Support Us

ޒައިފް އަވަހާރަކޮށްލަން އިސްރާއީލު އަސްކަރިއްޔާއިން ހާން ޔޫނިސް ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާގެ އަލިފާންގަނޑު

ހަމާސްގެ އަސްކަރީ ވެރިޔާ ޒައިފް ވެސް ޝަހީދުކޮށްލައިފި

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ޖިހާދުކުރަމުންދާ ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޒައިފް އަވަހާރަކޮށްލައިފިއެވެ.

ޒައިފް ޝަހީދުކޮށްލައިފައިވަނީ މިދިޔަ މަހު 13 ވަނަ ދުވަހު ހާން ޔޫނިސް ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށް އިސްރާއީލުން އިއްޔެ ބުންޏެވެ.

"އޮކްޓޫބަރު 7 ގެ ހަމަލާ ރޭވުމުގައި އިސް ދައުރެއް އޭނާ އަދާކުރި،" އިސްރާއީލު އަސްކަރިއްޔާއިން ބުންޏެވެ.

ޒައިފް އަވަހާރަކޮށްލި ހަބަރު އިސްރާއީލުން ހާމަކުރީ ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއީލް ހަނިއްޔާ އިރާންގައި ޝަހީދުކޮށްލިތާ އެއް ދުވަސް ފަހުންނެވެ. އިސްރާއީލުން ބުނީ ޒައިފް ޝަހީދުވިކަން ކަށަވަރު ކުރެވުނީ އިސްރާއީލަށް އަލަށް ލިބުނު ޖާސޫސީ މައުލޫމާތަކުން ކަމަށެވެ.

ޒައިފް އަވަހާރަކޮށްލަން ހާން ޔޫނިސް ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާގައި އިމާރާތްތައް ސުންނާފަތިވެފައި

ހާން ޔޫނިސްގެ ރެފިއުޖީ ކޭމްޕަށް އުފަންވެވަޑައިގަތް އުމުރުން 58 އަހަރުގެ ޒައިފް އަވަހާރަވިކަން ކަށަވަރުކޮށްދެވޭނީ ހަމާސްގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑްސްއަށް ކަމަށް ހަމާސްއިން ބުންޏެވެ.

"އެ ނޫން ގޮތަކަށް ޒައިފްގެ އަވަހާރަވުމާ ބެހޭ ގޮތުން ޝާއިއު ކުރާ ހަބަރެއްގެ ޔަގީންކަން ދެނެގަނެވޭނެ ގޮތެއް ނެތް،" ހަމާސްގެ ސިޔާސީ ގޮފީގެ މެންބަރު އިއްޒަތު އަލް ރިޝްގް ބުންޏެވެ.

އިސްރާއީލުގެ އަސްކަރިއްޔާ، އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް)އިން ނެރުނު ބަޔާނެއްގައި ބުނީ ޒައިފް އާއި ހަމާސްގެ އެހެން ކޮމާންޑަރެއް ކަމަށްވާ ރަފީ ސަލާމާ ތިއްބެވި ތަނަށް މިދިޔަ މަހު 13 ގައި ވައިގެ ހަމަލާ ދިން ކަމަށެވެ. ރަފީ ޝަހީދުވިކަމަށް އިސްރާއީލުން ވަނީ މިދިޔަ މަހު ބުނެފައެވެ.

ޒައިފް ހާން ޔޫނިސްގައި ހުންނެވި އަލް-މަވާސީ ރެފިއުޖީ ކޭމްޕަކީ އިންސާނީ އެހީ ދޭ ސަރަހައްދެއް ކަމަށް ކަނޑައަޅައިފައިވީ ނަމަވެސް އިސްރާއީލުން ވަނީ އެ ތަނަށް އެ ދުވަހު ހަމަލާ ދީ 90 މީހުން ޝަހީދުކޮށްލައިފައެވެ. އިސްރާއީލުން އާއްމުކުރި ވީޑިއޯތަކުން ފެންނަނީ މަރުވެފައިވާ މީހުންގެ ހަށިތަކާއި ޓެންޓުތައް ވިއްސިވިހާލިވެފައިވާ މަންޒަރުތަކެވެ.

ޒައިފް ވަނީ ހަމާސްގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވައިފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ހަމާސް އާއި އިސްރާއީލު ހަނގުރައިމައިގައި މިހާތަނަށް ޝަހީދުވި އެންމެ އިސް އަސްކަރީ ވެރިޔަކީ ޒައިފެވެ.

ހަމާސްގެ ކޮމާންޑަރުންނާއި 14،000 އެއްހާ ހަނގުރާމަވެރިންގެ ދެބައިކުޅައެއްބައި މަރައިލައި ނުވަތަ ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލުން ބުންޏެވެ. ނަމަވެސް އިސްރާއީލުން ހަމާސް ނައްތާލާ ކަމަށް ބުނާ ސަރަހައްދުތަކުން އަނެއްކާވެސް ވަނީ ހަމާސްގެ އަސަރުތައް ފެންނަން ފަށައިފައެވެ. މި ފަދަ ސަރަހައްދުތައް ސުންނާފަތިކުރި ނަމަވެސް ފަހަކަށް އައިސް ހަމާސްގެ ހަނގުރާމަވެރިން ދަނީ އިސްރާއީލު ސިފައިންނަށް ހަމަލާ ދެމުންނެވެ.

ހާން ޔޫނިސްއަކީ 1940 ގެ އަހަރުތަކުގައި އިސްރާއީލުގެ ދައުލަތް އުފެއްދުމަށް ފަލަސްތީނުގެ ބިންތަކުން ފަލަސްތީނު ރައްޔިތުން ބޭރުކުރަން ހެދި ރެފިއުޖީ ކޭމްޕެކެވެ.

ޒައިފްގެ އަސްލު ނަމަކީ މުހައްމަދު ޒިއަބް އިބްރާހީމް އަލް-މަސްރީއެވެ. "ޒައިފް" ނުވަތަ އަރަބި ބަހުން "މެހްމާން"ގެ ވަނަން އޭނާއަށް ދިނީ އިސްރާއީލުން އޭނާއަށް ފާރަލާތީ އެކި ރޭރޭ އޭނާ އެކި ގޭގޭގައި އަވަހާރަލައްޕަވާތީއެވެ.

ޒައިފަކީ އިސްރާއީލުން އަތުލައިގަންނަން ބޭނުންވާ މީހުންގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ މީހެކެވެ. އެއީ އެތައް ޔަހޫދީންނެއް މަރައިލުމުގެ ތުހުމަތުގައެވެ. އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުން ވެސް ވަނީ އޭނާ "ޓެރަރިސްޓުން"ގެ ލިސްޓަށް ލައިފައެވެ.

ޒައިފް ޝަހީދުކޮށްލެވުމުން އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮއަވް ގެލެންޓް ބުނީ މިއީ "ޣައްޒާގެ ސަރުކާރާއި އަސްކަރިއްޔާ ހިންގާ ހަމާސް ނައްތައިލުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށެވެ.

"މިއީ އައި.ޑީ.އެފް އަދި އައި.އެސް.އޭ (އިސްރާއީލް ސެކިއުރިޓީ އެޖެންސީ) ހުށިހާރުކަމާއެކު ހިންގި އޮޕަރޭޝަނެއް. މި ކަމުން ދޭހަވަނީ ހަމާސް ރޫޅެމުންދާކަން. ހަމާސް ޓެރަރިސްޓުންނަށް ދެން ޖެހޭނީ އަމާން ދޭން ނޫނީ އެ މީހުންގެ ނެތިދިއުމާ ކުރިމަތިލާން. އޮކްޓޫބަރު ހަތެއްގެ ހަމަލާ ރާވައި އަދި ހިންގި ހަމާސްގެ ޓެރަރިސްޓުން އިސްރާއީލުގެ ދިފާއީ އިދާރާތަކުން ފަހައިދުވާނެ. މި އަމާޒުފަތްގަނޑަށް ވާސިލުނުވެވޭހާ ހިނދަކު އަހަރެމެން އަރާމެއް ނުކުރާނަން،" އެކްސްގައި ޔޮއަވް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް