ކުނި މެނޭޖުކުރުމުގެ ޤައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
އެކަމަނާ މި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި، ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، އަމިއްލަ ފަރުދުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން އިޢުލާނުކޮށްދެއްވުން އޮތެވެ.
"މަގޭ ސާފު ރާއްޖެ" އަކީ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ "ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ޤައުމީ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި، އިޢުލާނުކޮށް ތަންފީޒުކުރަން ފެށުން" މި ވަޢުދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ޤައުމީ ޕްރޮގްރާމެކެވެ.
"މަގޭ ސާފު ރާއްޖެ" ޕްރޮގްރާމަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ޤާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްޤީކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ކުނި ނެގުމަށް ޚާއްޞަ 48 އުޅަނދެއް ޖަޕާނު ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވައިފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމެވެ.



advertisment