Support Us

މި ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭ: ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި ހަތް އާބަން ސެންޓަރު ތަރައްޤީކުރާނެ ކަމަށާއި އޭގެ ތެރޭގައި ރ. އުނގޫފާރު ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުނގޫފާރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި ހަތް އާބަން ސެންޓަރެއް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި އެންމެ މުހިންމު ކަންކަން ފުއްދަވައިދެއްވާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިޤްތިޞާދު ވަރުގަދަކޮށް، ފަސޭހަކަމާއެކު އަނބުރާ ދެއްކޭނެ ލުއި ލޯނު ސްކީމް ތަޢާފަރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސޯޝަލް ހައުސިންއަށް ކުރެވެމުންދާ މަސައްކަތްތައް އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކުޅިވަރުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ، އިޖްތިމާޢީ ތަރައްޤީގެ ދާއިރާއާއި ދެންވެސް ހުރި އެކި ދާއިރާތަކަށް ސަމާލުކަން ދީގެން އެކަންކަން ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އުނގޫފާރަކީ، ރައީސުލްޖުމްހޫރިއްޔާ ރ. އަދި ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ތިންވަނަ މަންޒިލެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *