Support Us

ރައީސުލްޖުމްހޫރިއްޔާ ދެކުނުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދގެ ބައެއް ރަށްރަށަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ ބައްދަލުކުރެއްވުންތައް ބޭއްވެވުމުގެ އިތުރުން ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، އައްޑޫ ސިޓީގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި ތިނަދޫ ސިޓީއަށް ވަޑައިގެން، ސިޓީ ކައުންސިލުތަކާ ބައްދަލުކުރެއްވިއެވެ. ހަމައެހެންމެ، ގދ އަދި ގއ ގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

އައްޑޫސިޓީގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓުކަމުގައިވާ އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކުރެއްވީ މި ދަތުރުފުޅުގެ ތެރެއިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުވައްމުލައް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މިދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން، ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކޮށްފައި ވަނީވެސް މިދަތުރުފުޅުގެ ތެރެއިންނެވެ. އަދި ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކޮށްފައި ވަނީވެސް މިދަތުރުފުޅުގެ ތެރެއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *