Support Us

ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ތ. ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން، އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި، ބަޖެޓުގައި ހިމެނެން ހުރި ގިނަ ކަންތައްތައް ހިމަނާފައިވާނެ ކަމުގައެވެ. އަދި ގުރައިދޫގެ އެއާޕޯޓްގެ މަސައްކަތަކީ އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަން ފާހަގަކުރައްވައި، އެ މަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއާޕޯޓުގެ އިތުރުން ރަށުގެ ތަރައްޤީއަށް ބޭނުންވާ އަދި ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ކަންކަންވެސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ތަރައްޤީ ރައްޔިތުންނަށް ގެނެސްދެއްވުން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *