެންގުޅުމަކީ ފަރުދުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ކަމަށެވެ.

"ހަސީނާ އިސްތިއުފާ ދެއްވަން ޖެހޭނެ. އަދި ޝަރީއަތާ ކުރިމަތިލައްވަން ޖެހޭނެ،" ގްރޫޕްގެ ލީޑަރު ނާހިދު އިސްލާމް އިއްޔެ ބުންޏެވެ. އޭނާ މިހެން ގޮވައިލީ ވެރިރަށް ދާކާގައި ހުންނަ ގައުމީ އަބްތާލުންގެ ގުރުބާނީ ފާހަގަ ކުރާ މޮނިއުމެންޓް ކައިރިއަށް އެއްވެފައިވާ އެތައް ހާސް ބަޔަކާ މުހާތަބުކޮށެވެ.

ދަރިވަރުންގެ ހަރަކާތަކުން ފެށި މުޒާހަރާތައް މިހާރު ބަދަލުވެފައިވަނީ އާއްމު ރައްޔިތުންގެ ހަރަކާތަކަށެވެ.

ނާހިދު ބުނީ ވެރިރަށް ދާކާގެ ކައިރީގައިވާ ގާޒީޕޫރު އަދި ކޮމިއްލާ އަވަށްތައް ކައިރީގައި ދަރިވަރުންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގި ކަމަށެވެ.

މި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ވާހަކަދެއްކުމަށް ދަރިވަރުންނަށް "ދޮރު ހުޅުވައިލައިފައިވާ ކަމަށް" ހަސީނާ އިއްޔެ ވިދާޅުވިއެވެ.

"ދަރިވަރުންގެ ހަރަކާތުގައި ހިމެނޭ ދަރިވަރުންނާއެކު އިށީނދެ، އެ މީހުން ދައްކާ ވާހަކަ އަހަރެން އަޑުއަހަން ބޭނުން. އެއްވެސް ހަމަނުޖެހުމެއް ހިނގާކަށް އަހަރެން ނޭދެން،" ހަސީނާ ވިދާޅުވިއެވެ.

މުޒާހަރާކުރާ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ހަސީނާ ވަނީ ތިން އޮފިޝަލުން ކަނޑައަޅުއްވައިފައެވެ.

މުޒާހަރާތައް ފެށީ ސަރުކާރު ވަޒީފާތަކުގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ ވަޒީފާ ވަކި ބަޔަކަށް ދޭން ކަމަށް ވިޔަސް، ސުޕްރީމް ކޯޓުން މިހާރު ވަނީ އެ ނިސްބަތް މަދުކޮށްފައެވެ.

އާބާދީގައި 171 މިލިއަން މީހުން ހިމެނޭއިރު އޭގެ ތެރެއިން 18 މިލިއަން ޒުވާނުންނަކީ ވަޒީފާ ނެތް މީހުންނެވެ. މިހެންވެ، ވަޒީފާގެ ކޯޓާގެ މައްސަލައިގައި އަލަށް ދަސްވެނިވި ޒުވާނުން ކަންބޮޑުވިއެވެ.

މުޒާހަރާތައް އޭގެ ކުރީކޮޅު ދިޔައީ އަމާންއޮމާންކަމާއެކީގައެވެ. ނަމަވެސް ފުލުހުންނާއި ސަރުކާރަށް ތާއީދުކުރާ ދަރިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރިއަށްގެންދިޔަ ދަރިވަރުންނަށް ހަމަލާތައް ދޭން ފެށުމުން މުޒާހަރާތައް ބޮޑު ހަމަނުޖެހުންތަކަކަށް ބަދަލުވިއެވެ.

އެންމެ ފަހުން ހަސީނާ ވަނީ މުޅި ގައުމުގައި ކާފިއު ހިންގަވައިފައެވެ. ސިފައިން މަގުމައްޗަށް ނެރުއްވައި، 11 ދުވަސް ވަންދެން އިންޓަނެޓްގެ ހިދުމަތް ކަނޑައިލައިފައެވެ.

ދާހިލީ ވަޒީރު އަސަދުއްޒަމާން ހާން ވިދާޅުވީ ސަލާމަތީ ބާރުތަކުން ސުލްހަވެރިކަމާއެކު މުޒާހަރާތަކުގެ ބައިވެރިންނާމެދު އަމަލުކުރި ނަމަވެސް ސަރުކާރުގެ އިމާރާތްތައް ރައްކާތެރިކުރުމަށް "ބަޑިޖަހަން މަޖުބޫރުވި" ކަމަށެވެ.

މަރުވި 200 ވަރަކަށް މީހުންގެ ތެރޭގައި 32 ކުޑަކުދިން ހިމެނެއެވެ.

މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ސަރުކާރުން ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓައިލުމަށް އދ.އިން ވަނީ ގޮވައިލައިފައެވެ. އަދި އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާތީ އެ ކަމާ ޒިންމާ ނަގަން ވެސް އދ.އިން ގޮވައިލިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކަރ ތުރުކު މިއަދު ވަނީ މުޒާހަރާކުރި މީހުންނާ ދެކޮޅަށް ސަރުކާރުން އެޅި މައިތިރިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ތަފުސީލު ދިނުމަށް ގޮވައިލައިފައެވެ. އެ ގޮތުން މަރުވި މީހުންނާއި ޒަހަމްވި މީހުންނާއި ހައްޔަރުކުރި މީހުންގެ މައުލޫމާތު ދިނުމަށް އެދިވަޑައިގަތްފައެވެ. އާއިލާތަކުގެ ބޭނުމަށެވެ.

ސަލާމަތީ ބާރުތަކުން ބޭނުންކުރި "ހައްދުންނައްޓައިފައިވާ އަދި ފުރާނައަށް ނުރައްކާވާ ފަދަ" ފިޔަވަޅުތައް ބައިނަލްއަގުވާމީ މުޖުތަމައުން ތަހުގީގުކުރަންޖެހޭނެ ކަމަށް ޔޫރަޕް އިއްތިހާދުގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ހޮސިޕް ބޮރެލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް