Support Us

އޮމަދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލުކުރެއްވުން

ތ. އޮމަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު އޮމަދޫ ފެނަކަ އޮފީސް އިމާރާތުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، އިތުރަށް ސުކޫލުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ތަފުޞީލީ ގޮތެއްގައި އެމަނިކުފާނާއި ޙިއްޞާކުރެއްވިއެވެ. އަދި ކަނބަލުންނަށް ޚާއްޞަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އަހަރެއްގެވެސް ބަޖެޓުގައި ހިމެނޭކަން ކޮށްދެއްވުމަށާއި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އޮމަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އެ ކޮމިޓީގެ ކަންބޮޑުވުންތަކާއި، އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަން ހުރުމުން ރަށުގައި ހިންގަން ބޭނުންވާ ކަންކަން ހިންގުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ ރަށަށް އެންމެ މުހިންމު ވާނެ ކަންކަން ތަރުތީބު ކޮށްލެއްވުމަށްފަހު އެމަނިކުފާނަށް ހުށަހެޅުއްވުމަށެވެ. ހަމަ އެއާއެކު ކަމާ ގުޅޭ މުއައްސަސާތަކާއެކު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރުން ކައުންސިލްތަކަށް އާމްދަނީ ހޯދުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަށް ދެއްވާފައެވެ. ހަމައެއާއެކު މިހާރު ސަރުކާރުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ރަށުގެ ތަރައްޤީއައި ކުރިއެރުމަށް މަސައްކަތްކުރެއްވުމަށް ރައީސް އިރުޝާދުދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *