ބޮކްސް އޮފީހުގައި ފުރަތަމަ ފަހަރަށް އެއް ބިލިއަން ޑޮލަރު ލިބުނު މަގުބޫލު ފިލްމް "ޓައިޓޭނިކް"ގެ ޕްރޮޑިއުސަރު ޖޮން ލެންޑޯ މަރުވެއްޖެއެވެ.
އުމުރުން 63 އަހަރުގައި ޖޮން މަރުވިއިރު، "ޓައިޓޭނިކް"ގެ ރެކޯޑް މުގުރައިލީ ވެސް އޭނާ ޕްރޮޑިއުސް ކުރި ފިލްމެކެވެ. އެއީ "އެވަޓަރ"އެވެ. "އެވަޓަރ"ގެ ދެވަނަ ބައި ވެސް ވަނީ "ޓައިޓޭނިކް"ގެ ރެކޯޑު މުގުރައިލައިފައެވެ.
ޖޮން މަރުވީ އެއް އަހަރު ދުވަހު ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށް ފަހުއެވެ.
ޕްރޮޑިއުސަރުގެ ގޮތުން "ޓައިޓޭނިކަ"ށް ލިބުނު އެންމެ މޮޅު ފިލްމްގެ އޮސްކާ އެވޯޑު ލިބުނީ ޖޮންއަށެވެ. އަދި އެ ފިލްމްގެ އަނެއް ޕްރޮޑިއުސަރަކީ ޑައިރެކްޓަރު ޖޭމްސް ކެމެރުން ކަމަށްވާތީ އޭނާއަށް ވެސް އެ ކެޓެގަރީން އޮސްކާ އެވޯޑު ލިބުނެވެ. އެއީ ޑައިރެކްޓަރަށް ދިން އޮސްކާ އެވޯޑުގެ އިތުރުންނެވެ.
ޖޮން މަރުވީ ހުކުރު ދުވަހު ކަމަށް އޭނާގެ އާއިލާ މީހަކު ބުންޏެވެ. އޭނާއަކީ ހޮލީވުޑްގެ ޕްރޮޑިއުސަރުން ކަމަށްވާ އެލީ އަދި އެޑީގެ ދަރިފުޅެވެ. ޓުވެންޓިއަތު ސެންޗަރީ ފޮކްސް ސްޓޫޑިއޯގައި ޖޮން މަސައްކަތް ކޮށްފައިވެއެވެ. އެ ގޮތުން މަޝްހޫރު ފިލްމްތައް ކަމަށްވާ "ދަ ލާސްޓް އޮފް ދަ މޮހިކަންސް" އަދި "ޑައިހާޑް 2″ އުފެއްދުމުގައި ވެސް ޖޮންގެ ހިއްސާވެއެވެ.
މީގެ އިތުރުން ޖޮން ވަނީ ކެމެރުންގެ ސްޓޫޑިއޯ ލައިޓްސްޓޯމް އެންޓަޓެއިންމަންޓްގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. "ހަނީ، އައި ޝްރަންކް ދަ ކިޑްސް" އަދި "ޑިކް ޓްރޭސީ" ފަދަ މަގުބޫލު ފިލްމްތައް ވެސް އޭނާ ޕްރޮޑިއުސްކޮށްފައިވެއެވެ.
"އަހަރެމެން ދޫކޮށް އެ ދިޔައީ ވަރުގަދަ ޕްރޮޑިއުސަރެއް އަދި ވަރުގަދަ އިންސާނެއް،" ޖޮން މަރުވި ވާހަކަ އިވުމުން "ދަ ހޮލީވުޑް ރިޕޯޓަރ" ނޫހަށް ކެމެރުން ބުންޏެވެ.
އޭނާ ބުނީ ފިލްމްގެ "ހުވަފެނީ ބާރަ"ކީ ޖޮން ގަބޫލުކުރި ކަމެއް ކަމަށެވެ.
"ޖޮން ގަބޫލު ކުރީ ފިލްމަކީ އިންސާނުންގެ އެންމެ ވަރުގަދަ އާޓް ކަމަށް. އަދި މި ފަދަ މީޑިއާއެއް ބޭނުން ކުރުމަށް އެ މީހެއްގައި އިންސާނިއްޔަތުކަން ހުންނަން ޖެހޭނެ ކަމަށް،" ކެމެރުން ބުންޏެވެ.
އޭނާ ބުނީ މީހުން ޖޮން ހަނދާން ކުރާނީ އޭނާގެ ހިތްހެޔޮކަމުގެ އިތުރުން އޭނާގެ އިބްރަތްތެރި ފިލްމްތަކަށް ކަމަށެވެ.
މަގުބޫލު "ލޯޑް އޮފް ދަ ރިންގްސް"ގެ ތިން ފިލްމް ޑައިރެކްޓް ކުރި ޕީޓަރ ޖެކްސަން އާއި އެ ތިން ފިލްމްގެ ސްކްރީންޕްލޭ ލިޔުނު ޖެކްސަންގެ އަނބިމީހާ ފްރޭން ވޯލްޝް ބުނީ ޖޮން މަރުވި ހަބަރު ލިބުމުން ފުން ހިތާމައެއް އިހުސާސް ކުރެވުނު ކަމަށެވެ. "އެވަޓަރ"ގެ ދެ ފިލްމްގެ ސްޕެޝަލް އެފެކްޓްސް ހެދީ ޖެކްސަން ދެމަފިރިންގެ ސްޓޫޑިއޯއިންނެވެ.
"ޖޮންގެ ނުފޫޒު އަންނަން އޮތް އެތައް އަހަރުތަކަކަށް ދެމިގެންދާނެ،" ޖެކްސަންގެ ދެމަފިރިން ބުންޏެވެ.
"އެވަޓަރ"ގެ ދެ ފިލްމްގައި ބައިވެރިވި ބަތަލާ ޒޯއީ ސެލްޑާނާ އިންސްޓަގްރާމްގައި ބުނީ ޖޮން މަރުވުމުން ވަރަށް ފުން އަސަރެއް ކުރި ކަމަށެވެ.
"ޖޮންގެ ވިސްނުންތެރިކަމާއި ހިތްހެޔޮކަމުން އަހަރެމެންގެ ހަޔާތަށް ރަނގަޅު ގޮތްތަކެއް ފަހިވެފައިވޭ. އެ ކަމާ އަހަރެމެން އަބަދުވެސް ޝުކުރުވެރިވަން،" ޒޯއީ ބުންޏެވެ.



advertisment