Support Us

ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލުތަކަށް އިތުރަށް ފައިސާ ލިބޭނެ ގޮތްތައް ފަހިކޮށްދޭން: ރައީސް

ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލުތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަދި އާމްދަނީގެ ގޮތުގައި އިތުރަށް ފައިސާލިބޭނެ ގޮތްތައް ފަހިކޮށްދެއްވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައި ސަރުކާރުގެ ބަޖެޓުން ލިބޭ ކުޑަ އެތިކޮޅެއް ކައުންސިލުތަކަށް ދީގެން ކަންކަން ކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމުގައެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި ރާއްޖެއަށް ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލުތަކަށްވެސް ޖަމާވާގޮތަށް ހެދުމަށްކަން ފާހަގަކުރެއްވިއެވެ. މިހާރު ލިބޭ ބްލޮކް ގްރާންޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ ފަސް އިންސައްތައަކީ ވެސް އެކޮމިޓީން ހިންގާ ހަރަކާތްތައް ހިންގުމަށް އެކަނި ޚާއްސަކުރެވޭ ފައިސާކަމުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ގުރައިދޫގެ ބިންހިއްކުމާއި އަދި އިތުރުކުރެވޭ ބިމުގައި ފެނާއި ނަރުދަމާ އަދި ކަރަންޓް ހިމެނޭހެން ހުރިހާ އަސާސީ ޚިދުމަތެއް ޤާއިމުކުރުމުގެ ކަންކަން ރައްޔިތުން އެދޭގޮތަށް ފުރިހަމަކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒު ހިފާނީ ކައުންސިލުން އެދުނުގޮތަށް ގިނަ ކްލާސްރޫމްތަކާއި އަދި މަލްޓިޕަރޕަސް ހޯލްވެސް ހިމެނޭ އިމާރާތެއް ތަރައްޤީކޮށްދެއްވައިގެން ކަމަށާއި ޞިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ރައްޔިތުން އެދޭ ފަދައިން ހަޤީޤީ މާނައިގައި ހޮސްޕިޓަލަކަށް އެތަން ބަދަލުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *