ރައީސުލްޖުމްރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާދަމާ ރައްޔިތުންގެ މަޖިލީހަށް އިއްވަވާ ރިޔާސީ ބަޔާން ވެގެންދާނީ މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު ހުށަހަޅުއްވައިފައިނުވާ ފަދަ "އެންމެ ގައުމީ، އެންމެ ވިޝަނަރީ ބަޔާނަށް" ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ހުޅުވުމުގެ ގޮތުން ބާއްވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގައުމުގެ މި ވަގުތުގެ ހާލަތާއި އެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރުމަށް ނިންމާފައިވާ ސިޔާސަތުތައް ހާމަކުރެއްވުމާއި، ރައީސްގެ ވިޝަނަރީ ހިމެނޭ ރިޔާސީ ބަޔާން ހާމަކުރެއްވުމެވެ.
"ދިވެހި ގައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހަޅުއްވާ އެންމެ ޝާމިލް، އެންމެ ވިޝަނަރީ، ގައުމީ ތަސައްވުރުތައް (މާދަމާގެ) ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ. ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދިވެހި ޤައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް އެންމެ ވިޝަނަރީ ޤައުމީ ތަޞައްވުރުތައް މި ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ," ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ސްރެޓެޖިކް ކޮމިނިކޭޝަންސް އިބްރާހިމް ހަލީލް ވިދާޅުވިއެވެ.
މާދަމާ ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 9:00 ގައެވެ. ޖަލްސާ ފައްޓަވައިދެއްވާނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެއަށްފަހު ރައީސް ޑރ. މުއިއްޒު މަޖިލީހަށް ރިޔާސީ ބަޔާން ހުށަހަޅުއްވާނެ އެވެ. ރިޔާސީ ބަޔާނަށް ފަހު އެ ޖަލްސާ ނިމާލާނެ އެވެ.
ރިޔާސީ ބަޔާނަށްފަހު ރައްޔިތުންގެ މަޖިލީހުގެ މި އަަހަރުގެ ދެވަނަ ޖަލްސާ މާދަމާ މެންދުރު ދޭއް ޖަހާއިރު ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.



advertisment