އެއް ދުވަހަކު، އަންހެނަކު ބާޒާރަށް ދިޔައެވެ. ފިހާރައަކުން އޭނަ ބޭނުންވާ އެއްޗެހި ގަނެގެން ކައުންޓަރަށް ފައިސާދައްކަން ގޮސް، ކުރެޑިޓު ކާޑު ނަގަންވެގެން ދަބަސް ހުޅުވާލިއެވެ. އެ ވަގުތު ކައުންޓަރުގައި އިން ކުއްޖާއަށް ދަބަހުގެ ތެރޭން ޓީ.ވީއެއްގެ ރިމޯޓު ފެނުނެވެ. ދެން، އެ ކުއްޖާ އަންހެން މީހާއާ ސުއާލުކޮށްލިއެވެ. "ދައްތާއެވެ! ދައްތަ ބާޒާރުކުރަން އަބަދުވެސް ދަނީ ޓީ.ވީގެ ރިމޯޓު ވެސް ހިފައިގެން ހެއްޔެވެ؟"
ޖަވާބުގައި އަންހެން މީހާ ބުންޏެވެ. "ނޫނެކެވެ. މިއަދު ކަންތައްވީ ގޮތުން ރިމޯޓު ގެންނަން ޖެހުނީއެވެ. އަހަރެންގެ ފިރިމީހާ އަހަންނާއެކު ބާޒާރުކުރަން އައުމަށް އިންކާރުކުރީއެވެ. އެއީ އޭނަ މާ ބަލާ ހިތްވާ ފުޓުބޯޅަ މުބާރާތެއްގެ މެޗެއް ޓީ.ވީން ދައްކާތީއެވެ. އެ މެޗު ބެލިޔަނުދޭން ޓީ.ވީގެ ރިމޯޓު ހިފައިގެން ނިކުންނަން ޖެހުނީއެވެ."
އެ ވަގުތު، ކައުންޓަރުގައި އިން ކުއްޖާގެ ހިތަށް އެރިއެވެ. އަބަދުވެސް، އަނބިމީހާ ކުރާ ކަންކަމުގައި އެހީތެރިކަމުގެ އަތެއް ފިރިމީހާ ދޭންޖެހޭނެއެވެ!
ވާހަކައައިގެ ކުރިއަށް ދަމާހެއްޔެވެ؟ އަންހެން މިހާ ގަތް އެއްޗިއްސަށް ފައިސާ ދެއްކޭ ގޮތެއް ނުވިއެވެ. ކައުންޓަރުގައި އިން ކުއްޖާ ބުނީ ފިރިމީހާ އޮތީ އެ ކާޑު ބުލޮކު ކޮށްފައެވެ. އެހެންވީމާ ކާޑުން ފައިސާ ނުދެއްކުނީއެވެ.
އެ ވަގުތު ކައުންޓަރު މީހާ ހިތަށް އެރިއެވެ. ކާމިޔާބު ގޮތެއްގައި ކައިވެންޏެއް ކުރިއަށް ގެންދިޔުމަށްޓަކައި ފިރިމީހާގެ ހޮބީތަކަށް އިހުތިރާމުކޮށް، ފިރިމީހާއަށް ވެސް އެއްބާރުލުން ދިނުން މުހިއްމެވެ.
އަނބިމީހާ ގަތް އެއްޗިއްސަށް އަނބިމީހާގެ ކާޑުން ފައިސާ ނުދެއްކުމުން، ފިރިމީހާގެ ކާޑު އޭނަގެ ދަބަހުން ނަގައި ކާޑު ދަމާލިއެވެ. އަންހެން މީހާގެ ނަސީބު ރަނގަޅުންކަމުންނޭ ވެސް ބުނެވިދާނެއެވެ. ކޮންމެއަކަސް ފިރިމީހާ، އޭނަގެ އަމިއްލަ ކާޑު އޮތީ ބުލޮކް ނުކޮށެވެ.
މިތަނުން އަނެއްކާ ވެސް ކައުންޓަރުގައި އިން ކުއްޖާ ހިތަށް އެރިއެވެ. އަނބިމީހާގެ ވިސްނުމާއި ބާރު ހުންނަ މިންވަރު ދެނަގަތުން މުހިއްމެވެ. އެއް ގޮތުން ކަމެއް ނުކުރެވުނިއްޔާ އަނެއް ގޮތުން އޭނާ ކަންކަން ކުރާނެކަން އަބަދުވެސް ހަނދާންކުރަން ޖެހެއެވެ.
ކޮންމެއަކަސް އަންހެން މީހާ ފިރިމީހާގެ ކާޑު ދަމައިލުމުން، ފައިސާ ދައްކާ މެޝިނަށް މެސެޖެއް އެރިއެވެ. "ފޯނުގައި އޮތް ނަމްބަރު ޖެހުމަށެވެ!"
ބައެއް ފަހަރު، މިކަހަލަ ކައިވެނީގެ މަދަނީ ހަނގުރާމައިގައި ފިރިމީހާ ބަލިވާ ގޮތްވުމުން، އޭނައަށް އެހީވެދޭން މެޝިން ވެސް އާދެއޭ، ކައުންޓަރުގެ އިން ކުއްޖާގެ ހިތަށް އެރިއެވެ.
ނަމަވެސް، އަބަދުވެސް، އަންހެނުން އުޅެނީ އެއް ފިޔަވަޅު ކުރީގައެވެ. އަންހެން މީހާ ރިމޯޓު ހިފައިގެން އައިރު އައީ ފިރިހެން މީހާގެ މޮބައިލް ފޯނުވެސް ހިފައިގެންނެވެ. ބާޒާރު ކުރަމުންދާ ވަގުތު ރިމޯޓު ކޮބައިތޯ ބަލަން ފިރިމީހާ ފޯނުކޮށްފާނެތީއެވެ. ދެން، އަންހެން މީހާގެ ދަބަހުން ފިރިމީހާގެ ފޯނު ނަގައި އެ ނަމްބަރު ޖަހައި ގަންތަކެތީގެ އަގަށްވާ ފައިސާ ދެއްކިއެވެ.
ފައިސާ ދެއްކުމަށް ފަހު، އެއްޗެހި ހިފައިގެން އަންހެން މީހާ ގެއަށް ދިޔައެވެ. ގެއަށް ދިޔައިރު، ގޭ ދޮރުގައި ފިރިމީހާ ނޯޓެއް ލިޔެފައި އޮތެވެ. "ޓީ.ވީގެ ރިމޯޓު ނުފެނުމުން، ރައްޓެހިންނާ އެކު ފުޓުބޯޅަ ބަލަން އެއިން މީހެއްގެ ގެއަށް މި ދިޔައީއެވެ. އާދެވޭނީ ތަންކޮޅެއް ލަހުންނެވެ. ކަމަކަށް ބޭނުން ވެއްޖެ ނަމަ، ގުޅާލާށެވެ!"
ދެން، އަންހެން މީހާ އޭނަގެ ދަބަސް ހުޅުވާލިއެވެ. ގޭގެ ތަޅުދަނޑި ކޮބައިތޯ ބަލާށެވެ. ދެން އެނގުނީ އޭނައަށް ބާޒާރުކުރަން ދެވުނީ ތަޅުދަނޑި ބާއްވައިފައި ކަމެވެ. ފިރިމީހާ ދިޔައީ އޭނަގެ ތަޅުދަނޑި ހިފައިގެންނެވެ! ގެއަށް ވަދޭވޭނޭ ގޮތެއް އަދި ފިރިމީހާއާ ގުޅޭނޭ ގޮތެއް ވެސް ނެތެވެ. ދެން، ގަތް ތަކެއްޗާ އެކު، ގޭ ދޮރުމަތީ އިށީނެވެ. ފިރިމީހާ އަންނަންދެން އޭނަގެ އިންތިޒާރުގައެވެ!
އެހެން އިން އިރު އަންހެންމީހާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. ބާޒާރުކުރަން ފިރިން ގެންދިޔުމަކީ ބޭކާރު ކަމެކެވެ. އަދި، އެ މީހުން މުށުތެރެއަށް ލައިގެން ގެންގުޅުމަކީ ވެސް ދަތިކަމެކެވެ. ޓީ.ވީގެ ރިމޯޓުގަނޑު ނުގެންދެވުނު ނަމަ، މި ހަނގުރާމައިގައި، ބަލިވެ، އަމާންދީ، މި ދަތުރެއް އަހަންނަކަށް ނުޖެހުނީހެވެ!
