Support Us

ކުރު ވާހަކަ: ރައްޔިތުންނާއި ސަރުކާރުގެ ވާހަކައެއް

ދެ މީހަކު އަލަށް ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށިއެވެ. އެ ދެމަފިރިން، އެ ދެ މީހުންނަށް ދަރިން ލިބުމުން، އެ ކުދިންނަށް ނަން ކިޔާނޭ ގޮތަކާ މެދު މަޝްވަރާކުރިއެވެ. ދެން، އަނބިމީހާ ޚިޔާލެއް ދިނެވެ. ދަރިއަކު ލިބުމުން ޓީ.ވީ. ހުޅުވާލާނީއެވެ. އަދި، ޓީ.ވީން އެންމެ ފުރަތަމަ އިވޭ ލަފްޒު، ދަރިފުޅުގެ ނަމަކަށް ކިޔާނީއެވެ!

އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް އަންހެނުން ބަލިވެ އިނދެ ދުވަސްފުރާ ލޯބި ފިރިހެން ކުއްޖަކު ލިބުނެވެ. ދެން، ކުރިން ވެސް އެއްބަސްވެފައިވާ ގޮތުގެ މަތިން ޓީ.ވީ. ހުޅުވާލިއެވެ. ފުރަތަމަ ލަފްޒަކަށް އިވުނީ 'ރައްޔިތުން' މި ލަފްޒެވެ. ދެމަފިރިން ވެސް އެއްބަސްވެފައިވާ ފަދައިން، ނިންމީ އެ ތުއްތު ދަރިފުޅަށް 'ރައްޔިތުން' މި ނަން ކިޔުމަށެވެ.

އަނެއްކާ ވެސް އޭގެ އަހަރެއްހާ ދުވަސް ފަހެވެ. އެ ދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބުނެވެ. ހަމަ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. މި ފަހަރު ވެސް ދަރިފުޅަށް ނަމެއް އިޚްތިޔާރުކޮށް ކަނޑައަޅުމުގެ ގޮތުން ޓީ.ވީ. ހުޅުވާލިއެވެ. މި ފަހަރު ޓީ.ވީން އިވުނީ 'ސަރުކާރު' މި ލަފްޒެވެ. ދެން، ދެމަފިރިން ނިންމީ އެ ދަރިފުޅަށް 'ސަރުކާރު' ކިޔުމަށެވެ.

އޭގެ ދުވަސްތަކެއް ފަހުން، އާއިލާގެ ރައްޓެއްސަކު ފޯނުކޮށްލިއެވެ. ހާލުއަހުވާލު ބަލާލައި ކަލާމުކޮށްލުމަށެވެ. ދެން އެ ރައްޓެހި މީހާ ސުއާލުކޮށްލިއެވެ. މިހާރު ދަރިންކޮޅު ކިހިނެއް ހެއްޔެވެ؟
ޖަވާބުގައި ކުދިންގެ މަންމަ ބުންޏެވެ: "ރައްޔިތުން' ހަމަ ގަދަ ނިދީގައެވެ. ވަށައިގެން ހިނގާ ކަންކަމުގެ އެއްވެސް އަސަރެއް އޭނައަކަށް ނުކުރެއެވެ. ނަމަވެސް، 'ސަރުކާރު' ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ގޮތަކަށް އަޑުތައް ލައްވަމުން، ކުޅެ މަޖާކުރަނީއެވެ!"