ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑިޔާއި، ވަޔާއި، އެއްގަމާ ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ތަނެއް ހިމެނޭހެން ބަލަހައްޓާނީ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ބޮޑު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުވެސް އަމިއްލަ ޤާބިލުކަމާއެކު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ ކަމުގައެވެ. އެގޮތުން އެކަމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް ފަށައި ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި، ލަސްތަކެއްނުވެ އެކަމުގެ ޢަމަލީ މަސައްކަތްތައް ކުރާތަން ފެންނަން ފަށާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތްވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން، އެކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަންކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި އިރާދަފުޅާއެކު އެކަން ހާސިލުކުރެވޭނެ ކަމުގައެވެ.
ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުގެ އަޑި ސަރވޭކުރުމުގެ މަސައްކަތްވެސް ކުރައްވާނީ ރާއްޖޭގައި އެކަމުގެ ޤާބިލުކަން އުފައްދަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުއަޑި ސްކޭންކޮށް މެޕްކޮށް އެހެން ބަޔަކު ގެންދިއުމަކީ ދިވެހިން ބޭނުންވާ ގޮތް ނޫންކަމުގައެވެ. އޭގެ ބަދަލުގައި ދިވެހި އަސްކަރިއްޔާ އަމިއްލަ ފައިމައްޗަށް ތެދުވެ، އެފަދަ ސްކޭންކުރުމާއި މެޕްކުރުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ހޯދައިދިނުމުގެ މަސައްކަތް ފަށައި، އެކަމަށް ބޭނުންވާ ކަންކަން ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ވެވަޑައިގެންނެވީ އެ ވަޢުދުތައް އެ ވެވަޑައިގެންނެވި ގޮތަށް އަކުރުން އަކުރަށް ފުއްދެވުމަށް ކަމުގައި ބަޔާން ކުރެއްވިއެވެ. އަދި އެކަން އެމަގުން ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އެގޮތުން ހުރިހާ ބޮޑެތި ރަށެއްގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ވޭމަންޑޫގެ މަގުތައް ހެދުމުގެ ވަޢުދުވެސް ފުއްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތްވެސް އެންމެ އިސްކަމެއްދޭ ރަށެއްގެ ގޮތުގައި ބައްލަވައިގެން ފުރިހަމަ ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަސައްކަތް މިއަހަރު ފެށޭތޯ މަސައްކަތް ކުރައްވާނެކަމަށާއި، މީގެ އިތުރުން އެރަށުގެ ސްކޫލްގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތާއި ރަށުގެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުމުގެ މަސައްކަތަކީވެސް ކުރަން ނިންމަވާފައިވާ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކޮންމެ ސިޓީއަކާއި އަތޮޅުވެރިކަން ކުރާ ރަށެއްގައި، އިސްލާމްދީނުގައި ޢީދަށް އެ އޮންނަ ޢީދުގެ އުފާ ލިބޭގޮތަށް އިންތިޒާމުތައް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ލައިޓްތައް ޖަހައި ދިއްލުމާއި ތަކްބީރުގެ އަޑުއިވޭގޮތަށް ދާދިފަހުން މާލޭގައި ކަންކަން ކުރިއަށްގެންދިޔަ ގޮތަށް އިންތިޒާމުތައް ކުރައްވާނެކަމަށާއި އަދި ކުރިއަށް އޮތް ފިޠުރު ޢީދުގައި ވޭމަންޑޫގައި އެކަން އެގޮތަށް ކުރިއަށް ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment