18:30
އިދިކޮޅު އެމް.ޑީ.ޕީ ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މިގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްކަމުގެ މަގާމުގައި ހުންނެވި ޑރ. ޢަލީ ޙައިދަރު އަޙްމަދާއި އެޓަރނީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު އުޝާމަށް މަޖިލީހުން ރުހުން ނެތް ކަމަށް މިއަދު މެންދުރުފަހު 2.15ގައި ފާސްކުރިތާ ހަތަރު ގަޑިއިރު ތެރޭގައި، ހަވީރު 6.15ގައި، އެ ބޭފުޅުންނަށް އެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާއަކު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އައްޔަން ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް، އިދިކޮޅުގައި މެޖޯރިޓީ އޮތަސް، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ފުރަތަމަ ފަހަރެވެ. އަދި މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަނެއްކާ ވެސް އެ މަގާމަށް އައްޔަން ކުރެއްވި ވެސް ފުރަތަމަ ފަހަރެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް ޢައްޔަންކުރެއްވި ޑރ. ޢަލީ ޙައިދަރު އަޙްމަދު މި ރަސްމިއްޔާތުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރައްވައިފައެވެ. ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެ ދެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

އަދި މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު އަޙްމަދު އުޝާމު މަޤާމުގެ ހުވައިކުރެއްވުން އޮތެވެ. އެޓަރނީ ޖެނެރަލްގެ މަގާމުގެ ހުވައި ކުރެއްވީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. އަދި ހުވައި ކުރެއްވުމަށްފަހު، ހުވައިގެ އިޤްރާރުގައި އެޓަރނީ ޖެނެރަލް ސޮއިކުރެއްވިއެވެ.



advertisment