ރިޔާސީ ކެމްޕެއިން ތެރޭގައިވެސް ވަޢުދުވެވަޑައިގެންފައިވާ ފަދައިން، ގދ. މާވަރުލު އެއާޕޯޓު އިތުރަށް ތަރައްޤީކޮށް އެ އެއާޕޯޓާއި ގައްދޫއާ އެއްގަމުން ގުޅުވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދެކުނުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ގދ. ގައްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގދ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައްދޫގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގައްދޫގެ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫޢު ފާހަގަކުރައްވައި، އެކަން މި ސަރުކާރުން ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަށް ކޮށްދޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގައި އަދި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތައް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެ އެކަމަށް ހުވައެއްކުރުމަށްފަހު، ހަމަހަމަކަމާއެކީ އެމީހަކު އެ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް، މަގާމުތަކަށް އިންތިޚާބުވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.
"ރައްޔިތުން އިންތިޚާބެއްގައި އެމީހަކު ހޮވައި އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި، އަމާނާތްތެރިކަން އިސްކޮށް ހަމަހަމަކަން އިސްކުރަން ޖެހޭނެ. ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ ދޭތެރެ މެދުން ހުރަހަކަށް ވާންޖެހޭކަމަކަށް ހަދައިގެން ނުވާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަވައި ޤައުމު ތަރައްޤީކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.



advertisment