އެމެރިކާއާ ހަނގުރާމަކުރުމަށް ޓަކައި ޔަމަނުގެ ޙޫސީ އަންޞާރުﷲ ޖަމާއަތުން ތަފާތު ހަތިޔާރުތަކުން ތައްޔާރުވަމުންދާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތައް ބުނެފިއެވެ.
ޙޫސީން އަތުގައި ހުރި ނުރައްކާތެރި ހަތިޔާރުގެ އެއް ބާވަތަކީ ޓީ-80 ބީވީ މަރުކާގެ ޓޭންކެވެ. މި ޓޭންކުގައި 1,100 އަހު ބާރުގެ ޓަރބިން ހުރެއެވެ. މި ޓޭންކަށް އުދުހޭ ޓޭންކުގެ ނަންދީފައި ވެއެވެ. މިއީ ސޮވިއެޓް ޔުނިޔަން ޒަމާނުގައި ހަދައިފައިވާ ޓޭންކެކެވެ. އަންޞާރުﷲ ޖަމާޢަތުން ދަނީ އެމެރިކާއާއި އިނގިރޭސިން އެއްގަމު މަގުން ޙަމަލާއެއް ދީފާނެތީ މި ޓޭންކުގެ ތަމްރީނުތައް ބާއްވަމުންނެވެ.
އަންޞާރުﷲ ޖަމާޢަތުން މި ޓޭންކު ހޯދައިފައިވަނީ ބިލޮރޫސިޔާއިންނެވެ. އެ މީހުން ވަނީ 2011ވަނަ އަހަރު މި ބާވަތުގެ 66 ޓޭންކު ހޯދައިފައެވެ. މި ޓޭންކަކީ އެމެރިކާގެ އެމް 60 އޭ–1 މަރުކާގެ ޓޭންކުތައް ހަލާކުކޮށްފައިވާ ހަތިޔާރެކެވެ. ޔަމަނުގައި ހުރި މި ޓޭންކުތައް ބައުވެގެން މިހާރު މަސައްކަތް ނުކުރާނެ ކަމަށް ހުޅަނގުން ބުނެއެވެ. އެހެނަސް ޙޫސީންނަކީ ފަންނިއްޔަތުގެ މައިދާނުގައި ވަރަށް ފުންނާބު އުސް ބައެކެވެ. އެމީހުން އަތުގައި ހުރި ވަރަށް ގިނަ ބައު ހަތިޔާރުތައް ވަނީ ޒަމާނީކޮށް ޚިދްމަތަށް ނެރެފައެވެ. އެމީހުން ވަނީ ބޮލިސްޓިކް މިސައިލާއި ޑްރޯން ފަދަ ހަތިޔާރުތައް އަމިއްލައަށް އުފައްދައި ތަރައްޤީކޮށްފައެވެ.
ރޫސީ ދިފާޢި ވުޒާރާ ބުނާގޮތުގައި ރޫސީ ޓީ-80 ބާވަތުގެ ޓޭންކަކީ ވަރަށް ކާމިޔާބުކަމާއެކު ޢަސްކަރީ މައިދާނުގައި ބޭނުންކުރެވޭ ޓޭންކެކެވެ. މިދާކަށް ދުވަހު ރަޝިޔާއިން މި ބާވަތު އައު ޓޭންކެއް އުފައްދައިފައި ވެއެވެ. އެއީ ޓީ–80 އޯ މަރުކާގެ ޓޭންކެވެ.



advertisment