Support Us

ލެބޯޓްރީ ނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު އިފުތިތާހު ކޮށްދެއްވައިފި

ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި އެ ޚިދުމަތް ފެށުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އާންމު ޞިއްޙީ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ޚިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއް ނެތް ހަތރު ރަށެއްގައި މިއަދު މި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ޚިދުމަތް ދޭން ފަށާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ޞިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *