Support Us

ހިންނަވަރުގެ ގެދޮރުވެރިކަމުގެ މައްސަލައަށް މި ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނަން: ރައީސް

ޅ. ހިންނަވަރުގެ ގެދޮރުވެރިކަމުގެ މައްސަލައަށް މި ސަރުކާރުން ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިންނަވަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެދޮރުވެރިކުރުވުމުގެ މަސައްކަތުގެ އިތުރުން، އުމްރާނީ ތަރައްޤީގެވެސް ގިނަ މަޝްރޫޢުތައް ހިންނަވަރުގައި ހިންގަން ޖެހިފައިވާކަމުގައެވެ. އެގޮތުން މަގު ހެދުމާއި، ބަނދަރުގެ މަސައްކަތްވެސް ބަދަލުތަކާއެކު ކުރިއަށްގެންދަވާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ހިންނަވަރުގެ ހިއްކާފައިވާ ސަރަހައްދުގައި ފެނާ ކަރަންޓު އަދި ނަރުދަމާ ފަދަ އަސާސީ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުތެރޭގައި ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮންމެ ދިވެހި ރައްޔިތެއްވެސް އެމަނިކުފާނަށް މުހިންމު ކަމުގައި ފާހަގަކުރައްވައި "ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް، އަޅުގަނޑު ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ހަމަހަމަ ވާނެ. އެމީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ކޮންމެ ދިވެހި ރައްޔިތަކުވެސް ކިތަންމެ އާބާދީ ކުޑަ ނުވަތަ ބޮޑު ރަށެއްގައި ހުއްޓަސް މިހާތަނަށް ހަޤީޤަތަކަށް ނުވެ ހުރި ހުރިހާ މަސައްކަތްތަކެއް ނިންމައިދީ އެކަންކަން ހަޤީޤަތަކަށް ހަދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ހިންނަވަރަށްވެސް ލިބެންޖެހޭ ފުރިހަމަ ހައްޤު ހޯއްދަވައިދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހިންނަވަރަކީ، ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ދެވަނަ މަންޒިލެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *