ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓް ލިބިފައިވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން 59.6 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭ.ސީ.ސީ) އިން ބުނެފި އެވެ.
އޭސީސީން މިކަން ހާމަކުރީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ކުރީގެ ސަރުކާރުން މިދިޔަ އަހަރު އިއުލާންކުރި ގެދޮރުވެރިޔާ ސްކީލްގެ ދަށުން ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލް ކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އޭ.ސީ.ސީން ބުނީ މި މައްސަލައާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން 325 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލަށް 5،114 ޝަކުވާއެއް ވަގުތީ ލިސްޓަށް ހުށަހަޅާފައިވާއިރު 12،367 ޝަކުވާއެއް ދާއިމީ ލިސްޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭސީސީން ބުނީ ފްލެޓަށް އެދި 20،697 ފޯމް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާއިރު 18،167 ފޯމަކީ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމްތަކެއް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން 4،000 ފްލެޓް ދިނުމަށް ތިން ކޮޓަރީގެ ފްލެޓަށް 2،712 ފޯމާއި ދެ ކޮޓަރީގެ ފްލެޓަށް 1،188 ފޯމް ހުށަހަޅައިފައިވެ އެވެ. އަދި ކަސްޓަމްސްއަށް 100 ޔުނިޓަށް އެލޮކޭޓްކޮށްފައިވެ އެވެ.
އޭސީސީގެ ތަހުގީގު ޓީމުން ފާހަގަކުރި ގޮތުގައި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ހުށަހެޅި ފޯމްތަކުގެ ތެރެއިން 59.6 މީހުންގެ ޝަރުތު ހަމަނުވާއިރު ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާ 20.7 ޕަސެެންޓް ފޯމް ވެއެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަތައް ފާހަގަކުރެވިފައިވާ 19.7 ޕަސެންޓް ފޯމް ހިމެނެ އެވެ.
"އެގޮތުން 59.6 ޕަސެންޓް ފޯމްތަކަކީ ޝަރުތު ފުރިހަމަނުވި ނަމަވެސް، ފްލެޓް ލިބޭނެ ކަމަށް އޭރުގެ (ރައީސް ސޯލިހްގެ ސަރުކާރުގެ) މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ ފޯމްތައް،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން 19.7 ޕަސެންޓް ފޯމުގެ ތަފްސީލް ދެމުން އޭސީސީން ބުނީ އެ ފޯމްތަކުގެ ތެރެއިން 70 ޕަސެންްޓް ފޯމްތަކަކީ ފޯމުގައި ދީފައިވާ މައުލޫމާތާ ފުށުއެރުންތަކެއް ހުރި ފޯމްތަކެއް ކަމަށެވެ. އޭގެ ތެރެއިން 16 ޕަސެންޓް ފޯމްތަކަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާއިރު 16 ޕަސެންޓް ފޯމްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީީފައިވާ ފޯމްތަކެއް ކަމަށެވެ.
އޭސީސީގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމްތަކުގެ ތެރޭގައި މާލޭގައި 15 އަހަރު އުޅޭ ކަަމަށް ގެދޮރުވެރިވާ ޕޯޓަލަށް ހުށަހަޅައި، އެކަމަކު ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެކަން ސާބިތުކޮށްދެވިފައިނުވާއިރު ވެސް އެ ފަރާތްތަކުގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވުން ހިމެނެއެވެ. އަދި މާލޭގައި އުޅޭތާ 15 އަހަރު އުޅޭކަން ސާބިތުކުރުމަށް ހަމައެކަނި ހުށަހަޅާފައިވާ ލިޔުމަކީ އެމީހާ މާލޭގައި އުޅޭ ގޭގެ ވެރިފަރާތުން ހުށަހަޅާފައިވާ ލިޔުމެއްގެ މައްޗަށް ޝަރުތު ހަމަވާކަން ކަނޑައަޅާފައިވުމާއި ދަފްތަރުގައި ޖެހިފައިވާ ބައެއް މީހުން ވެސް 15 އަހަރު މާލޭގައި އުޅޭކަން ސާބިތުވާން ނެތް އިރު ވެސް އެފަދަ ފަރާތްތައް ވެސް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވުން ހިމެނެއެވެ.
މީގެ އިތުރުން ފޯމް އަދި ޕޮއިންްޓް ދިނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތެއް ބަލަމުންދާކަން ފޯމްގައި ބަޔާންކޮށްފައި ނުވާއިރު އެ ބަޔަށް ފޮއިންޓް ދީފައިވެ އެވެ. އަދި ދަރިއެއް ނެތް ކަމަށް ފޯމްގައި ބަޔާންކޮށް އަދި ޑީއެންއާރުގެ ޑާޓާ ބޭސްގައި ވެސް އެޕްލިކަންޓުގެ ދަރިއެއް ނެތް ކަމަށް ފެންނަން އޮންނަ އިރު ވެސް ދަރިންގެ ބަޔަށް ޕޮއިންޓް ދީފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.
އޭސީސީން ބުނީ އެ ކޮމިޝަންގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު މި ކަންކަން ހިނގާފައި ހުރީ ގޯސް ނިޔަތެއް އޮވެގެންތޯ ނުވަތަ ނޫންތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފޯމްތަކުގެ ތެރެއިން މައްސަލަ ހުރި ފޯމްތައް އަލުން މުރާޖާކުރާނެ ކަމަށް އޭސީސީން ބުންޏެވެ.
"މިސާލަކަށް ނާޖާއިޒު (ފައިދާއެއް) ހޯދައިދިނުމަށްތޯ ނުވަތަ ނާޖާއިޒު ފައިދާއެއް ހޯދުމަށްޓަަކައިތޯ މިކަންކަން ހިނގާފައި މިހިރީ، އޭގެ ޖިނާއީ ތަހުގީގެއް ހިންގަން މިއޮންނަ މިންގަނޑުގެ ތެރެއިން އަޅުގަނޑުމެން ހޯދި ކަންކަން ފުރިހަމަ ކުރުމަށްޓަކައި އިތުރަށް ކުރަން ހުރި ކަންކަން އަޅުގަނޑުމެން ކޮމިޝަންގެ ފަރާތުން ކުރިއަށް ގެންދާނަން،" އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ.
އޭސީސީން ބުނީ ތަހުގީގަށް ޖުމްލަ ގޮތެއްގައި ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރޭގައި ޝަރުތު ފުރިހަމަނުވާ ގިނަ ފަރާތްތަކެއް ހިމެނުމާއި ޕޮއިންޓް ދިނުމުގައި އިތުރަށް ޕޮއިންޓް ދިނުމާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމްތަކުގެ މައުލޫމާތު ފުށުއަރާ ކަމާއި ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައެޅުމުގަ އާއި ޕޮއިންޓް ދިނުމުގައި އެއް ހަމައަކުން އަމަލްކޮށްފައިނުވާ ކަމަށެވެ. އަދި މި ކަންކަމަށް ރިއާއަތްކޮށް ގިނަ ފަރާތްތަކެއްގެ ހައްގު ގެއްލުމުގެ އިހުމާލު އެބައޮތް ކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.



advertisment