ދުނިޔޭގެ ނިސްބަތަށް ބަލާއިރު ކުޑަކުދިންނާ ދެކޮޅަށް އެކި ކަހަލަ ޖަރީމާތައް ހިންގާފައިވަނީ އެންމެ ގިނައިން އިސްރާއީލުން ކަމަށް އަދ.އިން ބުނެފިއެވެ.
އދ.ގެ ސެކްރެޓެރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް މި ހަފުތާގެ ތެރޭގައި އދ.ގެ އާއްމު މަޖިލީހަށް ހުށަހަޅުއްވަން ހަމަޖައްސަވައިފައިވާ ރިޕޯޓްގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތަކަށް އިސްރާއީލުން އަރައިގެންފައިވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރި އާއި އަދި އިސްރާއީލުގެ އެތެރޭގައި ވެސް ކަމަށެވެ.
"މިއީ ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް ވުރެ މާ ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގައިފައިވާ ޖަރީމާތަކެއް،" ރިޕޯޓްގައި ބުނެފައިވެއެވެ.
އދ.އިން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ބުނެފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، މިޔަންމާ، ސުމާލިއާ، ނައިޖީރިއާ އަދި ސޫދާނަށް ވުރެ ވެސް ބޮޑަށް ކުޑަކުދިންނާ ދެކޮޅު ޖަރީމާތައް ހިންގައިފަނީ އިސްރާއީލުން ކަމަށާއި އޭގެ ތެރޭގައި އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ބިންތައް ވެސް ހިމެނޭ ކަމަށެވެ.
އަހަރަކު އެއް ފަހަރު އދ.އިން ތައްޔާރު ކުރާ މި ރިޕޯޓްގައި އިސްރާއީލު ފުރަތަމަ ފަހަރަށް ހިމަނާފައިވާތީ އިސްރާއީލު ސަރުކާރުން ވަނީ ރަތަށް އަރައިފައެވެ.
"ހަމާސް ކަހަލަ މީހުން މަރާ ޖަމާއަތަކަށް ތާއީދު ކުރާ ފަރާތްތަކާ އެއްކޮޅަށް އެރުމުގެ މާނައަކީ އދ.ވެސް ތާރީޚުގެ 'ކަޅު ލިސްޓަ’ށް އަރާފައިވާކަން،" އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުންޏެވެ.
މި ރިޕޯޓްގައި އެންމެ ފުރިހަމަ މައުލޫމާތު އެކުނުލެވޭ ކަމަށް އދ.އިން ބުންޏެވެ. ސަބަބަކީ އދ.އިން ޗެކު ކުރަން ބޭނުންވާ ހުރިހާ ތަނަކަށް ދިއުމުގެ ފުރުސަތު ނުދިނުމުން ކަމަށެވެ. މިހެންވެ މި ލިސްޓްގައި ހިމެނެނީ ހަމައެކަނި "ވެރިފައި" ކުރެވުނު ނުވަތަ ޔަގީން ކުރެވުނު އަދަދުތައް ކަމަށް އދ.އިން ބުންޏެވެ. އެހެންކަމުން މިދިޔަ އަހަރުގެ ތެރޭގައި އިސްރާއީލާއި މި ލިސްޓަށް އަރައިފައިވާ އެހެން ގައުމުތަކުން މަރައިލައިފައި އަދި ޒަހަމްކޮށްލައިފައިވާ ކުޑަކުދިންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އދ.އިން ބުންޏެވެ.
"އިސްރާއީލާއި ޣައްޒާ އާއި ހުޅަނގު އައްސޭރި ފަދަ އިސްރާއީލުން ހިފައިފައިވާ ބިންތަކުގައި 4،360 ކުޑަކުދިންނާ ދެކޮޅަށް 8،009 ޖަރީމާ ހިންގައިފައިވޭ. މިއީ ކޮންގޯއަށްވުރެ ދެގުނަ އިތުރު އަދަދެއް. ކުޑަކުދިންނާ ދެކޮޅަށް އަނިޔާވެރިވުމުގައި ކޮންގޯ އަންނަނީ ދެވަނައަށް،" އދ.ގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި ލިސްޓްގައި ވެރިފައި ކުރެވުނީ 4،247 ފަލަސްތީނު ކުދިންނާއި 113 އިސްރާއީލުގެ ކުޑަކުދިންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ކުޑަކުދިންނާ ދެކޮޅަށް 5،698 ޖަރީމާ ހިންގައިފައިވާ ކަމަށް ދައްކައިއިރު، 116 މައްސަލައަކީ ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސްގެ ޖަރީމާތައް ކަމަށް އދ.ގެ ރިޕޯޓްގައި ބުނެފައިވެއެވެ. ފަލަސްތީނުގެ ބިންތަކުގައި ގަދަކަމުން ގެދޮރު އަޅައިގެން އުޅޭ ޔަހޫދީންގެ ފަރާތުން ކުޑަކުދިންނާ ދެކޮޅު 51 ޖަރީމާ ހިންގައިފައިވާ ކަމަށް ދައްކައިއިރު ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ އިސްލާމިކް ޖިހާދު އަލް-ގުދުސް ބްރިގޭޑްސްއިން ކުޑަކުދިންނާ ދެކޮޅަށް 21 ޖަރީމާ ހިންގައިފައިވާ ކަމަށް އދ.ގެ ރިޕޯޓްގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ހިނގި ތާރީހާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ދޭތެރޭ ފަލަސްތީނުގެ 2،051 ކުޑަކުދިން ޝަހީދުކޮށްލައިފައިވާ ކަމަށް އދ.އިން ބުނެފައިވެއެވެ.
"ގިނަ މަރުތައް ހިންގާފައިވަނީ އާބާދީ ބޮޑު ތަންތަނަށް އިސްރާއީލުގެ އަސްކަރިއްޔާއިން ގޮވާ ޒާތުގެ ހަތިޔާރުތައް ބޭނުންކޮށްފައިވާތީ،" އދ.އިން ބުންޏެވެ.
އދ.އިން ބުނީ މިއީ އަދި ޣައްޒާގައި ހިނގި ހުރިހާ ޖަރީމާތަކެއް ނޫން ކަމަށެވެ.
"ޣައްޒާއަށް ވަނުމަށް އިސްރާއީލުން ހުރަސްއަޅައިފައިވާތީ ޣައްޒާގައި ހިނގި ހުރިހާ ޖަރީމާއެއް ހޯދައިގަތުމަށް އދ.ވަނީ ނުކުޅެދިފައި،" ރިޕޯޓްގައި އދ.އިން ބުނެފައިވެއެވެ.
އދ.އިން އިތުރަށް ފާހަގަ ކުރި ގޮތުގައި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 126 ކުޑަކުދިން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ އިތުރުން 906 ކުޑަކުދިން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
"އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި އައްޑަނައެއްގެ ގޮތުގައި ކުޑަކުދިން ބޭނުން ކުރިކަމުގެ ފަސް ކޭސް ރިކޯޑް ކުރެވިފައިވޭ،" އދ.އިން ބުންޏެވެ.
އޮކްޓޫބަރު މަހުގެ ހަމަލާގެ ކުރިން ހަމާސް އާއި ފަލަސްތީން އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ވަނީ ކުޑަކުދިންނަށް "އަސްކަރީ ތަމްރީން" ހިންގައިދީ، "އަސްކަރީ ކަންތައްތައް ދައްކައި، އެކަމަށް ހުށަހަޅައިފައި" ކަމަށް އދ.ގެ ރިޕޯޓްގައި ބުނެފައިވެއެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހަށް ފަހު ކުރަން ފެށި ހަނގުރާމައިގައި ފުރަތަމަ ތިން މަހު ކުޑަކުދިންނަށް ފޯރުކޮށްދޭން ޖެހޭ އިންސާނީ އެހީއަށާއި ސިއްހީ ފަރުވާއަށް އިސްރާއީލުން ހުރަސް އެޅި 23 ހާދިސާ އދ.އިން ހާމަކޮށްފައިވެއެވެ.
"އިސްރާއީލުން ޣައްޒާގައި ފެށި ހަނގުރާމައިގައި ފަލަސްތީނުގެ ހަރުމުދަލާއި ހިދުމަތްތައް ވަނީ ސުންނާފަތިކޮށްލައިފައި. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި އދ.އިން ހިންގާ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ބޯފެނާއި ނަރުދަމާގެ ހިދުމަތާއި އަދި ގޮދަން ފުށުގެ ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ހިމެނޭ،" އދ.ގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އދ.ގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ފަލަސްތީނުގެ ކުޑަކުދިން ބަނޑުހައިހޫނުކަމަށް ހުށަހެޅިފައިވާ ކަމަށާއި ހަށިގަނޑަށް ބޭނުންވާ އެކަށީގެންވާ ކާނާ ނުލިބުމާއި ކަމަކާ ނުލައި މަރަށް ހުށަހެޅިފައިވާ ކަމަށެވެ.
"ޣައްޒާ އާއި އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރި އާއި އަދި އިސްރާއީލުގެ އެތެރޭގައި ވެސް ކުޑަކުދިންނާ ދެކޮޅަށް ހިންގައިފައިވާ ޖަރީމާތައް މީގެ ކުރިން ފެނިފައި ނުވާހާ ބޮޑުކަމުން އަހަރެންނަށް ކޮށްފައިވަނީ ފުން އަސަރެއް،" މި ރިޕޯޓް އދ.ގެ އާއްމު މަޖިލީހަށް ހުށަހަޅުއްވަމުން ދެއްވަން ހަމަޖައްސަވައިފައިވާ ތަގުރީރުގައި ގުޓެރެސް ދައްކަވާ ވާހަކައިގައި ވިދާޅުވަން ހަމަޖެހިފައިވެއެވެ.



advertisment