ވިލިމާލޭގައި މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވާތީ އެ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ވިލިމާލޭގައި ކުދިންނަށާއި ބޮޑެތި މީހުންނަށް ފަތަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތަކުން ހުށަހެޅި ސުވާލަކާ ގުޅިގެން "ރައީސްގެ ޖަވާބު" ގައެވެ.
ވިލިނގިލީގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ފަތަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ފަރާތެއް ކަމުގައިވާ ޒޫނާ ނަސީމްގެ ސުވާލުގައި ބުނިގޮތުގައި ވިލިމާލޭގައި ކުދިން މޫދަށް އެރޭ ސަރަހައްދު ހިޔާމަތް ކޮށްދިނުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށާއި މިހާރު އެ ސަރަހައްދުގައި ކުދިން މޫދަށް އެރި ތިއްބާ އެ ސަރަހައްދުން ބޯޓުފަހަރު ދަތުރުކުރުމާއި ދަނގަނޑު ހިފައިގެން މަސް ހިފުވުމުގެ މަސައްކަތް ކުރަމުން ގެންދާތީ ކަންބޮޑުވާ ކަމަށެވެ.
"މިއީ ގްރޭޓާ މާލޭ ސަރަހައްދުގައި ހަަމައެކަނި ލާރިއެއް ނުދީ ކުދިންނަށް މޫދަށް އެރެންވެން އޮންނަ ތަންކޮޅު، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެތަން ކޮޅު ހިމާޔަތް ކޮށްލަދީފިއްޔާ،" ޒޫނާ ބުންޏެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވިލިމާލޭ ފަތާ ސަރަހައްދު ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަކީ މިސަރުކާރުން ކުރުމަށް ކަނޑައަޅާފައިވާ ކަމަށެެވެ.
"މިސަރަހައްދުގައި މޫދަށް އެރޭ މާގިނަ ސަރަހައްދުތަކެއް ނެތް، އެހެންވީމަ ވިލިމާލޭގަ ޒޫނާ ތި ވިދާޅުވި ގޮތަށް އެ ސަރަހައްދު ހިމާޔަތްވެގެން ދިއުމަކީ މުހިންމު ކަމެެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލެއެކޭ ވެސް އެއްފަދައިން ވިލިމާލޭގައި ވެސް ފަތަން ދަސްކޮށްދޭ ފަރާތްތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ސަރަހައްދެއް ކަނޑައަޅައިދެއްވުމަށް ޒުނާ އެދިފައިވާތީ އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ހަމަ ދިވެހިންނަށް ޓްރޭނިންގް ދިއުމާއި މިފަދަ ކަންކަމަށް ބޭނުންވާ ފުރުސަތުތައް ވެސް ވިލިމާލޭގަ އަދި މާލެ ސަރައްހައްދުގައި އެކަމަށް ޖާގަ އޮތް އެހެން ދިމަދިމާލުން ވެސް ހަމަޖައްސައިދޭނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ،
ވިލިމާލޭގެ ފަތާ ސަރަހައްދެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެންޕެއިންގެ ވައުދުފުޅުތެރޭގައި ހިމެނިފައިވާ ކަމެެކެވެ.



advertisment