Support Us

ބުރުނީ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ތ. ބުރުނީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ބުރުނީ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންކަމާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ އަޕްގްރޭޑިން މަސައްކަތް ހުއްޓިފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ފެނުގެ ނިޒާމުގެ މަސައްކަތްވެސް ހުއްޓިފައި އޮތުމުން ދިމާވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއް ކަންކަމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ތާނގައި ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ހައުސިން ޔުނިޓް ޤާއިމުކުރުމަށާއި، ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާ ކަމަށާއި، އޭ.ޓީ.އެމް ޚިދުމަތާއި، މަސްވެރިކަން ކުރުމަށް ސްޕޯޓް ފިޝިން ބޮޔެއް އަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އަންހެނުންގެ ކޮމިޓީއަށްވެސް ރޯދަމަހުގެ އިނާޔަތާއި، މެޓަރނިޓީ ލީވް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަޅު ރަށްތައް އިޙްތިޞާޞްތަކަށް ގެނައުމަށް މި ސަރުކާރުން ބާރުއަޅާނެ ކަމަށާއި، އަދި މިފަދަ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ކައުންސިލްގެ ފަރާތުން ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ހައުސިން ލޯނު ދިނުމުގައި މި ސަރުކާރުން ގެންގުޅުއްވާ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ކައުންސިލާ ޙިއްޞާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *