ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަޙައްދާއެކު ބޮޑު ޤައުމެއްކަމަށާއި، ރާއްޖޭގެ ސަރަޙައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނޫންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ނުވަ ލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އިޤުތިޞާދީ ޚާއްސަ ސަރަޙައްދެއް ހިމެނޭ ބޮޑު ޤައުމެއް ކަމަށާއި އަދި އެސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން މިހާރު ހުރި ޤައުމެއް ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖެއިން ރާއްޖޭގެ އިންފާރު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމުގައި ވެސް ވިދާޅުވިއެވެ. ހަމަ އެހެންމެ ރާއްޖެއަކީ ހުރިހާ ޤައުމަކާވެސް ގާތްގުޅުން އޮންނާނެ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގައި އިތުރު ގިނަ ކަންތައްތައް ތަޢާރަފު ކުރައްވާނެކަން އިޢުލާނު ކުރެއްވިއެވެ. އެގޮތުން ކުރިން އަޅައިލުމެއް ނެތި ހުރި އަސްކަރީ ވަޞީލަތްތައް އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސް، އެތަންތަނަކީ ވެސް އަސްކަރިއްޔާގެ ބޭނުންތަކަށް އަދި ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތްކުރެވޭނޭ ފެންވަރުގެ ތަންތަނަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ހަމަޖައްސަވައިދެއްވާފައި ވާނެކަމުގައި ވިދާޅުވިއެވެ. ކޯސްޓްގާޑުގެ ކެޕޭސިޓީވެސް މި ފަސްއަހަރު ނިމޭއިރު މިހާރަށްވުރެ ދެގުނަ އިތުރު ކުރައްވާނެކަމަށާއި އެއަރ ކޯރ އަށްވެސް އިތުރު އުޅަނދުތައް އިތުރުކުރެވި، އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި ޕްލެޓްފޯމްތައްވެސް އިތުރުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި ހުރިހާ މާނައެއްގައި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުންކަމުގައެވެ.
ޤައުމު ދިފާޢުކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ދިވެހިރައްޔިތުންގެ ވެސް ވާޖިބެއް ކަމަށާ، މިނިވަންކަމާ ޤައުމުގެ ސިޔާދަތީ ކަންކަމުގައި އަޅުގަނޑުމެން ހުރިހާ ދިވެހީންގެ ފިކުރާ ދައްކާ ވާހަކަވެސް ޤައުމުގެ ޙައްގުގައި އެއްގޮތްވާން ޖެހޭނޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.



advertisment