Support Us

އީރާނުގެ ރައީސް އަވަހާރަވުމުން ރައީސް މުއިއްޒުގެ ތައުޒިޔާ

އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާން އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ނައިބު ރައީސް މުޙައްމަދު މުޚްބަރުއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީގެ ކުއްލި ވަކިވެދިއުމަކީ އީރާނުގެ އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވާނެކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި އިސްލާމީ އަސްލުތައް ހިފެހެއްޓުމުގައި ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ ކަންކަމުގައި ފަސްޖެހިވަޑައިގަތުމެއްނެތި ގޮތް ނިންމެވުމުގެ ސަބަބުން ހިތްތަކަށް ފިނިކަން ގެނުވައި އެތައް ބަޔަކަށް ހިތްވަރު ލިބިގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މި މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިރާނުގެ ރައްޔިތުންނަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ފޮނުއްވައި، ވަކިވެދިޔަ ފަރާތްތަކުގެ ފުރާނަފުޅަށް ރަޙުމަތްލައްވައި، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި މާތް ﷲ އަށް ދުޢާ ދަންނަވާފައެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހަމަޖައްސަވައިފައެވެ.

މި ޚަބަރު ލިބިވަޑައިގަތުމާއެކު މީސް މީޑިއާގެ މަންސައެއް ކަމަށްވާ އެކްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ ތަޢުޒިޔާ ވިދާޅުވެ ޕޯސްޓެއް ކުރައްވާފައެވެ.

އިރާންގެ ރައީސް އިއްޔެ އަވަހާރަވީ، އަޒަރުބައިޖާން ކައިރީގައި ޑޭމެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި އިރާންގެ ތަބްރީޒް ސަހަރަށް ވަޑައިގަތް މަގުމަތީގައި ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފަރުބަދައެއް މައްޗަށް ވެއްޓުމުންނެވެ.

ތިން ހެލިކޮޕްޓަރުގެ ޑެލިގޭޝަންގެ ރައިސީ އިންނެވި ހެލިކޮޕްޓަރުގައި އިރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިއަން ވެސް އިންނެވިއެވެ. އަދި އިރުމަތީ އަޒަރުބައިޖާންގެ ގަވަރުނަރު މާލިކު ރަހްމަތީ އާއި އިރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއި އިރުމަތީ އަޒަރުބައިޖާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އާޔަތުﷲ މުހައްމަދު އަލީ އަލް-ހާޝިމް ވެސް އިންނެވިއެވެ.

ފަރުބަދައެއް މައްޗަށް ވެއްޓުނު ހެލިކޮޕްޓަރު ވަނީ އެއްކޮށް އަނދައިފައި ކަމަށް އިރާންގެ ރެޑް ކްރެޒެންޓް ޖަމާއަތުން އެ ސަރަހައްދަށް ފޮނުވި 40 ޓީމުން ރިޕޯޓްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *