މިޞްރުގައި ބިނާކުރެވޭ ނިޔުކްލިޔަރ ހަތަރު ވަނަ ރިއެކްޓަރުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރޫސީ ރައީސް ޕޫޓިން ބައިވެރިވެވަޑައިގަންވާނެކަން ކްރެމްލިނުން އިޢުލާންކޮށްފިއެވެ.
މިޞްރުގެ ޢަސްކަރިއްޔާއާބެހޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމުގައިވާ ޖެނެރަލް ޠާރިޤުލް މަހްދީ ވިދާޅުވާ ގޮތުގައި މިއިން އެނގެނީ ރޫސީ– މިޞްރު ގުޅުންތަކުގެ ބަދަހިކަމާއި ފުޅައުކަމެވެ. މި ޞްރުގެ ހައި ޑޭމްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މި ދިޔަ ސައްތައިގެ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ސޮވިއެޓް ޔުނިއަންގެ ޒަޢީމު ނިކީޓާ ޚުރްޝޯވް މިޞްރަށް ވަޑައިގެން މިޞްރުގެ އޭރުގެ ޒަޢީމު ޖަމާލް ޢަބްދުއްނާޞިރާ ބައްދަލުކުރެއްވުމާ ވިދިގެން މިޞްރާއި ރަޝިޔާއާ ދެމެދުގައި ވަރަށް ބަދަހި ގުޅުމެއް ޤާއިމުވެގެން ދިޔައެވެ.
މިޞްރުގެ ނިޔުކްލިއަރ ރިއެކްޓަރ މަޝްރޫޢަކީ ވެސް ހައިޑޭމް ފަދަ މުހިއްމު ޤައުމީ މަޝްރޫޢެކެވެ. ހައިޑޭމާއި ނާޞިރު ލޭކުގެ މަޝްރޫއު ވިހިވަނަ ސައްތައިގެ މަޝްރޫއަކަށް ވީ ފަދައިން އެކާވީސްވަނަ ސައްތައިގެ މަޝްރޫޢަކަށް ނިޔުކްލިޔަރ ރިއެކްޓަރ މަޝްރޫޢު ވެގެންދާނެއެވެ. މި މަޝްރޫޢުގެ ނަމަކީ "ޟަބްޢާ ނިޔުކްލިއަރ މަޝްރޫޢު" އެވެ.
ޖެނެރަލް ޠާރިޤުލް މަހްދީ ވިދާޅުވާ ގޮތުގައި ރޫސީ ރައީސް ޕޫޓިން މި ރަސްމިއްޔާތުގައި ބައިވެރިވެވވަޑައިގަތުމުގައި ސިޔާސީ އިޤްތިޞާދީ ތާރީޚީ ރަމްޒުތަކެއް ވެއެވެ. މިޞްރު ބްރިކްސްގެ މެންބަރަކަށް ވުމާވިދިގެން ރޫސީ ރައީސް ޕޫޓިން މިޞްރަށް ޒިޔާރަތްކުރެއްވުމުން މިޞްރު ރަޝިޔާ ގުޅުންތައް އައު އުސްމިންތަކަކަށް އުފުލިގެންދާނެއެވެ.
މިޞްރުގެ ޤައުމީ ސަލާމަތާބެހޭ ދާރިސެއްކަމުގައިވާ އަޙްމަދު ރިފްޢަތު ވިދާޅުވާގޮތުގައި މިޞްރު- ރަޝިޔާ ގުޅުންތައް މިހާރު ވަނީ ވަރަށް ރަނގަޅު މަރްޙަލާއަކަށް ދަތުރުކޮށްފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ގުޅުންތައް ވަނީ 2014 ގައި ރަނގަޅުވާން ފަށައިފައެވެ. އަދި 2018 ވަނަ އަހަރު ވަނީ އިސްތިރާޖީ ބައިވެރިވުމާބެހޭ އިއްތިފާޤެއްގައި ސޮއިކޮށްފައެވެ. މި ކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުންތައް ވަނީ ވިހިވަނަ ސައްތައިގެ ފަސްދޮޅަހުގެ ފަހުން އުފެދުނު ގުޅުމާ އެއްފަދަ ދަރަޖައަކަށް ގުޅުންތައް ބަދަހިވެފައެވެ.
އަޙްމަދު ރިފްޢަތު ވިދާޅުވިގޮތުގައި މިޞްރު ރޫސީ ގުޅުމަކީ ހަމައެކަނި ސިޔާސީ އަދި ޢަސްކަރީ ގުޅުމެއްނޫނެވެ. މީގެ އިތުރަށް އެއީ އިޤްތިޞާދީ ގުޅުމެއްވެސްމެއެވެ. މިޞްރުގައި ރަޝިޔާއިން ކުރަމުންދާ ވުނަކުރުންތައް ވަނީ އަށް ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. ރަޝިޔާގެ މުހިއްމު ތިން ކުންފުންޏެއް މި ކަމުގައި ބައިވެރިވެއެވެ. އެއީ ގޭހާއި ޕެޓްރޯލާ ބެހޭ ގޭސްޕްރޯމް ކުންފުންޏާއި ނިޔުކްލިއަރ ހަކަތައިގެ މައިދާނުގައި ރޮސް އެޓަމް ކުންފުންޏާއި ހަވާއާ ބެހޭ މައިދާނުގައި ރޮސް ކޮސްމޮސް ކުންފުންޏެވެ.
ރޮސްއެޓަމުން މިހާރު ވަނީ ޤާހިރާގައި އެ ކުންފުނީގެ އޮފީހެއް ވެސް ހުޅުވައިފައެވެ. އެއީ ޟަބްޢާ މަޝްރޫޢު ކުރިއަށްދާ ގޮތް ބެލެހެއްޓުމަށް ޓަކައެވެ. މި މަސައްކަތަށް ޓަކައި ރަޝިޔާއިން ވަނީ ޚާއްޞަ ކުރޭންތަކާއި ސިމެންތި ގަށާ މެޝިންތައް ވެސް މިޞްރަށް ގެންގޮސްފައެވެ.
ކުރެމްލިންގެ ތަރްޖަމާނު ބިސްކޯވް ހާމަކުރެއްވި ގޮތުގައި ރައީސް ޕޫޓިންގެ ދަތުރުފުޅަށް މިހާރު ދަނީ ކަންތައްތައް ހަމަޖައްސަމުންނެވެ. ޟަބްޢާ އިސްޓޭޝަންގެ ހަތަރު ވަނަ ރިއެކްޓަރު ބެހެއްޓުމަށް ޓަކައި ކުރަންޖެހޭ ގޮނގުރިޓް މަސައްކަތް ފެށުމުގައި ރައީސް ޕޫޓިން ބައިވެރިވެވަޑައިގަންނަވާނެއެވެ. ބިސްކޯވް ނޫސްވެރިންނަށް ހާމަކުރެއްވިގޮތުގައި މި އިޙްތިފާލަކީ ވަރަށް މުހިއްމު ރަސްމިއްޔާތެކެވެ.
ބިސްކޯވް ވިދާޅުވިގޮތުގައި މިޞްރަކީ ނިޔުކްލިޔަރ މައިދާނުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޤައުމެކެވެ. "އަހުރެމެން މި ދެނީ އެންމެ ރަނގަޅު އެންމެ އަގުހެޔޮ ޚިދްމަތެވެ.މި މައިދާނުގައި އަހުރެމެންނާ ވާދަކުރެވޭނެ މީހުންނެއް ނުތިބޭނެއެވެ."
ރަޝިޔާއަކީ ދުނިޔޭގެ 60 ޤައުމެއްގައި ނިޔުކްލިޔަރ ރިއެކްޓަރުތައް ބިނާކޮށް ބަލަހައްޓާދޭ ޤައުމެކެވެ.



advertisment